ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 12:14
ލުބްނާ އަލް-ސާއިޤު؛ ދުވަސް ނުފުރާ އުފަންވި ކުއްޖެއްގެ މަންމަ
ފަލަސްތީނުގެ އިސްރާއީލް ހަނގުރާމަ
"ފުދިއްޖެ": ލުބްނާ މި ދައްކަނީ ކޮން ވާހަކައެއް؟
ލުބްނާގެ ދަރިފުޅަކީ ޞިއްޙީ ފަރުވާއަށް މިޞްރަށް ފޮނުވާލެވުނު 24 އަކަށް ތުއްތު ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖެއް
ތުއްތު ދަރިފުޅާއި ފިރިމީހާއާއެކު، އަލް-ޝިފާ ހޮސްޕިޓަލަށް ލުބްނާ ބަދަލުވީ، ދަރިފުޅަށް ބޭނުންވާ ޞިއްޙީ އެހީ ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ނަމަވެސް ކަންވީ އެހެނެއް ނޫން

ޔަހޫދީ އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށިއިރު، ލުބްނާ ސާއިޤު އުޅުނީ އޭނާގެ ތުއްތު ތުއްތު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުގައެވެ. އޭރު އެ ދަރިފުޅު މި ދުނިޔެއަށް އުފަންވިތާ މާ ގިނަ ދުވަހެއްވެސް ނުވެއެވެ. އެ ދަރިފުޅަކީ ދުވަސް ނުފުރާ ވިހޭ ކުއްޖެއް ކަމުން، ނޭވާލުމުގައި މައްސަލަތަކެއް ކުރިމަތިވެ، އޮކްސިޖަންގެ ފަރުވާ ދޭން ޖެހުނު ކުއްޖެކެވެ.

ލުބްނާގެ އަންހެން ދަރިފުޅު މި ދުނިޔެއަށް ލޯ ހުޅުވާލީ، ޙަމާސްގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ އެންމެ 10 ދުވަސް ކުރިންނެވެ. ޢުދުވާންގަނޑު ގަދަވާން ފެށުމާއެކު ލުބްނާއަށް މަޖުބޫރުވީ، އުތުރު ޣައްޒާގައި ދިރިއުޅެމުން ދިޔަ ގެދޮރު ދޫކޮށް، އަލް-ޝިފާ ހޮސްޕިޓަލަށް ބަދަލުވާށެވެ. ތުއްތު ދަރިފުޅާއި ފިރިމީހާއާއެކު، އަލް-ޝިފާ ހޮސްޕިޓަލަށް ލުބްނާ ބަދަލުވީ، ދަރިފުޅަށް ބޭނުންވާ ޞިއްޙީ އެހީ ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ.

މިޞްރުގެ ރަފަޙުގައި ހުރެ، ނޮވެމްބަރު 20 ވަނަ ދުވަހު މީޑިއާއާއި ވާހަކަދައްކަމުން ލުބްނާވެސް ބުނީ ހަމަ އެއް ވާހަކައެކެވެ. ޢުދުވާނީ ޙަމަލާތަކެއް ހޮސްޕިޓަލަށް ޢަމާޒު ކޮށްފާނެ ކަމަށް ހީ ކުރެވިފައި ނެތް ވާހަކައެވެ. ލުބްނާގެ ދަރިފުޅަކީ ޞިއްޙީ ފަރުވާއަށް މިޞްރަށް ފޮނުވާލެވުނު 24 އަކަށް ތުއްތު ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖެކެވެ.

އޮކްޓޯބަރ 7. އެއީ ޢުދުވާންތައް ފެށި ދުވަސް. އެ ދުވަހު އަހަރެން ބޭނުންވި، ދަރިފުޅުގެ ޙާލު ދެކިލަން ދާން. ދަރިފުޅަށް އޭރު ދިޔައީ އޮކްސިޖަންގެ ފަރުވާ ދެމުން، ނޭވާލުމުގެ މައްސަލަ އުޅޭތީ. ޢުދުވާންތައް ކުރިއަށްދާތާ 3 ވަނައަށް ވީ ދުވަހު އަހަންނަށް މަޖުބޫރުވި ގެދޮރު ދޫކޮށް ނުކުންނަން. އެހެންވެ، ނުކުތީ. އެއާ އެކީ ގެޔަށް ބޮން އަޅައިފި. އަހަރެން ދިޔައީ ދެކުނަށް. ދަރިފުޅު އޮތީ ޝިފާ ހޮސްޕިޓަލުގަ. އެއް ފަހަރުވެސް ހިތަކަށް ނާރާ، ހޮސްޕިޓަލަކަށް ޙަމަލާދީފާނެއޭ. ތުއްތު ކުދިންތަކަކަށް އެވަރުގެ ކަމެއް ތަހައްމަލު ކުރަން މަޖުބޫރުވެދާނެއޭވެސް ހިތަށް ނާރާ. އަހަރެންގެ ގެދޮރު ގެއްލުނީ. ފިރިމީހާ އެކޮޅުގަ މަޑުކުރީ. ދަރިފުޅުގެ އޮކްސިޖަން ނައްޓާލީ މީގެ 10 ދުވަސް ކުރިން. އޭރު ކުރަން އޮތް ކަމަކަށް އޮތީ ޢުމުރާ އެކަށީގެންވާ މިންވަރަކަށް ދަރިފުޅުގެ ބަރުދަން އިތުރު ކުރުން. އެކަމަކު، އެ 10 ދުވަހުގެ ތެރޭގައި ހޮސްޕިޓަލު ހިޞާރުކޮށްފި. ކިރުފޮދެއް ނުލިބޭ. ދަރިފުޅުގެ ޙާލު ދިޔައީ ދެރަވަމުން. އަލުން ހަމަ ސުމަކަށް ދިޔައީ. އަނެއްކާވެސް އޮކްސިޖަން ގުޅަން މަޖުބޫރުވި. ތުއްތު ހުރިހާ ކުދިންގެ ތެރެއިން، އެންމެ ޙާލު ދެރަކޮށް އޮތީ އަހަރެންގެ ދަރިފުޅު.
ލުބްނާ އަލް-ސާއިޤު؛ ދުވަސް ނުފުރާ އުފަންވި ކުއްޖެއްގެ މަންމަ

އަލް-ޝިފާ ހޮސްޕިޓަލުގައި ބިންގަރާހެއްގެ ގޮތުގައި ޙަމާސް ޖަމާޢަތުގެ ހޮހަޅައެއް ހަދާފައި ވާ ކަމަށް ބުނެ، އިޒްރޭލުގެ ފައުޖުތަކުގެ ބާރުގެ ދަށަށް އެ ހޮސްޕިޓަލު ގެންދިޔައީ ހުސްވި ހަފުތާގެ ތެރޭގައެވެ.

މީ ކުށެއް ނެތް، މަޢުސޫމު، ތުއްތު ކުދިން. ދުވަސް ނުފުރާ ވިހާފަ ތިބި ކުދިން. ޅަފަތުގެ ދުވަސްތައް ގުނާ ޢުމުރުގެ ކުދިންގެ ވާހަކަ އަދި ކޮބާ؟ 3 އަހަރަސް، 5 އަހަރަކަސް، ހަމަ ކުޑަ ކުދިން އެއީ. އެކުދިން ގައިގަ ބައްދާލާނެ ފުރުޞަތުވެސް އަހަންނަކަށް ނުލިބުނު. މި ދަރިފުޅު މި ޙާލުގަ ދޫކޮށްލާފަ ދާން ނުކުރެނީމަ. އެ ދަރިންނަށް ވަދާޢުގެ ސަލާމްވެސް ކޮށް ނުލަން. އެކުދިންނަށް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ. އެކުދިންގެ ބޮލަށް ބޮން އަޅާ ޝަހީދުކޮށްލަފާނެ. މުޅި ދުނިޔެއަށް އަހަރެން ބުނަން ބޭނުމީ 'ފުދިއްޖޭ'. މީ މައުސޫމު ކުޑަކުދިން. އަހަރެމެން ކުރާހާވެސް ކަމަކީ، އަހަރެމެންގެ ވަޒަން ޙިމާޔަތް ކުރުން. އަހަރެމެންގެ ވަޒަނަކީ ފަލަސްޠީން.
ލުބްނާ އަލް-ސާއިޤު؛ ދުވަސް ނުފުރާ އުފަންވި ކުއްޖެއްގެ މަންމަ

އިޒްރޭލުގެ ޢުދުވާންތަކާ ގުޅިގެން ޣައްޒާގެ ޞިއްޙީ ނިޒާމު މުޅިން އިނދަޖެހުމާއި، ތެލުގެ ސަޕްލައި ހުސްވެ، އަލް-ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން ތުއްތު އެތައް ކުދިންނެއް ވަނީ މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. 

އަހަރެމެން ދިރިއުޅެމުން ދިޔަ ގެ ސުންނާފަތިކޮށްލީމަ އަލް-ޝުޖާޢިއްޔާއަށް ބަދަލުވީ. އެކޮޅަށް ދިޔަ މަގުމަތީގަ ވިހަން ބަނޑުގަ ރިއްސަން ފެށީ. ޑޮކްޓަރުން ބުނީ ދަރިފުޅު ވިއްސަން އެބަޖެހެޔޭ. އެކަމަކު، ބަނޑަށް އޭރު އަދި އެންމެ 7 މަސްވީ. ދަރިފުޅު މަރުވެދާނެތީ އަހަރެން ވަރަށް ބިރުގަތް. ޑޮކްޓަރުން ބުނީ އެ ހިނދުން ހިނދަށް ދަރިފުޅު ނުވިއްސައިފިއްޔާ، ދަރިފުޅާއި އަހަރެންވެސް މަރުވެދާނޭ. ސިޒޭރިއަން ހެދީ. 4 ދުވަސް ވަންދެން އައިސީޔޫގަ އޮތީ. ދެން އަހަރެން ދިޔައީ ޝުޖާޢިއްޔާއަށް. އެތަނަށްވެސް ޙަމަލާ ދެމުން ދިޔައީ. އަހަރެމެން ތިބި ގެ ވެއްޓުނީ، އަހަރެމެންގެ ގައި މައްޗަށް. ﷲގެ ކުޅަދުންވަންތަކަމުން އަހަރެމެން ސަލާމަތްވި. އެހެން އެންމެން މަރުވީ. އޭގެ ފަހުން އަހަރެމެންގެ ގެދޮރު ގެއްލުނީ.
ނޫރާ އަބޫ ޙައްސާން؛ ދުވަސް ނުފުރާ އުފަންވި ކުއްޖެއްގެ މަންމަ

އެޔެއް މިޔެއް ބެލުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް، އެއްގަމާއި ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މި ދުނިޔެއާ ވަކިވެ ދިޔަ ކުޑަކުދިންގެ ޢަދަދު މިހާރު 6000 އާ ގާތް ކުރަނީއެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ 4000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން އެބަ ތިއްބެވެ. ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ގަނަތެޅެމުންދާ އާބާދީގައިވެސް ގިނައީ ކުޑަކުދިންނެވެ.

- ކޮމެންޓް