ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 11:00
މަގުތައް މަތިން އަމީނާ ދަރުބޮނޑި ހިފައިގެން ދަނީ ވެހޭހާ ވާރޭއެއްގަ، އޭރު ޙަމަލާތައްވެސް ހުއްޓުމެއް ނެތި ދެމުންދޭ
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ޙަޤީޤީ ބާރުވެރި ކަނބަލުންނަކީ ކޮބައިކަން ޢަމަލާއި ބަހުން ސާބިތުކޮށްދިނުމުގައި އަމީނާއަކީ ނަމޫނާ މަންމައެއް!
 
އަމީނާގެ މަސައްކަތަކަށް މިހާރު ވެފައި އޮންނަނީ ދަރު ހޯދުމާއި، ކާބޯތަކެތި ތައްޔާރު ކުރުމާއި ކެއްކުން
 
ޣައްޒާގެ އެކި ހިސާބުތަކުން ގެދޮރު ގެއްލުނު މީހުންނަށް ކައްކައިދޭން، ދަރު ހޮވަން ދިޔައިރު ރޮކެޓްތައް ފައިބަމުން ދާ މަންޒަރުވެސް ފެންނަ ކަމަށް އަމީނާ ބުނޭ

ޣައްޒާގެ އުތުރުގައި ހުންނަ އޭނާގެ ގެދޮރު ދޫކޮށް ނުކުންނަން މަޖުބޫރުވި ހިސާބުން، އަމީނާ ދަރަވްޝާ ދިރިއުޅެމުން ދަނީ ދީރް އަލް-ބަލާހްގެ ވަގުތީ ރެފިއުޖީ ކޭމްޕެއްގައެވެ. ކޭމްޕުގައި ދިރިއުޅެމުންދާ އެހެން އަންހެނުންނާ ގުޅިގެން އަމީނާ މިހާރު ވަނީ މަސައްކަތެއްވެސް ފަށާފައެވެ. އަމީނާގެ މަސައްކަތަކަށް މިހާރު ވެފައި އޮންނަނީ ދަރު ހޯދުމާއި، ކާބޯތަކެތި ތައްޔާރު ކުރުމާއި ކެއްކުމެވެ.

ދޮން ކޮށްފައި ވާ ދަގަނޑު ދަވައެއްގެ ކައިރީގައި އިށީނދެލައިގެން އިނދެ، އަމީނާ ދިޔައީ މަސައްކަތް ފެށުނު ގޮތުގެ ވާހަކަ، މީޑިޔާއާ ހިއްސާ ކުރަމުންނެވެ.

މިކަން ފަށަން ޖެހުނީ އަހަރެން އަތުގަ ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް ނެތީމަ. ދަރިން ބަލާން ޢާމްދަނީއެއް ހޯދާނެ އިތުރު ގޮތެއް ނެތީމަ. އެހެންވެ މިކަން ފެށީ. މީހުން އާދޭ މިތަނަށް. އަހަރެންގެ ކަމަކީ އެމީހުންނަށް ކައްކަން ތައްޔާރު ކޮށްދީ، ކައްކައިދީ ހެދުން.
އަމީނާ ދަރަވްޝާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ އަންހެނެއް

އަމީނާ ހޮވައިގެން ގެންނަ ދަރުން ރޯކޮށްފައި ހުންނަ އުނދުނުގައި ކެއްކުމުގެ ފުރުޞަތު، ކޭމްޕުގެ އެހެން އަންހެނުންނަށްވެސް އޭނާ ދެއެވެ. ޔަހޫދީ އިޒްރޭލުގެ މުށްދަށުލައި، ދިރިއުޅުމުގެ އެންމެ ޛަރޫރީ ޚިދުމަތްތަކުން ޣައްޒާގެ ރަށްވެހިން މަހްރޫމު ކުރި ނަމަވެސް، އަމީނާ ފަދަ މީހުންގެ ސަބަބުން، އެތައް ބައެއްގެ ދިރިއުޅުމަށް ކުޑަ ނަމަވެސް ލުޔެއް ވަނީ ލިބިދީފައެވެ.

އަމީނާގެ ކިބައިން ފެންނަ ހިތްވަރާއި ސާބިތު ކަމަކީ، އާދައިގެ ކަމެއް ނޫނެވެ. އަންހެންނުން ބާރުވެރި ކުރުވާ، އަންހެނުންނަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މަސައްކަތް ކުރެވިދާނެ ބައެއް ކަމަށް ވަކާލާތު ކުރާ މީހުންނަށް އަމީނާ މިސާލު ދައްކައިދެމުން ދަނީ ޢަމަލާއި ބަހުންނެވެ.

އަހަރެން ޕާން ފިހެދެން، ފުށްގަނޑު މޮޑެދީ، ގުޅަޖަހާދީ ހަދަން. އަލިފާންގަނޑު ޖަހާ، އުނދުންވެސް ރޯކޮށްދެން. އެކަން ކުރަނީ އަހަރެން އަމިއްލައަށް އުފުލާ ދަރު ޖައްސައިގެން. މަގުތައް މަތިން ދަރުބޮނޑި ހިފައިގެން އަހަރެން އަންނަނީ ވެހޭހާ ވާރޭއެއްގަ، އޭރު ޙަމަލާތައްވެސް ހުއްޓުމެއް ނެތި ދެމުން ދާނެ. ގެދޮރެއް ނެތި ދިރިއުޅެން ޖެހިފަ މިއޮތް ދަތި ޙާލުގަ އަހަރެން އެކަން ކުރަނީ. ﷲ ދެކެދެނެވޮޑިގެން ވާނެ އަހަރެމެންގެ ޙާލަތު. އަހަރެމެންގެ އަމިއްލަ ލޮލުން ދެކެން އެބަ ޙަމަލާތައް. އަހަރެމެންގެ ބޯމަތިން އެ ދަނީ ޙަމަލާތައް. ޣައްޒާގެ އެކި ހިސާބުތަކުން ގެދޮރު ގެއްލުނު މީހުންނަށް ކައްކައިދޭން، ދަރު ހޮވަން ދިޔައިރު ރޮކެޓްތައް ފައިބަމުން ދާ މަންޒަރުވެސް ފެނޭ.
އަމީނާ ދަރަވްޝާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ އަންހެނެއް

އަމީނާ ރޯކުރި އުނދުނުގައި ޕާން ފިހުމަށްޓަކައި ފުށްގަނޑު މޮޑެ، ގުޅަވަށާ ހެދުމުގެ މަސައްކަތުގައި، ކޭމްޕުގެ އެހެން އަންހެންވެރިން ޝާމިލުވެ އުޅެމުން ދިޔައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އަދުގެ ޙާލަތަށް ބަލާއިރު، ޔަހޫދީންގެ ޢުދުވާންތައް ފެށި ފަހުން، އާބަދީގެ 3 ބައިކުޅަ 2 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު މިހާރު ހިޔާވަހިކަން ހޯދަމުން ދަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ. އިންސާނަކު ދިރިއުޅެން ހެޔޮވެސް ނުވާހާ ދަތީގައެވެ.

މީ އަހަރެން ދިރިއުޅޭ ޓެންޓަކީ. މީ ޓެންޓު ބޭރުން ފެންނަ ގޮތް. މީ ހަމަ ނައިލޯނު. މީ އެތެރެ އޮތް ގޮތް. ފުރާޅު އަޅާފަވެސް މި އޮތީ ނައިލޯނުން. ބިންމަތީގަ މިއޮތީ ވެލިގަނޑު. އަހަރެން ނިދަނީވެސް މި ވެލިގަނޑުގަ. ދުނިޔޭގެ އެއްވެސް ތަނެއްގަ މިހާރު އުޅޭނެ ބާ، ވެލިގަނޑު މަތީގަ ނިދާ މީހެއް؟ އަހަރެން ނިދަނީ ވެލިގަނޑުގަ. މުށިޖެހި ތަންކޮޅުގަ ދަރިންކޮޅު ނިންދަވާފަ، އަހަރެން ނިދަނީ ވެލިގަނޑުމަތީގަ. މިތާ ހުރި ލަކުޑިތައް މި ހުރީ ހަލާކުވެފަ. ދޭހާ އަތްވަކާއި، ވެހޭހާ ވާރޭއަކުން ސަލާމަތެއް ނުވެވޭ... އަހަރެމެން ދިރި މި އުޅެނީ މަގުމަތީގަ... ވާރޭ ވެހުނިއްޔާ މަތިންނާއި ތިރިން ފެންގަނޑު ވަދޭ. އެކި ފަރާތް ފަރާތުން ފެންގަނޑު ވައްދާލާ. މީ މަގުމަތީގަ ދިރިއުޅުން ހުރި ގޮތަކީ. މީ އިންސާނަކު ދިރިއުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން. ވިއްސާރަ ވެހެންޏާ، ދަރިންނަށްވެސް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯވޭ. އެކުދިންނަށް ޙިމަޔާތެއް ނުދެވޭ. އަހަރެން ކިހިނެއް އެކުދިންނަށް ރައްކާތެރިކަން ހޯދައިދޭނީ؟ ވިއްސާރައިންވެސް އެކުދިން ހިޔާކޮށްނުލެވުނު މަށަކަށް. އަހަރެމެންނަށް ޖެހިފަ މިއޮތް ހާލުން އެކުދިން ސަލާމަތްކޮށްދޭނީ ކިހިނެއް އަހަރެން؟
ފާރިސް ހާމިދު؛ ޣައްޒާގެ އުތުރުން ގެދޮރު ގެއްލިފައި ވާ މީހެއް

އެއްގަމާއި ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ޙަމަލާތައް ދީ، ޢާންމު ރައްޔިތުން ޤަތުލު ކުރަމުން ދާ އިރު، ޔަހޫދީންގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ދުވާލެއްގެ މައްޗަށް ކަފުންކޮށް ވަޅުލަން ޖެހޭ އަންހެނުންނާއި ކުޑަ ކުދިންގެ ޢަދަދުތައް ގިނަ ކަމުން، ޖަމާޢަތްތެރިންގެ ހިތްތަކަށްވެސް ވަނީ އިންތިހާ ފުން އަސަރު ކޮށްފައެވެ. ނިދިން މަހްރޫމުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް