ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 14:45
ޣައްޒާގައި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަކީ މިއަދު ދަތިކަމަކަށް ވަނީ ވެފައި
ޣައްޒާގައި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަކީ މިއަދު ދަތިކަމަކަށް ވަނީ ވެފައި
ރާއްޖެއެމްވީ
ޣައްޒާގެ ހާލަތު
އުޅެން ޖެހުނު ކޮންމެ ޙާލަކަށް އަހުލުވެރިވުމުގައި ޣައްޒާއިން ފެންނަ ހިތްދަތި، އެހެނަސް ހިތްގައިމު ނަމޫނާ!
ރަށްވެހިން ޕާން ފިހަން މިހާރު ބޭނުން ކުރަނީ އެންމެ އިހު ޒަމާނުގައި ބޭނުން ކުރި މަށި އަވަންތައް
2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގެ ޖުމުލަ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުންގެ ގެދޮރު ގެއްލިފައިވޭ

ހިނގަމުން މިދާ 21 ވަނަ ޤަރުނުގެ ތެރޭގައި ބަޔަކަށް ކުރިމަތިލާން ޖެހިދާނެއޭ ހީވެސް ނުކުރާ އެތައް ކަމަކާ ކުރިމަތިލާން ޖެހިފައި ވާ ޣައްޒާގެ ރަށްވެހިންނަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. ހީވެސް ނުކޮށް ހުއްޓާ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކަށް، ކެތްތެރިކަމާއެކު އަހުލުވެރިވާ ބައެކެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމަށް ދޮޅު މަސްދުވަސް ވީ އިރު، ޣައްޒާގެ ރަށްވެހިންނަށް މިއަދު ދިރިއުޅެން ޖެހިފައި އޮތީ އަދުގެ ދުނިޔޭގައި އިންސާނުންތަކެއް ދިރިއުޅެން ޖެހިދާނެ ކަމަށް ޤަބޫލު ކުރެވިފައިވެސް ނެތް ދަތި ޙާލެއްގައެވެ. ދިރިއުޅުމުގެ އަސާސީ ހުރިހާ ޙައްޤުތަކުންވެސް މަޚްރޫމުވެފައި ތިއްބެއް ކަމަކު، އެ އަޚުންނާއި އުޚުތުންގެ ކިބައިން ފެންނަނީ ހިތްވަރާއި ޢަޒުމުގެ ސާބިތުކަމެވެ.

ތެލާއި ހަކަތައިގެ ސަޕްލައިގައިވެސް އިޒްރޭލުން އަތް އަޅައިގެން އޮތް އިރު، ކަރަންޓުގެ ޚިދުމަތެއްވެސް ޣައްޒާގައި ނެތެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގެ ޖުމުލަ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުންގެ ގެދޮރު ގެއްލިފައި ވާ އިރު، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި މިއަދު ޣައްޒާގެ ރަށްވެހިންނަށް މަޖުބޫރުވެފައި ވަނީ، އެންމެ އިހުގެ ވަޞީލަތްތަކާއި ޢާލާތްތައް ބޭނުން ކުރާށެވެ. ޕާނަކީ މެދުއިރުމަތީ އެންމެ އާދައިގެ ކެއުންތަކުގައި ބޮޑު ހިއްސާއެއް އޮންނަ އެއްޗަކަށް ވާ އިރު، ލިބެން ހުރި މަދު ވަޞީލަތްތަކާއި ޢާލާތްތައް ބޭނުންކޮށްގެން ޣައްޒާގެ ރަށްވެހިން ދަނީ ޕާން ފިހުމުގެ މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ ރަށްވެހިން ޕާން ފިހަން މިހާރު ބޭނުން ކުރަނީ އެންމެ އިހު ޒަމާނުގައި ބޭނުން ކުރި މަށި އަވަންތަކެވެ. މި ޒާތުގެ އުނދުންތަކަށް، ގާ އުނދުނޭވެސް ކިޔައި އުޅެއެވެ. ތެލާއި، ގޭހާއި، ކަރަންޓުވެސް ލިބެން ނެތް ތަނެއްގައި އެނޫން އެހެން ގޮތެއް ނުވެސް ނެތީއެވެ. ދިރިއުޅުމުގެ އެންމެ ޛަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އަސާސީ ސާމާނުވެސް ޣައްޒާގައި މިއަދު ތަދެވެ. ދަރުވެސް ލިބުން ދަތިވެފައި ވާ އިރު، މަށި އަވަންތަކަށް ހުޅުލަނީ، ހިމަ ހޯލިކޮޅުތަކާއި، ބާ ނޫސް ކަރުދާހާއި މަޖައްލާތަކުގެ އިތުރުން، ބާ ފޮށިގަނޑުތަކުގެ ބައިތަކުންނެވެ.

