Advertisement
ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 16:26
އާޒިމްގެ ސްޕޯކްސްޕަރސަން، އަލީ ޚާލިދު
އާޒިމްގެ ސްޕޯކްސްޕަރސަން، އަލީ ޚާލިދު
ރާއްޖެއެމްވީ
މާލެ ސިޓީގެ މޭޔަރުކަމަށް އާޒިމް ވާދަކުރެއްވުން
އާޒިމްގެ މެނިފެސްޓޯ ލޯންޗުކުރުން މި މަހުގެ 21ގައި
މާލެ ފެހިކުރުމަށާއި ދެފުށް ފެންނަގޮތަށް އަމަލުކުރާނެ ގޮތްތައް މެނިފެސްޓޯގައި ހިމެނިގެންދާނެ

މާލެ ސިޓީގެ މޭޔަރުކަމަށް، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމްގެ މެނިފެސްޓޯ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ލޯންޗު ކުރުމަށް ނިންމާފައިވާ، ކަމަށް އާޒިމްގެ ސްޕޯކްސްޕަރސަން އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޅާލިދު ވިދާޅުވީ، އާޒިމް މިހާރުވެސް ކެމްޕޭންގެ މަސައްކަތުގައި އުޅުއްވަމުން ގެންދަވާކަމަށާއި، އެކި ޗެނަލްތަކުން ބާއްވާ ބަހުސްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޚާލިދު ވިދާޅުވީ މި މެނިފެސްޓޯގައި، މާލެ ފެހިކުރުމަށާއި ދެފުށް ފެންނަ ގޮތަށް އަމަލުކުރާނެ ގޮތްތައް ހިމެނިގެންދާނެ ކަަމަށެވެ. އަދި މެނިފެސްޓޯ ލޯންޗު ކުރާނެ ވަގުތުވެސް އެ ދުވަހު ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސިޓީއަށް އުއްމީދީ ވައުދުތަކެއް ވެވަޑައިގެން، އެ ވައުދުފުޅުތައް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައެވެ.

Advertisement

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއްދެއްވާނީ އެތަނެއް ޓްރާންސްޕޭރެންޓް ކުރެއްވުމަށް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ހިންގަނީ ދައުލަތުގެ ބަޖެޓުން ޓެކްސް ފައިސާ ދީގެންކަމަށެވެ. ނަމަވެސް އެތަނުގައި ހުރީ ރައްޔިތުންގެ މުދާ ކަމަށާއި، ރައްޔިތުންގެ މުދާ އަދި ފައިސާ ހޭދަކުރާ ގޮތް ރައްޔިތުންނަށް ސަފުކޮށް އެނގެންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ އެއްވެސް މީހަކާ ޒާތީވެވަޑައިނުގަންނަވާނެ ކަމަށާއި، ހުރިހާ އެންމެންނާވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާއަކީ ވިސްނައިގެން، ޕްލޭންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ޓްރެކް ރެކޯޑަށް ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި، އެންމެންނަށްވެސް އޭނާއަށް ކަންތައްތައް ކުރެވޭނެކަމަށް އިއްތިފާގުވާނެ ކަމަށެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްޓަކައި މިދިޔަ މަހު 17ގައި އިސްތިއުފާ ދެއްވުމުންނެވެ. މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް