ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 16:13
އިސްރާއިލުން ވަނީ ޖެނިންއަށް އަރައި އެސިޓީގައި ވަރުގަދަ ރެއިޑެއް ކުރިއަށް ގެންގޮސްފައި
އިސްރާއިލުން ވަނީ ޖެނިންއަށް އަރައި އެސިޓީގައި ވަރުގަދަ ރެއިޑެއް ކުރިއަށް ގެންގޮސްފައި
ރޮއިޓާސް
ަފަލަސްތީން-އިސްރާއިލް ހަނގުރާމަ
އިސްރާއިލް އަސްކަރިއްޔާއިން ޖެނިންއަށް އަރައި އެސިޓީގެ ހޮސްޕިޓަލެއްގެ ތެރެއަށް ވަދެގަނެފި
 
ބުރާސްފަތި ދުވަހުގެ ރޭ، 10:30 ހާއިރު އިސްރާއިލްގެ ސިފައިން ޖެނިންއަށް އަރައި ފެށި ރެއިޑް ނިންމާލާފައި ވަނީ ހުކުރު ދުވަހު
 
އިސްރާއިލް އަސްކަރިއްޔާއިން ބުނަނީ ފަލަސްތީންގެ ހަނގުރާމަވެރިން ވަނީ، އެމްބިއުލަންސްތައް ބޭނުންކޮށް، އިބްން ސީނާ ހޮސްޕިޓަލަށް ގޮސް ފިލާފައިކަމަށް
 
އިސްރާއިލް އަސްކަރިއްޔާއިން ވަނީ ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް، ކުއްލިއެހީދޭ މީހުން ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސް އަޅާފައި

އިސްރާއިލް އަސްކަރިއްޔާއިން ފަލަސްތީންގެ ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައިގަނެ، އެސަރަހައްދުގެ ބައެއް ހޮސްޕިޓަލްތައް ވަށާލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން، ބުރާސްފަތި ދުވަހުގެ ރޭ، 10:30 ހާއިރު އިސްރާއިލްގެ ސިފައިން ވަނީ ޖެނިންއަށް އަރައި، ބޮޑު ރެއިޑެއް ހިންގާފައެވެ. އިސްރާއިލް އަސްކަރިއްޔާގެ މިހަރަކާތްތައް ގާތްގަނޑަކަށް 8 ގަޑިއިރަށްވުރެ ގިނަ ވަގުތަށް، ހުކުރު ދުވަހާ ހަމައަށް ކުރިއަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން، އިސްރާއިލް އަސްކަރިއްޔާގެ 80 އަސްކަރީ އުޅަނދާއެކު ޖެނިންއަށް އަރައި، އެސިޓީގެ އާންމުން ދިރިއުޅެމުންދިޔަ ގެތަކުގައި ރެއިޑްތައް ހިންގައި ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިސްރާއިލް ސިފައިންނާ ފަލަސްތީންގެ ރައްޔިތުންނާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތަކެއްވެސް ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހަތިޔާރު އެޅި އުޅަނދުތަކާ ބުލްޑޯޒަރުތަކާއެކު ޖެނިންއަށް އަރައި އިސްރާއިލުން ވަނީ އާންމުންގެ ކާރުތަކާއި އެސަރަހައްދުގެ މަގުތަކަށްވެސް ގެއްލުންދީފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ޑްރޯން ހަމަލާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި މިހަމަލާތަކުގައި އިތުރު 14 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފަލަސްތީންގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލާދި އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ހުޅަނގު އައްސޭރީގެ ހަތަރު ހޮސްޕިޓަލެއް އިސްރާއިލް އަސްކަރިއްޔާއިން ވަށާލިކަމަށް ރިޕޯޓުތައް ބުނާއިރު، ބުރާސްފަތި ދުވަހުގެ ރެއިޑްގައި އިސްރާއިލް އަސްކަރިއްޔާއިން ވަނީ، އެސަރަހައްދުގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލްކަމަށްވާ އިބްން ސީނާ ހޮސްޕިޓަލްގެ ތެރެއަށް ވަދެގަނެ، އެހޮސްޕިޓަލްގެ ރެއިޑެއްވެސް ގޮސްފައެވެ. އެގޮތުން ހޮސްޕިޓަލްގެ ސްޓާފުންނަށް، އަތް އުފުލައިގެން ތިބެ، ހޮސްޕިޓަލް ހުސްކުރުމަށް ވަނީ އަންގާފައެވެ. ގިނަ ގަޑިއިރު ތަކަކަށްފަހު، އިސްރާއިލް އަސްކަރިއްޔާއިން އެހޮސްޕިޓަލްގެ ރެއިޑް ނިންމާލާފައި ވަނީ ހުކުރު ދުވަހުކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ވަނީ އިސްރާއިލް ސިފައިންގެ އެންގުންތަކަށް ދެކޮޅު ހަދާފައެވެ. އަދި އިސްރާއިލުން ވަނީ ޕެރެމެޑިކްސްގެ ދެ މީހަކު ހައްޔަރުކޮށްފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން ބުނަނީ އެމީހުންނަށް ކުރަމަތިލި ފަލަސްތީންގެ ހަނގުރާމަވެރިން ވަނީ، އެމްބިއުލަންސްތައް ބޭނުކޮށް، އިބްން ސީނާ ހިސްޕޮޓަލަށް ގޮސް ފިލާފައިކަމަށެވެ. އަދި އެހޮސްޕިޓަލްގެ ކުރިމަތިން ފަލަސްތީންގެ ހަނގުރާމަވެރިއެއް ހައްޔަރުކޮށްފައިވާކަމަށްވެސް އިސްރާއިލް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން ވަނީ ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް، ކުއްލިއެހީދޭ މީހުން ކުރަމުންދިޔަ މަސައްކަތްތަކަށްވެސް ހުރަސް އަޅާފައިކަމަށް ފަލަސްތީންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، އިސްރާއިލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން، ހުޅަނގު އައްސޭރީގައިވެސް އެމީހުންގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 12،000ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިމުއްދަތުގައި އިސްރާއިލުން ހުޅަނގު އައްސޭރީގައި ކުރިއަށްގެންދިޔަ ރެއިޑްތަކުގައި 203 މީހަކު ވަނީ މަރުވެފައެވެ.

ހުކުރު ދުވަހު އިސްރާއިލް އަސްކަރިއްޔާއިން ވަނީ ރައްމައްލާގެ ހުޅަނގުގެ އަވަށެއްގެ ގިނަ އަދަދގެއް ގެތަކަކަށް ވަދެ، 28 މީހުން ހައްޔަރުކޮށްފައެވެ. އަދި ބުރާސްފަތި ދުވަހު، ހުޅަނގު އައްސޭރީގައި ހުންނަ ޗެކްޕޮއިންޓެއްގައި އިސްރާއިލް އަސްކަރިއްޔާއިން ބަނޑިޖަހައި ފަލަސްތީންގެ ތިން މީހަކު ވަނީމަރާލާފައެވެ. މިހަމަލާ ބަދަލުކުރުންތަކުގައި އިސްރާއިލް އަސްކަރިއްޔާގެ އެއް އޮފިސަރަކު މަރުވެފައިވާކަމަށް އެގައުމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި