އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ނަމަވެސް، މި ސަރުކާރުން ބޭނުންވާ ކަންކަން އޭގައި ހިމަނާފައިވާނެކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވި ކުރީ ސަރުކާރުން ބަޖެޓް އެކުލަވާލިނަމަވެސް، އައު ސަރުކާރުގެ ވައުދު ފުއްދުމަށް 400 އެތައް ޕްރޮޖެކްޓެއް ބަޖެޓުގައި ޖަހާފައިވާނެ ކަމަށެވެ. އަދި 1.5 ބިލިއަން ރުފިޔާ ވެސް ބަޖެޓުގައި ޖަހާފައިވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މެންބަރު ނިޔާޒު ވިދާޅުވީ 14 ހަފްތާ ތެރޭގައި ކުރަން ރާވާފައިވާ މަސައްކަތަށް ވެސް ބަޖެޓުން ޖާގަ ދީފައިވާނެ ކަަމަށެވެ.
މެންބަރު ނިޔާޒު ވިދާޅުވީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ތަންފީޒުކުރަން ލިބިވަޑައިގަންނަވަނީ މި ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ކަމަށާއި، ސަރުކާރުތައް ބަދަލުވެ އައު ސަރުކާރު އަންނަ އިރުގައި ހިނގަހިނގާ ހުންނަ ޕްރޮޖެކްޓްތައް ހުއްޓި އައު މަޝްރޫއުތައް ފެށުމުން ރައްޔިތުންނަށް ގެއްލުން ލިބޭ ކަމަށެވެ.
ނިޔާޒް މިފަދައިން ވިދާޅުވެފައިވަނީ ބަޖެޓް އެކުލަވާލުމުގެ މަރުހަލާގައި އެކަށީގެންވާ ވަގުތު ނުދެވޭ ކަމަށާއި، ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓެއް ކަމަށް މަޖިލީހުގައި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނިކޮށެވެ.
މީގެއިތުރުން ނިޔާޒު ވިދާޅުވީ 14 ހަފްތާ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށް ގެންދިއުމަށް ހިމަނާފައިވާ ކަމަށާއި، އެއީ ރަނގަޅު ވައުދެއް ކަމަށެވެ. މެންބަރު ވިދާޅުވީ އެކަމުގައި ގާނޫނީ ހުރަހެއް ނެތްކަމަށާއި، ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ.