ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 11:13
ސަލާމަތާއި ރައްކާތެރިކަމުގެ ހިޔާވައްސަކަށް އެދި، ޣައްޒާގެ ރަށްވެހިން، އެ ސިޓީގެ އެއްތަނުން އަނެއް ތަނަށް ދިރިއުޅުން ބަދަލު ކުރަމުން ދާ ތާ މިހާރު ދޮޅުމަސް ފާއިތުވީ
ފަލަސްތީނު-އިސްރާއީލް ހަނގުރާމަ
ދިރިހުއްޓެއްކަމަކު ދިރުމެއް ނެތެވެ!
އުފަން ވަޒަނުގައި މިނިވަންކަމާއެކު އެންމެ ނޭވާއެއްވެސް ނުލެވި އުޅެނިކޮށް ބޯމައްޗަށް އޮހެން ފަށަނީ އިޒްރޭލުގެ ބިންތައް
ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ އެއް ސަރަޙައްދަކީ، ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސް

ފަލަސްޠީނު ބައިކުރެވިފައި އޮންނަ 2 ސަރަޙައްދުގެ ތެރެއިން ޣައްޒާއަކީ ކުޑަ ފަޅިއެވެ. މެޑިޓަރޭނިއަން ކަނޑުގެ އިރުމަތީ އައްސޭރިފަށުގައި އޮތް ޣައްޒާގެ ބޯޑަރު، ހުޅަނގުދެކުނުން މިޞްރާއި ގުޅިފައި އޮންނަ އިރު، އިރުމައްޗާއި އުތުރުގައި އޮންނަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިޒްރޭލެވެ. އިނގިރޭސި އިސްތިޢުމާރީ އަޅުވެތިކަމުގެ ކަސްތޮޅުން ފަލަސްޠީނު ނެއްޓުނީ 1948 ވަނަ އަހަރުއެވެ. އެއީ އިޒްރޭލުގެ ޔަހޫދީންނާއި ފަލަސްޠީނާ ދެމެދު ފުރަތަމަ ހަނގުރާމަ ކުރި އަހަރެވެ. އޭރު ޣައްޒާ ވެގެން ދިޔައީ ޢަރަބީންގެ ރެފިއުޖީ ހިޔާވައްސަށެވެ. އިޒްރޭލުގެ ފިއްތުންތަކުން މިންޖުވާނެ އެންމެ ހިނދުކޮޅެއްވެސް ޣައްޒާއަކަށް ނުލިބެއެވެ. 2006 ވަނަ އަހަރު ފަލަސްޠީނުގައި ހިނގާ ދިޔަ، ސިޔާސީ ކޯޅުންގަނޑަށް ފަހު ޣައްޒާގެ ކޮންޓްރޯލް ނެގީ ޙަމާސް ޖަމާޢަތުންނެވެ. ޔަހޫދީންނާއި އިޒްރޭލަށް ތާޢިދު ކުރާ ޤައުމުތަކުން ވަނީ ޙަމާސް ޖަމާޢަތުގައި "ޓެރަރިޒަމް"ގެ ޓެގު އަޅުވާފައެވެ.

ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށާ، އެ ޖަމާޢަތުގެ ހަނގުރާމަވެރިން މޫލާފައި ވަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ކަމަށް ބުނެ، އިޒްރޭލުގެ ޢުދުވާނީ ޙަމަލާތައް، ސިލްސިލާ ގޮތެއްގައި ޣައްޒާއަށް އަމާޒު ކުރެއެވެ. ނަމަވެސް، ނިމިގެން މިދާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފެށި ޤަތުލުޢާންމަކީ، މި ފަހުގެ ތާރީޚުގައި ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައި ވާ ފަދަ ކަމެއް ނޫނެނެވެ. ޙަމަލާތަކުގެ ޝިކާރައަކަށް ވީ މީހުންގެ ބޮޑު އިންސައްތައަކީ، އަންހެނުންނާއި ކުޑަ ކުދިންނެވެ. ޙަމަލާތަކުގައި ފުރާނަ ސަލާމަތްވި ނަމަވެސް، ދިރިތިބީންގެ ދިރިއުޅުމަކީވެސް މިއަދު ވޭން ހުރި ކަމެކެވެ.

އުފަން ވަޒަނުގައި މިނިވަންކަމާއެކު އެންމެ ނޭވާއެއްވެސް ނުލެވި އުޅެނިކޮށް ބޯމައްޗަށް އޮހެން ފެށީ އިޒްރޭލުގެ ބިންތަކެވެ. ލޯބޯ ފިއްސައިގެން، އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކޮޅަށް ޖެހި ގެ، ބިމާ ހަމަކޮށްލަނީ ހިނދުކޮޅެއްގެ ތެރޭގައެވެ. 2.3 މިލިއަން މީހުން ދިރިއުޅެމުންދާ ޣައްޒާގެ އާބާދީއަށް ބަލާއިރު މިއަދު، 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ ގެދޮރު ގެއްލިފައި ވާ މީހުންނެވެ. އެއީ އުފަން ވަޒަނުގައި ރެފިއުޖީންނެވެ.

ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ އެއް ސަރަޙައްދަކީ، ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސްއެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން މަޚްރޫމު ކުރެވިފައިވާ ޙާލު، ހިތްދަތި ދިރިއުޅެމެއްގައި ދުވަސްތައް ގުނަމުންދާ ރެފިއުޖީންނަށް، ކުރިއަށް އޮތީ އަދި އިންތިހާ ތަކުލީފެވެ.

ޓެންޓު ތެރެއަށް ފެން ވަދެފަ މިއޮތީ. އަހަރެމެންގެ ގޮދަޑިތަކާއި، ހެދުންތައްވެސް ތެމި ފޯވެއްޖެ. އަހަރެމެން ދެން ކިހިނެއް ހަދާނީ؟ އަހަރެމެންގެ ހުރިހާ ހެދުމެއް ތެމިއްޖެ. ޓެންޓު މަތީގަ އަދިވެސް އޮތީ ފެން ހެދިފަ. އެއްވެސް މީހަކު އަހަރެމެންނަށް އެއްވެސް އެއްޗެއް ހަދައިދޭކަށް ބޭނުމެއް ނުވޭ. އަހަރެމެންގެ ތެލިތަކާއި، އަތުގަ ހުރި ހުރިހާ އެއްޗެއް ހުރީ ފެނުން ބަރާވެފަ.
ނަރީމާން އަބޫ ރައިދާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް

މި ދުވަސްވަރަކީ ޣައްޒާއަށް އަންނަ ފިނި މޫސުމުގެ ދުވަސްވަރެވެ. އިންތިހާ ގަދަ ފިނިން ސަލާމަތްވާން ރަޖާގަނޑެއްގެ މިންވަރުވެސް ނެތް މީހުން އެހާމެ ގިނައެވެ. އަމިއްލަ ގެދޮރު ދޫކޮށް، ރެފިއުޖީ ކޭމްޕުތަކަށް ބަދަލުވާން މަޖުބޫރުވީ، ފިނިއިރު ލާނެ ހެދުންގަނޑެއްވެސް ނުލައެވެ.

ޚާން ޔޫނިސްގަ ހުންނަ އަހަރެންގެ ގެއަށް ބޮން އެޅީ. އޭގެ ފަހުން އެކި ގޭގަ ހިޔާވަހިކަން ހޯދަމުން ދިޔައީ، ޓެންޓަށް އާދެވެންދެން. ގެއަށް ވުރެ މިތަން ރައްކާތެރި. ޙަޤީޤަތުގަ، ރައްކާތެރި އެއްވެސް ތަނެއް ނެތް. މީ އަހަރެމެންގެ ކުދިން. މިހާރު، އަހަރެމެންގެ ގެޔަކީ މީ. އަހަރެމެން ދިރިއުޅެން ޖެހިފަ މި އޮތް ޙާލު ބަލާބަލަ ނިކަން. ﷲ ގަންދީ ބުނަން، މި ދަރިން ނިންދަވާނެ ގޮތެއް މަށަކަށް ނޭނގެ. އެކުދިންގެ ހެދުންތައް އެހުރީ ތެމި ފޯވެފަ. ކޮން އެއްޗެއް ވަކި ލައްވަން އޮތީ؟ ދެކިބަލަ ނިކަން މި ވެހޭ ވާރޭ... އެކުދިން ކައި އުޅެނީ ކޮން އެއްޗެއްތޯ ބަލާބަލަ ނިކަން. ސާފު ބޯފެން ފޮދެއް، ތާހިރު ކާބޯތަކެއްޗެއް ނެތް. އަހަރެމެން ދަން ކާއެއްޗެހި ގަންނަންވެސް. އެކަމަކު، އެކައްޗެއްވެސް ނުލިބޭ. އަހަރެމެންނާއި، އަހަރެމެންގެ ދަރިންނަށް، ދިރިއުޅުން ވަރަށް ދަތިވެއްޖެ. ފާޚާނާ ކުރެވޭނެ ގޮތް ހަދައިދޭންވެގެން، އަހަރެން އެބަ ދުވަން މި ކުއްޖާފުޅު ގޮވައިގެން އެތަން މިތަނަށް.
މަރްޔަމް އަބޫ ޞިފްރު؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މީހެއް

ސަލާމަތާއި ރައްކާތެރިކަމުގެ ހިޔާވައްސަކަށް އެދި، ޣައްޒާގެ ރަށްވެހިން، އެ ސިޓީގެ އެއްތަނުން އަނެއް ތަނަށް ދިރިއުޅުން ބަދަލު ކުރަމުން ދާ ތާ މިހާރު ދޮޅުމަސް ފާއިތުވީއެވެ. ދަތުރުމަތީގައި ނުވަތަ ވަރުބަލި ފިލުވާލަން މަޑުޖެހިލާ ގަޑިއެއްގައި ޢާއިލާއިން ވަކިވެދެއެވެ. އަބަދުގެ އަބަދެވެ. ޢުދުވާންތަކުގެ ޝިކާރައަކަށްވެގެންނެވެ. ހޮސްޕިޓަލުތަކާއި މިސްކިތްތަކުގައި ހިޔާވަހިކަން ހޯދިނަމަވެސް، ލިބޭ ރައްކާތެރިކަމެއް ނެތެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ ޔަހޫދީން ދެމުން ދާ ޙަމަލާތައް، އެތަންތަނަށްވެސް ސިލްސިލާ ގޮތެއްގައި އަމާޒު ކުރެއެވެ.

މެދުއިރުމަތީގެ މަސްރަޙުން ލިބެމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކަށް ބަލާއިރު، މުޅި ޣައްޒާ އޮތީ ހަފުސްކޮށްލާފައެވެ. ވަކިން ޚާއްޞަކޮށް، އުތުރު ޣައްޒާގައި އެއްވެސް ވަރެއްގެ ދިރުމެއް ނެތެވެ. މުޅި ދިރިއުޅުން އޮތީ ހުއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް