ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 22:40
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓުތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓުތައް
ރާއްޖެއެމްވީ
ހިޔާ ފުލެޓުގެ ކުލި
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް
 
ކުލިން ފައިސާ ކެނޑުމަކީވެސް އެކަށީގެންވާ ކަމެއް
 
ދެ ލައްކަ ރުފިޔާގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވި
 
ބަޖެޓުގައި ފައިސާ ހިމަނާފައެއްނުވޭ

ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަށް ނޫން ކަމަށާއި، އެ ފަރާތްތަކުގެ އުއްމީދުތައް ސަރުކާރުން ފުރިހަމަކޮށްދޭން ޖެހޭކަމަށް، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޔައުގޫބް ވިދާޅުވީ، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، އަދި ހިޔާފުލެޓު ސަރަހައްދުގެ ރައްޔިތުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވޯޓު ދިނީ އެކަންކަމުގެ އުއްމީދުތަކާއެކު ކަމަށެވެ. އަދި ފަސް އަހަރުގެ ތެރެއިން އެންމެ ފަހު ދުވަހު ހިޔާފުލެޓަށް ޚަރަދުވި ދެލައްކަ ރުފިޔާ ލިބޭނެކަމަށް އުއްމީދު ނުކުރައްވާނެ ކަމަށެވެ.

ފަހު ދުވަހު ދެއްވާ އެއްޗެއްގެ ގޮތުގައެއް ނޫން އެމީހުން އުއްމީދުކުރާނީ. އެމީހުން ބެލީ، ޖެހިގެން ފުރަތަމަ އަންނަ އަހަރު، ޚަރަދުވި އެއްޗަކުން ކޮންމެވެސް އެއްޗެސް ސަލާމަތްކޮށްލެވޭނެ ކަމަށް. އަދި އެ 7000 ފުލެޓު ލިބުނު ފަރާތްތައް އެ އުޅުއްވަނީ އެ ދެލައްކަ ރުފިޔާ އެކި ގޮތްގޮތުން ދަރަންޏަށް އެކި ތަންތަނުން ހޯދައިގެން. ދެލައްކަ ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ޚަރަދުވި. އެހެންނަމަވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގަ މިހާރުގެ ރައީސް ވިދާޅުވި ދެ ލައްކަ ރުފިޔާ ދެއްވާނެކަމަށް.
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ދިވެހިރައްޔިތުން އެދުނު ކަންކަން އެ ރައްޔިތުންނަށް ވާންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބަޖެޓް ކޮމިޓީގެ ދިރާސާކުރެވިގެން ދިޔައިރު, ބަޖެޓް ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ތަކުރާރުކޮށް އެކަމާމެދު ސުވާލުކުރެއްވި ކަމަށެވެ. އަދި ދެލައްކަ ރުފިޔާއަކީ ހިޔާފުލެޓުގެ ވެރިންނަށް ވެފައިވާ ވައުދުވެފައިވާ ކަމަށް، މިނިސްޓަރުވެސް ކޮމިޓީގައި ވިދާޅުވި ކަމަށެވެ.

އަދި ބަޖެޓް ފޮތުގައި އެ ފައިސާ ނެތުމުން، އެކަން ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު ކޮމިޓީގައި ވިދާޅުވިކަމަށާއި، އެއީ ސިޔާސީ ވާހަކައެއްކަމަށް މިނިސްޓަރު ކޮމިޓީގައި ވިދާޅުވިކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި އެ ދެ ލައްކަ ރުފިޔާ ބަޖެޓު ފޮތުގައި ހިމަނައިފިނަމަ އެ ފާސްކޮށްދޭން މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށާއި، ސަރުކާރު ރުހޭނަމަ އެ ހިމަނާނެ ކަމަށެވެ.

ދެލައްކަ ރުފިޔާ ފަހަރެއްގަ މަހެއްގެ މައްޗަށް އެ ދައްކާ 7000 ރުފިޔާގެ ކުލިން ހަމަޖައްސާލަފާނެ. ކުލިވެސް 5000ށް ކުޑަކޮށްފަ ވަނީ. އެހެންވިޔަސް ދެލައްކަ ރުފިޔާ އެއިން ކަނޑާނަމަ 2 އަހަރު ނަގާނެ ދެ ލައްކަ ހަމަޖައްސަން. އެހެންވީމަ ކުރިއަށް އޮތް 3 އަހަރު އެތާނގަ ތިބި މީހުންގެ އަތުން ކުލި ނަގައިގެން ނުވާނެ.
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ

ހިޔާ ފުލެޓުގެ ފިނިޝިންގ މަސައްކަތް ނިންމަން ޚަރަދުކުރި ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން، އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ދެއްވާފައެވެ. ނަމަވެސް އެ ދެއްވާނެ ގޮތެއް، އަދި އެ ފައިސާ ހޯދާނެ ގޮތެއްވެސް މިހާތަނަށް އައިއިރު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް