އިސްރާއީލުގެ ބާރުތަކުން ހޮނިހިރު ދުވަހު ހަވީރު ޣައްޒާގެ އުތުރުގައި ބައިތު ލަހިޔާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލަށް މިހާތަނަށް ދީފައި ނުވާ ފަދަ ގަދަ ފަދަ ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
ސިއްހީ މަސްދަރުތަކުން ބުނެފައިވަނީ ހޮސްޕިޓަލަށް އެއްވެސް ބެލުމެއް ނެތި ބޮން އަޅަމުން ގެންދިޔަ ކަމަށާއި، އޭގެ އިތުރުން އިސްރާއީލުގެ ބާރުތަކުން، އާޓިލަރީ ޝެލްތަކާއި، ސްނައިޕަރ ބަޑިން ވެސް ހަމަލާ ދިން ކަމަށެވެ. މި ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ޖަނަރޭޓަރުތަކާއި އެކި ޑިޕާޓްމަންޓްތަކަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ.
އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހުރި އަލް އައުދާ ހޮސްޕިޓަލަށް ވެސް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ.
އިސްރާއީލުގެ ބާރުތަކުން އުތުރު ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށްވެސް ބޮން އަޅައި، މަދުވެގެން 8 ފަލަސްޠީނު މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ފާއިތުވި ހަފްތާތަކުގައި ކަމާލް އަދުވާން ހޮސްޕިޓަލަށް އިސްރާއީލުގެ ބާރުތަކުން ދިން ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވެފައެވެ. އެ ހަމަލާތަކުގައި ސިއްހީ މުވައްޒަފުންނާއި އާންމުން މަރުވެ އަދި ޒަޚަމްވެފައިވެއެވެ. ހޮސްޕިޓަލަށް ތަކުރާރުކޮށް ދޭ ހަމަލާތަކުގެ ސަބަބުން ހަނގުރާމައިގެ ސަބަބުން ވީރާނާ ވެފައިވާ ޣައްޒާގެ ސިއްހީ ޚިދުމަތްތަކަށް ބޮޑެތި ގޮން ޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާ ތަކުގައި ޝަހީދުވި މީހުންގެ އަދަދު 45،227 އަށް ވަނީ އަރާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މަދުވެގެން 107،537 ށް އަރާ ކަމަށް ރަސްމީ ހިސާބުތައް ބުނެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.
11،000 މީގެ އިތުރުން 11،000ށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެމީހުން އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވުމުގެ ސަބަބުން ކާނާއާއި ފެނުގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ޣައްޒާ އަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ދަނީ އިތުރަށް ގޯސްވެގެންނެވެ.