މި ޙާލެއްގައި އުޅޭތާ 45 ދުވަސް މި ވީ. އަންހެނުންނާއި ކުޑަ ކުދިންވެސް، ފާޚާނާތަކުގަ ފެނެއް ނެތް. ކަރަންޓެއް ނެތް - 45 ދުވަސް މި ވީ. އަހަރެމެން ދެން ކިހިނެއް ހަދަންވީ؟ އަހަރެމެން، ޢާންމު ރައްޔިތުން ކީއް ކުރީ؟ މައުސޫމު ކުދިންނާއި އަންހެނުން ކޮން ކަމެއް ކުރީ، އެމީހުންނަށް މި ޙާލު ޖައްސަން؟
ޚަލީލު ޒައިނޫ؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

އެގޮތް މިގޮތުން މަށި އަވަންގަނޑު ރޯކުރެވުނު ކަމުގައި ވީ ނަމަވެސް، ޕާން ފިހުމަށް ކުރަން ޖެހޭ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫނެވެ. ޣައްޒާގެ އަދުގެ ޙާލަތު އޮތް ގޮތުން، ޖީބަށްވެސް ބަރު މަސައްކަތެކެވެ. ޕާން ފިހަން ބޭނުން ކުރާ އެންމެ އަސާސީ އެކަތި ކަމަށް ވާ ޔީސްޓްގެ އަގުވެސް ޣައްޒާގައި އުފުލިފައި ވަނީ އޭގެ އިންތިހާއަށެވެ. މީގެ ކުރިން 5 ޝެކްލްސްއަށް ލިބުނު ޔީސްޓްކޮޅުގެ އަގު ވަނީ، 20 ޝެކްލްސްއިން، 30 ޝެކްލްސްއިން 40 ޝެކްލްސްއަށް އުފުލިފައެވެ. ފެނާއި ލޮނު ލިބުންވެސް ދައްޗެވެ.

ހެނދުނު 6 އިން ފަށައިގެން ރޭގަނޑު ވަންދެން މިތަނަށް މީހުން ޖަމާވަމުން ދާނީ، ޕާން ފިހަން. ލިބެން ހުރި ފުށްކޮޅުން ނުފުދިފަ އޮންނަނީ. ޔީސްޓްގެ އަގު އަރައިފި 5 ޝެކްލްސްއިން 20 އިން، 30 އިން 40 އަށް. ފެން، އަހަރެމެންނަކަށް ނުލިބޭ. ކުރިން 1 ޝެކްލްއަށް ލިބުނު ލޮނު ކިލޯ މިހާރު އުޅެނީ 15 ޝެކްލްސްއަށް.
ސަޤްރު އަބޫ ޢުބައިދު؛ ކޭމްޕުގައި ދިރިއުޅޭ ޕާން ފިހާ މީހެއް

ޢުދުވާންތަކުގައި ގެދޮރު ގެއްލުނު މީހުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުންދާ ސްކޫލެއްގައި ދިރިއުޅެމުންދާ ޚަލީލް ޒައިނޫ ބުނި ގޮތުގައި މިހާރުވެސް، ބަނޑުހައިހޫނުކަމުގެ ސަބަބުން، ޣައްޒާއިން ބަޔަކު މަރުވެއްޖެއެވެ. 

މި ވަގުތު އަހަރެމެންނަށް ޕާން ފިހެވެން އޮތް ހަމަ އެކަނި ގޮތަކީ، މަށި އަވަން ބޭނުން ކުރުން. އެއީ މީގެ އެތައް އަހަރެއް ކުރިން، 40 އަކަށް އަހަރު ކުރިން އަހަރެމެން ބޭނުން ކުރި އެއްޗެއް. އަނެއްކާވެސް މިއޮތީ އޭގެ ބޭނުން ކުރަން ޖެހިފަ. ޣައްޒާގެ އުތުރުން ދެކުނަށް، ޔަހޫދީން އަހަރެމެން ފަހާލީމަ. އެމީހުން އަހަރެމެންގެ ގެތަކަށް ބޮން އަޅައިފި. ޣައްޒާއެއް މިހާރަކު ނެތް. އަހަރެމެން މި ތިބީ ޚާން ޔޫނިސްގަ. ޕާން ފިހުނެއް ކަމަކު، ވަރަށް ޙާލުގަ މި އުޅެނީ. ދަރު ހޮވަން އެބަ ޖެހޭ، މަގުތައް މަތީ އެތަން މިތަނުން އޭތި މީތި ހޮވަން އެބަ ޖެހޭ. އަހަރެމެންނަށް ފުށްކޮޅެއްވެސް ނުލިބޭ. ކަލޭމެންނަށްވެސް ފެންނަން މި ތިބީ، ކުޑަ ކުދިން. އެކުދިންނަށް ކާންބޯން ދޭން ޖެހޭ. އަހަރެމެން ކޮންތާކުން ކާބޯތަކެތި ހޯދާނީ؟
ޚަލީލު ޒައިނޫ؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

މުޙައްމަދު ކާޝިއާއަކީ އަމިއްލަ ބޭކަރީއެއް ހިންގާ މީހެކެވެ. ޕާން ފިހެލާނެ އެންމެ އާދައިގެ ގޮތްތައް ހޯދިފައި އޮތެއް ކަމަކު، އެތައް ހާސް ބަޔަކަށް ބޭނުންވާ މިންވަރަށް ޚާން ޔޫނިސްގައި ފުށް ލިބެން ނެތް ކަން އޭނާ ފާހަގަ ކުރިއެވެ.

އުތުރު ޣައްޒާއިން ގެދޮރު ދޫކޮށް ޚާން ޔޫނިސްއަށް ބަދަލުވި އެތައް ހާސް މީހުންނަށް ފުދޭ މިންވަރަށް މިތާކު ފުށެއް ނެތް. އެހާ މީހުން އެބަ އޮތް މިތާ. މިތާ ހުރި މަދު ފުށް ކޮޅަކުން ފުއްދައެއް ނުލެވޭނެ. އެހެންވެ، އަހަރެމެން މިއުޅެނީ އެންމެ އިހުގެ ގޮތަށް ޕާން ފިހަން ފަށައިގެން. މީ ވަރަށް އިހުގަ ޕާން ފިހެ އުޅުނު ގޮތެއް. ދަރުޖައްސައިގެން. މިތާ ކަރަންޓެއް، ފެނެއް ނެތް. އެކަމަކު، އަހަރެމެން މިކަން މި ކޮށްދިނީ، ބަޔަކަށް އެހީއެއް ވެދެވޭތޯ.
މުޙައްމަދު ކާޝިއާ؛ އަމިއްލަ ބޭކަރީއެއް ހިންގާ މީހެއް

އެޔެއް މިޔެއް ބެލުމެއް ނެތި ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ޔަހޫދީ އިޒްރޭލުން ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެއްބަސްވުމަކަށް އައިސްފައެވެ. 4 ދުވަހުގެ މުއްދަތަށް ޙަމަލާ ދިނުން ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވީ، ރަޙީނު ކޮށްފައި ވާ މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލުމަށް ޝަރުތުކޮށްފައެވެ. މިއީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ފަދަ ލާއިންސާނީ ޤަތުލުޢާންމެއް އިޒްރޭލުން ފެށި ފަހުން ފާއިތުވީ 7 ހަފުތާގެ ތެރޭގައި، ޙަމަލާ މަޑުޖައްސާލަން ޔަހޫދީން ކިރިޔާވެސް ސިގުނަލެއް ދިން ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް