ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 11:14
ދެކުނު ޣައްޒާގެ ރަށްވެހިން ކޮންމެ ދުވަހަކުވެސް އެތައް ހާސް ކޭމެއް ކައްކާ، ތައްޔާރު ކޮށްދޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޤަތުލުޢާންމުގެ ތެރޭގައިވެސް މެހެމާންދާރީ އަދާކުރުމުގައި ޣައްޒާގެ ރަށްވެހިން މުޅި ދުނިޔެއަށް ދައްކައިދެނީ ހިތްގައިމު ނަމޫނާއެއް!
 
ގެދޮރު ގެއްލިގެން އުތުރުން އައިސް ތިބި މީހުންނަށް އެހީވާންވެގެން، ގާޒާގެ ރަށްވެހިން ދުވާލެއްގެ މައްޗަށް 3000 އެއްހާ ކޭން ކައްކާ، އެއީ އެއްގަމު މަހާއި ބަތް ފަދަ ކެއުން
 
ކާބޯތަކެތި ތައްޔާރު ކުރަން ހުރި ސަމާނަށް ބަލާއިރު، ބާކީ ހުރީ ދެތިން ދުވަހުގެ ކޮއްތުކަން އަބޫ މުޙައްމަދު ފާހަގަކުރޭ

ހުޅަނގުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބައިނަލްއަޤުވާމީ މީޑިއާއިން ކޮންމެ ގޮތަކަށް ވާހަކަ ފަތުރާ، މަންޒަރުތައް ކުރެހި ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްޠީނަށް ޒިޔާރަތް ކުރާ މީހުންގެ ފަރާތުން އިވެމުންދަނީ މުޅިން ތަފާތު އަޑުތަކެކެވެ. ކުރަހަނީ މުޅިން ތަފާތު މަންޒަރެކެވެ. ފަލަސްޠީނަށް ދަތުރު ކޮށްފައި ވާ މީހުންގެ ވާހަކަތަކަށް ބަލާއިރު، ފަލަސްޠީނަކީ މެހެމާންދާރީ އަދާ ކުރުމުގައި ލާމަސީލު މިސާލު ނަސްލެކެވެ. ފަލަސްޠީނުގެ ރައްޔިތުން ބޮޑުވަމުން އަންނަނީ ޝަހާމަތުވަންތަ ސިފަތައް ދަސްކުރަމުންނެވެ. ނުވަތަ ރީތި އަޚުލާޤާއި، ހައިބަތުގެ ސާބިތުކަން ލިބިފައި ވާ ބައެއްގެ ގޮތުގައެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން، ނަސްލު ދޮވެލުމަށް ޣައްޒާގައި ޤަތުލުޢާންމު ހިންގަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާ އިރުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ފެންނަނީ މި ދެންނެވި ސިފަތަކެވެ. ކޮންމެ ޙާލެއްގައިވެސް މެހެމާންދާރީ އަދާ ކުރަނީ ފަސްޖެހުމެއް ނެތިއެވެ. އަނެކާގެ ދިރިއުޅުމަށް ލުޔެއް ހޯދައިދެވޭތޯ، ހަށީގައި ނެތް ހިތްވަރު ނެރެގެންވެސް ނުކުމު އުޅެނީ މަދު ބައެއް ނޫނެވެ. އުތުރު ޣައްޒާގައި އިޒްރޭލުގެ ޢުދުވާންތައް ވަރުގަދަ ކޮށްފައި ވާ އިރު، އެތައް ސަތޭކަ ހާސް ބަޔަކު މިއަދު ތޮއްޖެހިގެން ދިރިއުޅެމުން ދަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ. އަމިއްލަ ގެދޮރު ދޫކޮށް، ޣައްޒާގެ ދެކުނަށް ބަދަލުވެފައި ވާ މީހުންނަށް މެހެމާންދާރީ އަދާކޮށް، އޯގާތެރިކޮށް ހިތުމުގައި ޣައްޒާގެ ދެކުނުގެ ރަށްވެހިން ދަނީ މުޅި ދުނިޔެއަށް މިސާލު ދައްކައިދެމުންނެވެ.

ވަޔާއި އެއްގަމު މަގުންވެސް އިޒްރޭލުގެ ޙަމާލަތައް ވަރުގަދަ ކުރަމުން ދާ އިރު، އެ ޢުދުވާންތަކުން ސަލާމަތް ވުމުގެ އުންމީދުގައި ޣައްޒާގެ ދެކުނަށް ބަދަލުވަމުންދާ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން މަޝްހޫލުވެގެން އުޅެނީ ހަމަ ޢާންމު ރައްޔިތުންނެވެ. ދެކުނު ޣައްޒާގެ ރަށްވެހިން ކޮންމެ ދުވަހަކުވެސް އެތައް ހާސް ކޭމެއް ކައްކާ، ތައްޔާރު ކޮށްދެއެވެ.

ދުވަހަކީ ނޮވެމްބަރ 12 ވަނަ ދުވަހެވެ. ޣައްޒާގެ އެންމެ ދެކުނު ސިޓީ ކަމަށް ވާ ރަފަޙުގައި، އަބޫ މުޙައްމަދު އަވަދިނެތި އުޅެމުންން ދިޔައީ ކޭންތައް ތައްޔާރު ކުރުމުގެ މަސައްކަތުގައެވެ. ތައްޔާރު ކުރަމުން ދިޔައީ އެއްގަމު މަހާއި ބަތުގެ ބާވަތްތަކެވެ.

ގޭހެއް، ކަރަންޓެއް ނެތް. ގެދޮރު ގެއްލިގެން އުތުރުން އައިސް ތިބި މީހުންނަށް އެހީވާންވެގެން، އަހަރެމެން އެބަ ކައްކަން ދުވާލެއްގެ މައްޗަށް 3000 އެއްހާ ކޭން. އެއްގަމު މަހާއި ބަތް ތައްޔާރު ކުރަނީ. އަލިފާންގަނޑު ޖަހައިގެން ކައްކަނީ، ގޭސް ނެތީމަ. އެހެން އެއްޗެހީގެ ސްޓޮކްވެސް ހުސްވަނީ މިހާރު މި. އަހަރެމެންނަށް މާ ގިނަ ދުވަހަކު ނެތް ކެއްކޭކަށް. ގިތެލެއް، އެކައްޗެއްވެސް ނެތް.
އަބޫ މުޙައްމަދު؛ ޣައްޒާގެ ރަށްވެއްސެއް

ކާބޯތަކެތި ތައްޔާރު ކުރަން ހުރި ސަމާނަށް ބަލާއިރު، ބާކީ ހުރީ ދެތިން ދުވަހުގެ ކޮއްތުކަން އަބޫ މުޙައްމަދު ފާހަގަ ކުރިއެވެ.

ބޯޑަރުތައް ހުޅުވާ. ބޯޑަރުތައް ހުޅުވާނ. އަހަރެމެންނަށް ހަނޑުލާއި، ގިތެލާއި، ހަކުރާއި ލޮނު ފޮނުވައިދީ. އަހަރެމެން އަތުގަ ހަމަ އެކައްޗެއްވެސް ނެތް. މިހާރު ހުރީ ދެތިން ދުވަހު ބޭނުން ކުރެވޭނެހާ އެއްޗެހި. އެޔަށް ވުރެ ގިނަ ދުވަހަށް ކެއްކޭނެ ފަދައެއް ނެތް އަހަރެމެން އަތަކު. ހަނޑޫ ހުސްވަނީ، ދަރު ހުސްވަނީ. ގޭސް ނުލިބި އުޅެނިކޮށް، ދަރު ހުސްވެއްޖިއްޔާ، އަހަރެމެންގެ ޒަމާން ދިޔައީ އެ.
އަބޫ މުޙައްމަދު؛ ޣައްޒާގެ ރަށްވެއްސެއް

2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ، ހުޅަނގުގެ ފުރިހަމަ ތާޢީދާއެކު އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި 15000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ. ޣައްޒާގެ މުޅި އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ވަންނާނެ ގެދޮރެއްވެސް މިއަދަކު ނެތެވެ. ޣައްޒާއަކީ އިޒްރޭލުން މި ފަހުގެ ޤަތުލުޢާންމު ފެށުމުގެ ކުރިންވެސް، ބައިނަލްއަޤުވާމީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް ރަށެކެވެ. ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާއަށް ދުވާލެއްގެ މައްޗަށް، 500 ޓްރަކްގެ އެހީގެ ސާމާނު ބޭނުންވި ނަމަވެސް، ހުޅުވާލާފައި އޮތް ހަމައެކަނި ބޯޑަރު ކަމަށް ވާ ރަފަޙު ސަރަޙައްދުން ޣައްޒާއަށް މިހާރު ދުވާލެއްގެ މައްޗަށް އެތެރެ ކުރެވެނީ އެންމެ 50 ޓްރަކްގެ މުދަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި