ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 07:30
އާދަމް އަތުހަރު
އާދަމް އަތުހަރު
ރާއްޖެއެމްވީ
ްަައަތުހަރުގެ މަރު
އަތުހަރުގެ މަރުގައި ފުލުހުންގެ އިހުމާލު، ސުވާލުތަކަށް ޖަވާބެއް ނުދެވުނު
އަތުހަރުގެ މަރާ ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ލިޔެފައިވަނީ "ކޮންސިސްޓެންޓް ވިތް ޑެތް ޑިއުޓު ހޭންގިން" ކަމަށެވެ. މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހިއްސާކޮށްފައިނުވެއެވެ.

މިފަަހުން ރާއްޖޭގައި ހިނގާދިޔަ ބިރުވެރި އެއް ހާދިސާއަކީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އަންހެނެއް ރަހީނު ކުރި ހާދިސާއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުގައި އެންމެން ކުރިމަތީގައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އާދަމް އަތުހަރު ހުރީ އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. 32 އަހަރުގެ އަތުހަރުގެ އަތް ދަށުން އެ އަންހެން މީހާ ސަލާމަތް ކުރުމަށް އެރޭ ފުލުހުން ކުރި ބުރަ މަސައްކަތަށް ގިނަ އާއްމުގެ ރައްޔިތުންގެ ތައުރީފާއި ފުލުުހުންގެ ވެރިންގެ ފަރާތުން ތައުރީފް ބަސްތައް ލިބިގެންދިޔައެވެ. ފުލުހުން ދެއްކީ ނަމޫނާ މަސައްކަތެއް ކަމަށް ބުނެ، އެހިތްވަރަށް ސާބަސްދިން މީހުން މަދެއް ނުވާނެއެވެ.

ނަމަވެސް އެ އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ފުލުހުންގެ އަތުގައި އޮތް މުގުރުން އޭނާގެ ބޮލުގައި ޖެހި އޭނައަށް ވަނީ ވަރަަށް ބޮޑަށް އަނިޔާވެފައެވެ. އަތުހަރުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އަތުހަރު ހުއްޓާ އޭނާގެ ހާލު ސިރިއަސްވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ 2 ސެޕްޓެންބަރު 2024 ގައެވެ.

އަތުހަރުގެ މަރާ ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ލިޔެފައިވަނީ "ކޮންސިސްޓެންޓް ވިތް ޑެތް ޑިއުޓު ހޭންގިން" ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހިއްސާކޮށްފައިނުވެއެވެ.

އަތުހަރުގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވެސް ކަންބޮޑުވުންފާޅުކޮށް ގިނަ ސުވާލުތަކެއް އުފައްދާފައިވެއެވެ. ރާއްޖެއެމްވީއަށް އަތުހަރުގެ އާއިލާއިން ބުނީ އެންމެ ފުރަތަމަ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ގެންދިޔައިރު އޭނާ ހުރީ ރަނގަޅު ކޮންޑިޝަންގައި ނޫން ކަމަށެވެ. ރަނގަޅަށް ފަރުވާ ދީފައިނުވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް މިކަން ފުލުހުން ވަނީ ދޮގުކޮށް އަތުހަރުގެ ކޭސްގައި ފުލުހުން އަމަލުކޮށްފައިވާ ޓައިމްލައިނެއް ހިއްސާކޮށްފައެވެ. ފުލުހުންނާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ ނާޑުވާއެއް ބޭނުންކޮށްގެން ކަރުގައި އަޅުވައި އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންކަމުން މިހިސާބުގައި ފުލުހުންގެ އިހުމާލު އޮތްކަން މިވަނީ ހާމަވެފައެވެ. އެއީ ފުލުހުންގެ ބެލުމުގެ ދަށަށް ނުވަތަ ޖަލަށް ވައްދާ މީހަކަށް ނާޑުވާއެއް ވެއްދުމަކީ މަނާކަމަކަށްވާތީއެވެ. އެފަދަ ބާވަތުގެ ހުރިހާ އެއްޗެއް ކުށްވެރިޔާ އަތުން އަތުލަންޖެހެއެވެ. އަދި އަތުހަރަށް ގޮޅިއާއި ހިސާބަށް ނާޑުވާއެއް ގެންދެވުނު ގޮތާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބު ދީފައިނުވެއެވެ. މިމައްސަލާގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅާނަންތޯ ކުރި ސުވާލަށް ވެސް ޖަވާބެއް ނުލިބެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވާހަކަދައްކަވަނީ

އަތުހަރުގެ އަމަލުތަކުން ވެސް އޭނާއަކީ އަމިއްލައަށް އަނިޔާއެއް ދިފާނެފަދަ މީހަކަށް ވާތީ، ހާއްސަ ސަމާލުކަމެއް ދީފައި ނުވަނީ ކީއްވެގެންތޯ ކުރި ސުވާލަށް ވެސް ޖަވާބު ލިބިފައިނުވެއެވެ. އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ފަދަ މީހެއްނަމަ އެމީހަކު މޮނިޓަރކޮށް ބަލާނެ ސްޓޭންޑަރ އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) ތަކެއް ހުރި ނަމަވެސް ފުލުހުންނަށް އަތުހަރު އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރިއިރު އެގޮޅިއަށް އެޓެންޑްވެވިފައިވަނީ 30 މިނެޓުންނެވެ.

މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ބޭނުން ކުރަން ގެނެސްފައިވާ ޓޭޒާ ގަން ބޭނުން ނުކުރި ސަބަބާއި ގުޅޭގޮތުން ވެސް ސުވާލު ކުރުމުން ޖަވާބެއް ލިބިފައިނުވެއެވެ. އަތުހަރުގެ އާއިލާއިން ފާހަގަކުރާ ގޮތުގައި ޓޭޒާ ގަން ބޭނުންކުރި ނަމަ އެހައި ބޮޑު އަނިޔާއެއް އަތުހަރަކަށް ނުލިބޭނެއެވެ. ނަމަވެސް މިހާލަތުގައި ފުލުހުން އަމަލުކުރި ގޮތުން ވަސީލަތްތައް ގާއިމްވެފައި ހުރި ނަމަވެސް މިފަދަ ހާލަތަކަށް ފުލުހުން ތައްޔާރުވެފައިނުވާކަން ބައެއް މީހުން ބުނެފައިވެއެވެ. އަދި ކުށްވެރިއަކު ކުށުގެ ވެށިން ހައްޔަރުކުރާއިރު، މަރުގެ ތުންފަތްމައްޗަށް އެމީހަކު ހުށަހެޅުމުން ފުލުހުންގެ ގާބިލްކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ އެވެ.

އަންހެނެއްގެ ކަރުގައި ވަޅި ޖައްސާ މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ސުވާލުކުރުމުން ޝިފާއު ވިދާޅުވީ އަންހެން މީހާ ހުރީ އުދަނގޫ ހާލަތެއް ކަމަށާއި، ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް އުދަނގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިއީ ކިހިނެތް ހިނގަން މެދުވެރިވި ހާދިސާއެއްތޯ ބަލައި އިތުރަށް ތަހުގީގުކުރާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

އެ މައްސަލަ އަޅުގަނޑުމެންނަށް ރިޕޯޓު ކުރެވިގެން އެ ހާދިސާ ހިނގިއިރުގައި ވިކްޓިމް ވެސް ހުރީއެއް ވަރަށް އުދަނގޫ ކޮންޑިޝަނެއްގައި. އެހެންވީމަ އަޅުގަނޑުމެންނަށް މައުލޫމާތު ސާފުކުރުމާ މިކަންތައްތަކުގައި ދިމާވި ގޮންޖެހުންތަކެއް ނޫނީ ވަގުތުތަކެއް. އެއަށްފަހު ޓައިމްލައިން ބަލާލާފި ކަމަށްވަންޏާ އަނެއް ދުވަހު އަތުހަރު ހޮސްޕިޓަލަށް ގެންދެވުނު. އަޅުގަނޑުމެން މުއްދަތު ވެސް ނެގީ އެދުވަހު. އޭގެ ޖެހިގެން އައި ދުވަހު އަނެއްކާ މިހާދިސާ ހިނގީ. ދެން މިހާރުގެ ހާލަތަށް ބަލާފިއްޔާ ދައުވާ ލިބޭ ފަރާތް މިވަގުތު ދުނިޔޭގައި ނެތް. އެހެންވީމަ އަޅުގަނޑުމެން އެންމެ ފުރަތަމަ ހުށަހަޅި މައްސަލާގައި ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ އެއީ ދައުވާ ލިބޭ ފަރާތެއް ނެތީމަ ކިހާމިންވަރަކަށްތޯ އެކަންތައްތައް އަޅުގަނޑުމެން ބަލައި އެ މަގުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ. ހަމަ އެގޮތަށް ސީދާ ތަހުގީގު އޭގެ ޒާތުގައި ފުރިހަމަ ނުކުރިކަމަށްވިޔަސް ކިހިނެތްވެގެން ދިމާވި ހާދިސާއެއްތޯ ކޮން މިންވަރެއްތޯ އެބައިތައް އަޅުގަނޑުމެން ބަލާނަން.
ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު

އަތުހަރުގެ އާއިލާއިން ވަނީ އިތުރު މީހަކަށް މިފަދަ ގޮތެއް މެދުވެރިނުވާނެ ގޮތަކަށް އިންތިޒާމުތައް ރޭވުމަށް ގޮވާލާފައެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ އެތެރޭގެ ތަހުގީގާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި އެންއައިސީޓީން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރަށް މައުލޫމާތު ހިއްސާކުރުމުން ތަހުގީގަށް ހުރަސްއެޅިދާނެތީ އިތުރު މައުލޫމާތުތައް އެ ދެ މުުއައްސަސާއިން ހޯދުމަށް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް