ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަންގާރަ ދުވަހު ވިދާޅުވިނަމަވެސް، ސަރުކާރުގެ ވާހަކަ މިހާރު ބަދަލުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރުވެސް ގެންދަނީ ފްލެޓުތައް ދީފައިވާ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ. އެ ތަހުގީގު ނިމެނޭ ސީދާ ދުވަހެއް ބުނަން ނޭނގޭކަމަށްވެސް އޭސީސީން ބުނެއެވެ.
ވީއިރު، ތަހުގީގީ އިދާރާއަކުން ފްލެޓުތަކާ ގުޅޭ މައްސަލައެއް ބަލަމުންދަނިކޮށް މި ދެ ހަފްތާ ތެރޭގައި ފްލެޓުތައް ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާތީ ރާއްޖެއެމްވީން އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގައި ސުވާލު ކުރީމެވެ.
ވަކިން ޚާއްސަކޮށް ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ކަމަށްވާއިރު، އޭސީސީގެ ތަހުގީގާ ގުޅިގެންވެސް ފްލެޓު ލިސްޓަށް އުނިއިތުރެއް ނާންނާނެތޯ ރާއްޖެއެމްވީން ސުވާލުކުރީމެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވީ، ރައީސް ވިދާޅުވެފައި ވަނީ ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގެ ވާހަކަ ކަމަށާއި، މިވަގުތު ފްލެޓްގެ ކަންކަން އޭސިސީން ވަކި ގޮތެއް އަންގަންދެން މަޑުޖެހިފައި އޮތް ކަމަށެވެ.
އެހެންނަމަވެސް، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ރައީސް ވިދާޅުވެފައިވާ ގޮތަށް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީ އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ، ސަރުކާރުން އުއްމީދު ކުރަނީ ވީއެންމެ އަވަހަކަށް ގޮތެއް ނިންމައި ފްލެޓްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ގޮތަށް އޭސީސީން ގޮތެއް ނިންމެވުމަށް ކަމަށެވެ.
އަދި އޭސީސީން ގޮތެއް ނިމުން ލަސްވަމުންދާނަމަ، ގެޒެޓް ކުރެވިފައިވާ ލިސްޓްގައި ހިމެނޭ ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުން އިތުރުވެގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ.
ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދިނުން ލަސްވެފައިވާތީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.