Advertisement
ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 17:19
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ
ޕޮލިސް
ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުން
އަމާން މާހައުލެއް ޤާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން: އޭސީޕީ އާސިމް ޢަބްދުﷲ
ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން، ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކުރެވިގެންދާނެ
ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި ގައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުންނާ ގުޅިގެން ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި

އަމާން މާހައުލެއް ޤާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ މިހެން ވިދާޅުވީ ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އާސިމް ޢަބްދުﷲ އިތުރަށް ވިދާޅުވީ، ތިނަދޫގައި ހުޅުވި ޕޮލިސް ޕޯސްޓުގެ ޚިދުމަތަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައިއޮތް ރަށަކަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށާއި އަމާން މާހައުލެއް ގާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށެވެ. އަދި ފަތުރުވެރިންނަށް އެކިކަހަލަ އަނިޔާތައް ލިބިފައިހުރި ކަމަށާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމީ މަދުން ނަމަވެސް ފަތުރުވެރިންނަށް ދިމާވެފައިހުރި ކަންކަންކަމަށާއި މިފަދަ ކަންކަން މުޖުތަމައުގައި އާންމު ވެއްޖެނަމަ ފަތުރުވެރިން އައުން މަދުވެ އަމާންކަމާއި ސުލްހަ މަސަލަސްކަން ނެތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ސިފަވެ ރާއްޖޭގެ އިގުތިސާދަށް ވަންނަ ފައިސާގެ އަދަދު މަދުވެގެން ދާނެކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިންގެ ގިންތި ތެރޭގައި ދޮންވެލި ތުނޑިތަކާއި ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، އެކި ކުލަކުލައިގެ މުރަކައިން ފުރިފައިވާ ފަރުތަކުގެ ބަގީޗާތައް ހިމެނިގެން ދިއުމަކީ ﷲތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިއުމަތެއްކަމަށާއި މި ނިއުމަތްތަކުން ހިތް އުފާކޮށްލައި ހިތްހަމަޖައްސާލައި ދިވެހިރާއްޖޭގެ މިފަދަ ގުދުރަތީ ރީތިކަން ބަލައިލުމަށް އަންނަ ފަތުރުވެރިންނަށް އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން، ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެ ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ފަލްސަފާކަމުގައިވާ ކުށް އުފެދުމުގެ ކުރިން އިސްވެ އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ތަރުތީބުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މި ދިވެހި ގައުމަކީ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތްތަނަކަށް ހެދުމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި ގައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުންނާ ގުޅިގެން ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް ވާހަކަފުޅު ނިންމަވައިލައްވަމުން އާސިމް ޢަބްދުﷲ އެދިލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް