Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 11:58
އޭސީސީ އަށް ޙާޒިރުވުމަށް ފަހު ޑޮކްޓަރު އައިޝަތު އަލީގެ ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް ވާހަކަ ދައްކަވަނީ
އޭސީސީ އަށް ޙާޒިރުވުމަށް ފަހު ޑޮކްޓަރު އައިޝަތު އަލީގެ ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް ވާހަކަ ދައްކަވަނީ
އެމްޑީޕީ ސެކްރިޓޭރިއެޓް
އޭސީސީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
އައިޝަތު އަލީ އޭރު އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގަންނަވަނީ ކޮމެޓީގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުންނެއް ނޫން
ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރި ނަމަވެސް، އެކަމަށް ތަހުގީގުން އެއްވެސް ޖަވާބެއް ދީފައި ނުވޭ
މައްސަލަ ތަހުގީގު ކުރާ އިރު ޚުދު ސްވިފްޓް އިންޖިނިއަރިން އިން ވެސް ބުނަނީ ނުހައްގު ބަދަލެއް ނުލިބޭ ކަމަށް

ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އައިޝަތު އަލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޙާޒިރު ކޮށްފައިވާއިރު، ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އިންވެސްޓިގޭޓަރުންނަށް ސާފު ނުވާ ކަމަށް ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޭސީސީ އަށް ޙާޒިރުވުމަށް ފަހު މީޑިއާ ތަކާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އައިޝަތު އަލީއާ ދެކޮޅަށް ތުހުމަތު އިއްވި އިރު އޭގައި އޮތީ ބަޔަކަށް ހައްގު ނޫން، ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށް މައުރޫފް ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ އެކަން ތަހުގީގަށް ސާފު ކޮށްދީފައި ވާނެ ކަމަށެވެ. އެގޮތުން އައިޝަތު އަލީ އޭރު އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގަންނަވަނީ ކޮމެޓީގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ކޮމެޓީގެ މަސައްކަތްތައް ރޭވިފައި އޮތް ގޮތުން، އެޑިއުކޭޝަން މިނިސްޓްރިއާ ގުޅުން ހުރި ކަމެއް ކޮމެޓީ އިން ބަލާ ނަމަ، އެ ބައްދަލުވުމަށް ޙާޒިރުވެ އައިޝަތު އަލީ މައުލޫމާތު ދެއްވާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ ބަލަމުން އަންނަ މައްސަލަަ އޭސީސީ އަށް ވެސް ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސާފުވާ ހިސާބުން، އިތުރު ބަޔާނެއް ދޭން ޖެހޭ ނަމަ ބަޔާން ދިނުމަށް ނުވަތަ މައުލޫމާތު ދިނުމަށް ހާޒިރު ވާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

ތުހުމަތު އިއްވި އިރުގައި ވަރަށް ބޮޑު ތުހުމަތެއް އޮތީ. ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް އަދި ތަނެއްގައި އޮތް ކޮމެޓީ އަކަށް މިނިސްޓަރު ބައިވެރިވެގެެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުނު ކަހަލަ ގޮތަކަށް އޭގައި އޮތީ. އަޅުގަނޑުމެން އެކަން ވެސް ފާހަގަ ކުރިން. އެއީ މިނިސްޓަރު އޭރު އެ ކޮމެޓީގެ ބައްދަލުވުން ތަކުގައި ބައިވެރި ވަނީ ކޮމެޓީގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން ނޫނޭ، ކޮމެޓީ ރޭވިފައި އޮތް ގޮތަށް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ކަމެއްގެ ވާހަކަ ދައްކާ ބައްދަލުވުމަކަށް މިނިސްޓަރު ހާޒިރުވެ މައުލޫމާތު ދެއްވަނީ. އެކަން ވެސް އަޅުގަނޑުމެން ފާހަގަ ކުރިން. ދެން ޖުމުލަ ގޮތެއްގައި ހަމަ ވަރަށް ބޮޑަށް ފާހަގަ ކުރަން ބޭނުން، އަސްލު ބަލަމުން މި ދަނީ ކޮން މައްސަލައެއް ކަމެއް އެ ބޭފުޅުނަށް ސާފެއް ނޫން.

ޤާނޫނީ ވަކީލު އަޙުމަދު މައުރޫފް

މީގެ އިތުރުން މައުރޫފް ވިދާޅުވީ އައިޝަތު އަލީގެ މައްޗަށް ކުރެވޭ ތުހުމަތުގައި އޮތީ ބަޔަކަށް ނުހައްގު ބަދަލެއް ދީފައިވާ ކަމަށް ބުނާ ކަމަށެވެ. އެހެން ނަމަވެސް، އެއީ ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރި ނަމަވެސް، އެކަމަށް ތަހުގީގުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ހަމަ އެހެންމެ އޭރު އައިޝަތު އަލީ ބައިވެރި ވެފައި ވަނީ ގޮތް ނިންމާ ކޮމެޓީއެއްގައި ނޫން ކަމަށާއި، އޭރު ބައިވެރިވެފައި ވަނީ ލަފާ ދޭ ކޮމެޓީއެއްގައި ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު މިނިސްޓްރީ އިން ކުރަމުން އައި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ބައެއް ސުވާލު ކޮށްފައިވާ ކަމަށާއި، ކޮށްފައިވާ ކޮންމެ ސުވާލަކަށް އައިޝަތު އަލީ ޖަވާބު ދީފައިވާ ކަމަށް މައުރޫފް ފާހަގަ ކުރެއްވި އެވެ.

އޭސީސީ އަށް ޙާޒިރުވުމުގެ ޗިޓު އައިޝަތު އަލީ އަށް އޭސީސީ އިން ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ޗިޓުގައި ބުނެފައި ވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް، 2019 ވަނަ އަހަރު އޮލްޓަނޭޓް ޑިސްޕިއުޓް ރެސޮލިއުޝަން ކޮމިޓީ އިން ނިންމި ނިންމުމުގައި އައިޝަތު އަލީ ބައިވެރިވެފައި ވަނީ އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން، އައިޝަތު އަލީ އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމުގައެވެ.

އަދި އައިޝަތު އަލީގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުން ވެފައި ވާތީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުގައި ހާޒިރުކުރާ ކަމަށް އޭސީސީ އިން ފޮނުވި ޗިޓުގައި ވަނީ ބުނެފަ އެވެ.

އޭސީސީ އިން މިމައްސަލަ ބަލަމުންދާ އިރު ޚުދު ސްވިފްޓް އިންޖިނިއަރިން އިން ބުނެފައިވަނީ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ދައުލަތަށް ގެއްލުންވާ ގޮތައް މުއާމަލާތެއް ކުރީ ސަރުކާރުން ހިންގާފައި ނުވާ ކަމަށެވެ. ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަކީ މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް