ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 14:03
މެންބަރު ރާއީ
މެންބަރު ރާއީ
އެމްޑީޕީ
އެމްޑީޕީގެ ބައެއް މެމްބަރުން ޕާޓީ ބަދަލުކުރެއްވުން
ޕާޓީ ބަދަލެއް ނުކުރަން، މިއީ ޕާޓީއާއެކު ގަދަކޮށް ތިބެންވީ ވަގުތު - ރާއީ
 
ރާއީ ވިދާޅުވީ، ޕާޓީއާއެކު ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް
 
ކުއްލިއަކަށް އެމްޑީޕީ މެމްބަރުން މިގޮތަށް ޕީއެންސީއަށް ބަދަލުވެވަޑައިގަންނަވާ ސަބަބާއި، އެ މެމްބަރުންގެ އިޚުލާސްތެރިކަމާމެދު އާއްމުން ސުވާލު އުފައްދާ
 
5 ވަރަކަށް މެމްބަރުން އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ގެންދާނެކަމަށް ވަނީ މައުލޫމާތުލިބިފައި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، އެ ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވާކަމަށް ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓާއި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިތުރުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ޓެގްކުރައްވާފައެވެ. ރާއީ ވިދާޅުވީ، އަބަދުވެސް ޕާޓީއާއެކު ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް އަރުވާކަމަށެވެ.

އަދި މިއީ އެމްޑީޕީގެ އެންމެހާ މެމްބަރުން ގަދަކޮށް ތިބެންޖެހޭ ވަގުތު ކަމަށާއި، އެންމެ ބޮޑު އެދުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން، ޕާޓީގެ އާއްމު މެމްބަރުންގެ ހިތްވަރަކަށް ވެގެން ވަރުގަދަ އަޒުމަކާއެކު ޕާޓީއާއެކު ތިއްބެވުން ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

ރާއީ މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ބޮޑެތި އޮފަރތަކެއް ދީގެން، ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ބަދަލުކުރަމުންދާކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެގޮތުން 5 ވަރަކަށް މެމްބަރުން އެމްޑީޕީން ޕީއެންސީއަށް ގެންދާނެކަމަށާއި، ޕީއެންސީއަށް މިހާރު ބައެއް މެމްބަރުން ސޮއިކުރައްވާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ޕާޓީ ބަދަލުކުރެއްވި ކަމަށް އަޑު އަރާފައިވާ ބައެއް މެމްބަރުންނާ ގުޅުމަށް ރާއްޖެޓީވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި އެ މެމްބަރުންނަށް މެސެޖު ކޮށްގެންވެސް ޖަވާބު ނުދެއްވާތީ، އެ މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވިކަން ނުވަތަ ނޫންކަން ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. ކުއްލިއަކަށް އެމްޑީޕީ މެމްބަރުން މިގޮތަށް ޕީއެންސީއަށް ބަދަލުވެވަޑައިގަންނަވާ ސަބަބާއި، އެ މެމްބަރުންގެ އިޚުލާސްތެރިކަމާމެދު އާއްމުން ސުވާލު އުފައްދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް