އިނގިރޭސި ޕްރެމިއާ ލީގުގައި މާދަމާ ލިވަޕޫލާ ދެކޮޅަށް ކުޅެންޖެހޭ މުހިންމު މެޗަށް މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ފިޓްވާނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.
ހާލަންޑްގެ ކަކުލަށް ހާނިއްކަވީ ޔޫރޯ ކޮލިފައިންގައި ގައުމީ ޓީމަށް ކުޅެނިކޮށެވެ. ގައުމީ ޓީމުގެ ޑޮކްޓަރުން ބުނެފައިވަނީ ހާލަންޑްގެ ކަކުލަށް ލިބިފައިވާ ހާނިއްކަ އަކީ ސިޓީ އާއި ބޯނެމައުތު ލީގުގައި ކުޅުނު މެޗުގައި ކަކުލަށްވި ތަދު އިތުރަށް ބޮޑުވުން ކަމަށެވެ. އަދި އޭނާ ވަނީ އެ މެޗަށް ފަހު ސިޓީގެ މެޑިކަލް ޓީމާއެކު ފަރުވާކުރަން ފަށައިފަ އެވެ.
މި ތަދުގެ ސަބަބުން ލިވަޕޫލް މެޗުގައި ނުކުޅެވިދާނެ ކަމަށް ހީވެފައިވަނިކޮށް ސިޓީން ވަނީ ހާލަންޑް ޓީމާއެކު ފަރިތަކުރާ ވީޑިއޯ އެއް މިއަދު ހެނދުނު އާއްމުކޮށްފަ އެވެ. މިހެންވެ އިނގިރޭސި ނޫސްތަކުން އޭނާ ލިވަޕޫލް މެޗުގައި ކުޅޭނެ ކަމަށް އުއްމީދު ކުރި ނަމަވެސް އެކަން ޔަގީންވާނީ މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގަ އެވެ. ކޯޗު ޕެޕް ގާޑިއޯލާ މިހާތަނަށް ބުނަމުން އައީ ޓީމަށް ނަގާނީ އެންމެ ފުރިހަމަ އަށް ފިޓްވެ، މެޗަށް ތައްޔާރުވެފައިވާ ކުޅުންތެރިން ކަމަށެވެ.
އެއްވަނާގައި ޗެމްޕިއަން ސިޓީ މިވަގުތު އޮތީ 28 ޕޮއިންޓާއެކުގަ އެވެ. ލިވަޕޫލް އޮތީ 27 ޕޮއިންޓާއެކު ދެ ވަނާގަ އެވެ.
މި މެޗަށް ތައްޔާރުވާއިރު ލިވަޕޫލްގެ މުހިންމު ދެ ކުޅުންތެރިއަކު ވެސް ވަނީ ފަރުވާ އަށް ފަހު ފަރިތަކުރަން ފަށައިފަ އެވެ. އެއީ މިޑްފީލްޑަރު ރަޔަން ގްރެވެންބާޗް އާއި ޑިފެންޑަރު އިބްރާހީމް ކޮނާޓޭ އެވެ.