އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އާސެނަލް މޮޅުވެއްޖެ އެވެ.
ލީގުގައި ބުދަ ދުވަހުގެ ރޭ ލޫޓަން ޓައުންގެ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އާސެނަލް އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް މާޓިނެލީ އެވެ. އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ގަބްރިއެލް އޮޝޯ ވަނީ ލޫޓަން ޓައުނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ އަލްފީ ޑޯޓީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބެން ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ފަހަރަށް އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް ޖީސޫސް އެވެ.
ދެ ވަނަ ހާފު ފަަށައިގެން ހަތަރު ވަނަ މިނެޓުގައި ޑޯޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ފަހަރަށް ލޫޓަން ޓައުނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލިޖާހް އަޑެބަޔޯ އެވެ. އޭގެ ފަހުން 57 ވަނަ މިނެޓުގައި ރޮސް ބާކްލޭ ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލޫޓަން ޓައުނަށް މެޗުގައި ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން ޖީސޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައި ހަވާޓްޒް ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން އާސެނަލް މޮޅު ކޮށްދިނީ އިތުރު ވަގުތުގައި ޑެކްލަން ރައިސް ޖެހި ލަނޑުން އޭނާ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ މާޓިން އޮޑޭގާޑް އެވެ.
މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 36 ޕޮއިންޓާއެކު އެވެ. ލީގުގައި މިިހާތަނަށް އާސެނަލް ވަނީ 11 މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.