ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 11:31
ޗަރުކޭހުގެ ކުޅިވަރުތަކުގެ ކޯޗެއްގެ މަޤާމުގައި ހުރީ ޔޫސުފް ޚުދީރު
ޗަރުކޭހުގެ ޝޯވ
ޤަތުލުޢާންމުގެ ކޮޅިގަނޑުގެ ތެރެއިން ޣައްޒާއަށް ކޯޗް ޚުދީރުގެ ޗަރުކޭސް!
ސަމާސާ އަދަބާއި ސަކަރާތުގެ ތެރެއިން ކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ޚުދީރުއާއި ޗަރުކޭހުގެ އެހެން ކޯ-ފައުންޑަރުން، މަސައްކަތްތަކުގައި ދެމި ތިބީ ސާބިތުކަމާއެކުގައި
އެމީހުންގެ އަމާޒަކީ ކުޑަކުދިންގެ ތެރޭގައި ޗަރުކޭހުގެ ޘަޤާފަތް އާލާކޮށް ފެތުރުމާއި، ދުޅަހެޔޮކަމުގެ ތަސްވީރު އެކުދިންނަށް ދައްކައިދިނުން

ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ފުރާނަ ގެއްލިދާ ކުޑަ ކުދިންގެ ޢަދަދު، ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިޒްރޭލުން ސިފަ ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހު ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމުގައި މި ދުނިޔެއާ ވަކިވި ކުދިންގެ ޢަދަދު، 6000 އާ ގާތް ކުރަނީއެވެ. އެފަދަ ނާމާންކަމެއްގެ ތެރޭގައި ދުވަސްތައް ގުނަން މަޖުބޫރުވެފައި އޮތެއް ކަމަކު، އެ ކުދިންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމާއި ހިނިތުންވުމުގެ އެއް ސިއްރަކީ، ޝަޢުޤުވެރި ކުރަނިވި ޗަރުކޭހުގެ ޝޯއެކެވެ.

މަރުގެ އަނދިރި ހިޔަނިން މުޅި ޣައްޒާގެ ފަޒާ ބަނަކޮށްފައި އޮތެއް ކަމަކު، ދެކުނުގެ ރަފަޙުގެ ސްކޫލެއްގައި ޗަރުކޭހުގެ ހަރަކާތްތައް ކުރިއަށް ދިޔައެވެ. އެ ސްކޫލުގައި ހިޔާވަހިކަން ހޯދަމުންދާ އެތައް ކުދިންނެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އެއީ ހިނދުކޮޅަކަށް ކަމުގައި ވީ ނަމަވެސް، އެ ހަރަކާތްތައް ބަލަން ތިބޭ ވަގުތު، އެ މައުސޫމު މޫނުތަކުން ފެންނަމުންދާ އުފާވެރި ކަމަކީ، އެ މަންޒަރު ފެންނަ ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވާލާނެ ފަދަ ކަމެކެވެ.

ޗަރުކޭހުގެ ކުޅިވަރުތަކުގެ ކޯޗެއްގެ މަޤާމުގައި ހުރީ ޔޫސުފް ޚުދީރުއެވެ. ސަމާސާ އަދަބާއި ސަކަރާތުގެ ތެރެއިން ކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ޚުދީރުއާއި ޗަރުކޭހުގެ އެހެން ކޯ-ފައުންޑަރުން، މަސައްކަތްތަކުގައި ދެމި ތިބީ ސާބިތުކަމާއެކުގައެވެ. އެގޮތުގައި އެމީހުން މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.

އަހަންނަކީ ކޯޗް ޔޫސުފް ޚުދީރު. ޣައްޒާ ސަރކަސސްގެ ކޯޗް. އަހަރެމެން މަސައްކަތް ކުރަނީ ޣައްޒާގެ ރަސްމީ ޗަރުކޭސް މަރުކަޒުގަ. އަހަރެމެން މި މަސައްކަތް ފަށައިގަތީ 2015 ވަނަ އަހަރު. ކުޑަކުދިންގެ މުނިފޫހިފިވިލުވައިދޭން މި ޚިޔާލު ތަނަވަސްކުރީ. އަހަރެމެން ބޭނުން ވީ ކުދިންގެ ކިބައިގަ އުފެއްދުންތެރިކަމުގެ ސިފަ އަށަގަންނުވަން. އެކުދިންނަށް، ނަފްސާނީ ޞިއްޙަތުގެ ދުޅަހެޔޮކަން ހޯދައިދޭން ބޭނުންވީ، ކުޅުމާއި، މަޖަލާއި ސަކަރާތުގެ ތެރެއިން. އަހަރެމެންނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައާ ހެދި އަހަރެމެން މިހާރު އުޅެންޖެހިފަ މި އޮތީ، އެކި މީހުން އެކި ތަނުގަ. އެކި ހިސާބުތަކުގަ. މި ޙާލުގަވެސް، އަހަރެމެން އެބަ ބަލަން، މަސައްކަތް ކުރިއަށް ގެންދެވޭތޯ.
ޔޫސުފް ޚުދީރު؛ ޗަރުކޭސް ކޯޗް

ކުޑަކުދިންގެ މެދުގައިވެސް ޗަރުކޭހުގެ ކުޅިވަރުގެ ޘަޤާފަތެއް އުފެދިގެން ދިއުމަކީ އަމާޒު ކަމަށް ޚުދީރު ބުންޏެވެ.

އަހަރެމެންގެ އަމާޒަކީ ކުޑަކުދިންގެ ތެރޭގައި ޗަރުކޭހުގެ ޘަޤާފަތް އާލާކޮށް ފެތުރުމާއި، ދުޅަހެޔޮކަމުގެ ތަސްވީރު އެކުދިންނަށް ދައްކައިދިނުން. އަހަރެމެން ބޭނުންވަނީ، އެކުދިން ހާސްވެ ކަންބޮޑުވާ ވަގުތު، އެކުދިން ބާރުވެރިކުރުވާ، ހަނގުރާމައާއި ހަލަބޮލިކަމުގެ ޕްރެޝަރުން ސަލާމަތްކޮށްދިނުން. ތަޖުރިބާ ނެތުމުގެ ސަބަބުން ތަމްރީނުތަކުގައި ވެސް އެތައް ދަތިތަކެއް ކުރިމަތިވެފައި އެބަހުރި. އެކަމަކު އަހަރެމެންގެ ތެރޭގައިވެސް ޚިޔާލުތައް އެބަހުރި. އަހަރެމެން ބޭނުންވަނީ މުނިފޫހިފިލުވުމުގެ ތެރެއިން ކުދިންނާ ހަމައަށް އެކަން ފޯރުކޮށްދޭން.
ޔޫސުފް ޚުދީރު؛ ޗަރުކޭސް ކޯޗް

ނޮވެމްބަރު 20 އަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ކަމަށް އދ.ގެ އާންމު މަޖިލީހުން 1959 ވަނަ އަހަރު ފާސްކުރި ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ޤަރާރު ނުވަތަ ޑެކްލަރޭޝަން އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައި އޮވެއެވެ. ނިމިގެން މިދާ 2023 ވަނަ އަހަރުގެ އެ ދުވަސް އިއިރު، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގައި މަރާލެވުނު ކުޑަކުދިންގެ ޢަދަދު އުޅެނީ 5500 އަށް ވުރެ މަތީގައެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ ކުޑަކުދިންނާއި އަންހެނުންގެ ޢަދަދު 4000 އިން މައްޗަށް އަރައެވެ.

ޣައްޒާގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. އެކުދިންގެ ދިރިހުރުމާ ގުޅިފައިވާ ޞިއްޙީ އަސާސީ ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. ތެލާއި ހަކަތައިގެ ސަޕްލައި ހީނަރުވެ، ހޮސްޕިޓަލުތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. ދުނިޔެއަށް ނޭވާއެއް ލުމުގެ ފުރުޞަތު ނުލިބި، މަންމަގެ ބަނޑަށް މަރުވާ ކުދިންގެ ޢަދަދު އިންތިހާއެވެ. ބައިގެން ދިއުމުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހިފައި ތިބި ޣައްޒާގެ ޢާއިލާތައް މިއަދު މަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް