އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަކަން ދުރާލައި ބަލަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު މިގޮތަށް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ މަސައްކަތް ބައެއް ސިޔާސީ ޕާޓީތަކުން ފެށުމާ ގުޅިގެންނެވެ. އެގޮތުން، މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށްޓަކައި، ޕްރައިމަރީ ބާއްވާއިރު ނުވަތަ އިންތިޚާބަށް ކުރިމަތިލައްވާއިރު، ކެންޑިޑޭޓަކަށް ހުށަހަޅުއްވާ ބޭފުޅަކީ ޝަރުތު ފުރިހަމަވާ ބޭފުޅެއްތޯ ސިޔާސީ ޕާޓީތަކުން ދުރާލާ ބެލުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހުންނަ ޖެހޭ ޝަރުތުތަކުގެ ތެރެއިން ހާއްސަކޮށް ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން ދާ މީހެއްކަން އެނގެން އޮންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާއިރު ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- ދިވެހި ރައްޔިތަކަށްވުން.
- ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
- ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން
- ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
- ބޭރުޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހު. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެ.
މީގެ އިތުރުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުނަމަ އޭނާއަށް މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށް ވެސް މި އިންތިޚާބުގައި ވާދަ ނުކުރެވޭނެއެވެ.
މީގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހުންނަށާއި ފަނޑިޔާރުންނަށް ވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ.