ޖަރުމަނުގެ ވިލްފުސްބާގަށް ކުޅެމުން އަންނަ ޑިފެންޑަރު މެކްސެންސް ލެކްރޯއީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ގެނައުމަށް މަސައްކަތް ފަށައިފިއެވެ.
ލިވަޕޫލުން އޭނާ ގަތުމަށް މަސައްކަތް ފެށީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޖޮއެލް މަޓިޕަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވުމުންނެވެ. އަދި މި ސީޒަނުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ވެސް ހަމަވާނެއެވެ. ބެލެވޭ ގޮތުގައި އައު އެއްބަސްވުމެއް މަޓިޕަށް ނުދޭނެއެވެ.
ޕްރެމިއާ ލީގުގައި ލިވަޕޫލް ތައްޓަށް ވާދަކުރަމުންދާތީވެ އެ ޓީމަށް ވަނީ ޑިފެންޑަރަކު ޖެނުއަރީ ޓްރާންސްފާގައި ހޯދަން މަޖުބޫރުވެފައެވެ.
ފްރާންސްގެ ޔޫތު ޓީމަށް ކުޅުނު ލެކްރޯއީ އަކީ ބުންޑަސްލީގާގައި މިވަގުތު ހުރި އެންމެ އަވަސް އެއް ކުޅުންތެރިޔާއެވެ. އިސްކޮޅުގައި ހަ ފޫޓު ތިން އިންޗި ހުންނަ ކުޅުންތެރިޔާ ވަނީ ވިލްފުސްބާގްގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. މިހެންވެ ވުލްފުސްބާގް އޮތީ ރަނގަޅު އަގެއް ލިބޭނަމަ އޭނާ ވިއްކާލަން ތައްޔާރަށެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ ލެކްރޯއީ ގަތުމަށް ލިވަޕޫލުން 30 މިލިއަން ޕައުންޑް ހޭދަކުރަންޖެހޭ ކަމަށެވެ.