އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ޖަރީމާތަކުގައި ނެދަލެންޑްސްގެ ބައިވެރިވުން އޮތް ކަމަށް ބުނާ މައްސަލައެއް ނެދަލެންޑްސްގެ ކޯޓަކަށް ހުށަހަޅައިފި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނަނީ ނެދަލޭންޑްސް އިން ފައިޓާ ޖެޓް ކޮމްޕޯނެންޓްސް އިސްރާއީލަށް ސަޕްލައި ކުރުމުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިވާ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތައް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި އޮކްސްފާމް ގުޅިގެން ފެށި މި މައްސަލާގައި ތުހުމަތުކޮށްފައި ވަނީ އެފް-35 ފައިޓާ ޖެޓް ޕާޓްސް އެކްސްޕޯޓްކޮށްގެން ނެދަލެންޑްސްގެ ދައުލަތް ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާ ކަމަށެވެ.
އަންނަ ހޯމަ ދުވަހު ފަށާ މި ޝަރީއަތުގައި ބަލާނީ ޣައްޒާގައި އިސްރާއީލުން އިންސާނީ ގާނޫނާ ހިލާފަށް ހިންގާ ބޮޑެތި އަދި ސީރިއަސް އަމަލުތަކަށް ނެދަލޭންޑްސް އިން އެހީތެރިވަމުން އަންނަ ކަމަށް ބުނާ ވާހަކަތަކެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި އޮކްސްފާމްގެ ނެދަލޭންޑްސް ގޮފިތަކުން ބުނަނީ ހަނގުރާމަ ކުރިއަށްދާއިރު އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކަށް ރިޒާވް ޕާޓްސް ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަކީ ނެދަލޭންޑްސް އިން ހަނގުރާމައިގެ އުޞޫލުތަކާ ޚިލާފުވުން ކަމަށެވެ.
1948 ވަނަ އަހަރު އިސްރާއީލު ދައުލަތް އުފެދުނީއްސުރެ ނެދަލޭންޑްސް އާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުންތައް ވަނީ ދަމަހައްޓައިފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުން ވަނީ ވިޔަފާރީގެ ދާއިރާއާއި ސަގާފީ ބަދަލުތަކާއި ސައިންޓިފިކް ގޮތުން ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ގޮތްގޮތުން އެއްބާރުލުން ދީފައެވެ.
ނެދަލޭންޑްސްއަކީ އިސްރާއީލު ދެމިއޮތުމުގެ ހައްގަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެއް ކަމަށްވާއިރު، އެ ގައުމަކީ ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެ ގައުމުން ބަލައިގެންފައިވާ ގައުމެކެވެ. ނަމަވެސް ދެ ގައުމުގެ ގުޅުމަކީ އެއްވެސް ގޮންޖެހުންތަކަކާ ނުލައި އޮތް ގުޅުމެއް ނޫނެވެ.
އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި މި ދެގައުމު ބައެއް ފަހަރު ޚިޔާލު ތަފާތުވި ނަމަވެސް، ނެދަލޭންޑްސް އާއި އިސްރާއީލުން ދަނީ ޑިޕްލޮމެޓިކް ގުޅުން ދަމަހައްޓައި، ދެގައުމުގެ މަސްލަހަތު ހިމެނޭ އެކި ކަންކަމުގައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރަމުންނެވެ.