ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 14:24
ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް، ޣައްޒާގެ ރަށްވެހިންނަކީ ސާބިތު ހިތެއްގެ ވެރި ބައެއްކަން ވަނީ ދައްކަދީފައި
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ކިތަންމެ ހިތްދަތިވިޔަސް، ކިތަންމެ އަނިޔާއެއް ލިބުނަސް ހިނިތުންވާނަން"
 
އައް-ޝިފާ ހޮސްޕިޓަލުގެ ބޭރުގައި، މިޤްދާދް ވަނީ ޖޯކަރެއް ނުވަތަ ކްލައުންއެއްގެ ގޮތަށް ހެދުން އަޅައިގެން ހުރެ، ކުޑަކުދިންނަށް ޚާއްޞަ ޝޯވއެއް ހުށަހަޅައިދީފަ
 
ޞިއްޙީ ޚިދުމަތްތެރިންނާއި ބަލި މީހުންގެ އިތުރުން، އައް-ޝިފާ ހޮސްޕިޓަލަކީ، އިޒްރޭލުގެ ޢުދުވާންތަކުގައި ގެދޮރު ގެއްލުނު އެތައް ސަތޭކަ ހާސް ޢާއިލާއަކުން ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ މައިދާނެއް

ދިރިއުޅުމަކީ އިމްތިޙާނެކެވެ. ދުނިޔަވީ ޙަޔާތުގައި ތިބާއަކީ ތާއަބަދުމެ ނަޞީބު އަތުގައި ހިފައިގެން ހުންނަ މީހަކަށް ވިޔަސް، ނުވަތަ، ހާސްކަމާއި ނާމާން ކަމުގެ ތެރޭގައި ދުވަސްތައް ގުނަން ޖެހިފައި ވާ މީހަކަށް ވިޔަސް، ދިރިއުޅުމަކީ އިމްތިޙާނެކެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާއި ތަކުލީފުތައް މާ ގިނަ ވެއްޖެ ނަމަ، މާޔޫސްކަމާއި ހިތްދަތިކަމުގައި ދުވަސްތައް ގުނަން ނަފުސު މަޖުބޫރު ކުރުވައެވެ. އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި ބޭނުން ވަނީ ކުޑަކުޑަ ހިތްވަރެކެވެ. ބިރުވެރި ހުވަފެނެއްގައި ދުށުމަށްވެސް މީހަކު ނޭދޭނެ ފަދަ މަންޒަރުތަކެއް، ހަމަ ލޮލަށް ފެނި، ތަޖުރިބާ ކުރަމުންދާ ޣައްޒާއިން ފެނިގެންދަނީ މި ދެންނެވި ހިތްވަރު ނެރެ، ކޮންމެ ޙާލެއްގައިވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ގަދަ އަޅާ މަސައްކަތް ކުރާ މަންޒަރެވެ.

ޔަހޫދީ އިޒްރޭލުން ޣައްޒާ ހަފުސް ކުރުމުގެ ޤަތުލުޢާންމު ފެށިފަހުން މަސްދުވަހަށް ވުރެ ދިގުލައި ގޮސްފައި ވާ އިރު، އެ ޢުދުވާންތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރާފައި ވަނީ، ކުށެއް ނެތް، މައުސޫމު ކުޑަ ކުދިންތަކަކަށެވެ. މައިންބަފައިންނާއި، ގާތް ތިމާގެ މީހުންގެ ލޯތްބާއި އަޅާލުން އޭގެ އެންމެ އިންތިހާއަށް ބޭނުން ވި ދުވަހު، މުޅި ދުނިޔެވެސް އެ ކުދިން ބާކީ ކޮށްލި ފަދައެވެ. އެފަދަ ހިތްދަތި ޙާލެއްގައި ދުވަސްތައް ގުނަމުންދާ ޣައްޒާގެ ކުޑަ ކުދިންގެ ހިތްތަކަށް ކުޑަ ނަމަވެސް އުފާވެރިކަމެއް ގެނެސްދިނުމުގެ މަތިވެރި ޢަޒުމުގައި ތެދުވި އެކަކީ ޢަލާ މިޤްދާދްއެވެ.

އަހަރެންގެ ގެ ސުންނާފަތިކޮށްފި، ދެބެންގެ ދެދަރި ކުއްޖަކު ވަކިވެއްޖެ، ޢާއިލާ ގެއްލިއްޖެ، ލޯބިވާ އެތައް ބަޔަކު ވަކިވެއްޖެ. ހުރިހާ ޙާލެއްގައިވެސް ޝުކުރު ހުރީ ﷲއަށް. އަހަންނަކީ މިއަދު ޖޯކަރެއް ނޫން، ނުވިތާކަށް ހިނިތުންވުމުގެ ސަފީރެއްވެސް ނޫން. މަށަކީ މިއަދު މި ޤަތުލުޢާންމުގައި އަނިޔާ ލިބޭ ބައިގެ މީހެއް. ﷲ އަށް ޙަމްދު ހުރި.
ޢަލާ މިޤްދާދް؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

ޣައްޒާގެ މަރުކަޒީ ހޮސްޕިޓަލު، އަދި ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށް ވާ އަލް-ޝިފާ ހޮސްޕިޓަލުގެ ބޭރުގައި، މިޤްދާދް ވަނީ ޖޯކަރެއް ނުވަތަ ކްލައުންއެއްގެ ގޮތަށް ހެދުން އަޅައިގެން ހުރެ، ކުޑަކުދިންނަށް ޚާއްޞަ ޝޯވއެއް ހުށަހަޅައިދީފައެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ބަލި މީހުންގެ އިތުރުން، އަލް-ޝިފާ ހޮސްޕިޓަލަކީ، އިޒްރޭލުގެ ޢުދުވާންތަކުގައި ގެދޮރު ގެއްލުނު އެތައް ސަތޭކަ ހާސް ޢާއިލާއަކުން ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ މައިދާނެކެވެ. ނަމަވެސް އިޒްރޭލުގެ ޙަމަލާތައް ސިލްސިލާ ގޮތެއްގައި އަލް-ޝިފާ ހޮސްޕިޓަލަށް ޢަމާޒު ކުރަން ފެށުމާއެކު، އެތައް ބަޔަކު ވަނީ އެ ސަރަޙައްދު ދޫކޮށް، ޣައްޒާގެ ދެކުނަށް ބަދަލުވާން ފަށާފައެވެ. މިޤްދާދްވެސް އެ މީހުންގެ ތެރޭގައި ހިމެނެއެވެ.

35 ދުވަސް ގޭގަ ހުރިން އަހަރެން. 30 ދުވަސް ހޭދަ ކުރީ ޝަތީޢީ ރެފިއުޖީ ކޭމްޕުގަ ހުންނަ އަހަރެންގެ ގޭގަ. އެކަމަކު އެތަނަށްވެސް ޙަމަލާ ދިނީމަ ދެން ބަދަލުވީ އެންމެ ރައްކާތެރި ކަމަށް ބެލެވުނު އަލް-ޝިފާ ހޮސްޕިޓަލު ސަރަޙައްދަށް. 4 ދުވަހު އެތާ ހުރިން. 35 ވަނައަށް ވީ ދުވަހު އެތަނަށްވެސް ޙަމަލާ ދީފި. އެ ސަރަޙައްދުގަ އޭރުވެސް ތިބި، ގެދޮރު ގެއްލިފަ ތިބި 60000 އެއްހާ މީހުން. ޙަމަލާ ދިނީ ހޮސްޕިޓަލަށް ވަންނަން އޮންނަ ދޮރޯއްޓާއި، ވަލު ދޮރާއި، މާބަނޑު މީހުންނަށް ޚާއްޞަ 5 ވަނަ ފަންގިފިލާގެ އިތުރުން ގޯތި ތެރެއަށް. ﷲ އަށް ޙަމްދު ހުރި. އަހަރެމެން މިހާރު މިޞްރާބު ޖަހާފަ މި އޮތީ ރަފަޙަށް.
ޢަލާ މިޤްދާދް؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

ކުޑަ ނަމަވެސް ސަލާމަތެއް ލިބޭނެ ކަމުގެ އުންމީދުގައި އުތުރު ޣައްޒާއިން ދެކުނަށް މިޤްދާދް ކުރި ދަތުރަކީ ވަކި ފަސޭހަ ދަތުރެއް ނޫނެވެ. އައް-ޝިފާ ހޮސްޕިޓަލު ސަރަޙައްދުން ނުކުމެގެން، މިޞްރާ ޣައްޒާ ހިއްސާ ކުރާ ރަފަޙަ ބޯޑަރާ ދިމާއަށް މިޤްދާދް ދަތުރު ކުރަމުން ދިޔައީ ފައިމަގުގައެވެ. އޭނާގެ މާބަނޑު އަނބިމީހާއާވެސް އެކުގައެވެ. ރައްކާތެރިކަމާއެކު އެ ދަރިފުޅު މި ދުނިޔެއަށް އުފަން ކުރެވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ.

އަހަރެން މި ހުންނަނީ ތުއްތު ދަރިފުޅާ ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގަ. މި ދަރިފުޅަށް އިންތިޒާރު ކުރާތާ 10 އަހަރު މިވީ. އަންހެނުންގެ ބަނޑަށް މިހާރު 9 މަސް. އެ ފަކީރަށް އުޅެން ޖެހިފަ މިއޮތީ ހަނގުރާމައެއްގެ މެދުގަ. އަމިއްލަ ގެދޮރު ދޫކޮށް، ތުއްތު ދަރިފުޅުވެސް އެދަނީ މަންމަގެ ބަނޑުގަ އޮވެގެން. ދަރިފުޅުގެ ފުރާނަ ސަލާމަތްވުން އުންމީދަކީ.
ޢަލާ މިޤްދާދް؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް، ޣައްޒާގެ ރަށްވެހިންނަކީ ސާބިތު ހިތެއްގެ ވެރި ބައެއްކަން މިޤްދާދް ފަދަ ރަށްވެހިންނާ ވާހަކަދައްކާލުމުން ކިތަންމެ ރަނގަޅަކަށްވެސް ސާފުވެއެވެ.

ކިތަންމެ ހިތްދަތި ގޮތަކަށް އަހަރެމެންނަށް އުޅެން ޖެހިފަ އޮތަސް، ކިތަންމެ އަނިޔާއެއް ތަޙައްމަލު ކުރަން ޖެހުނަސް، އަހަރެމެންނަކީ އެ ވޭނުގައިވެސް ހިނިތުންވާނެ ބައެއް.
ޢަލާ މިޤްދާދް؛ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރަށްވެއްސެއް

ހޮސްޕިޓަލުތަކަކީ އެންމެ ވަރުގަދަ ހަނގުރާމަތަކުގައިވެސް ސަލާމަތާއި ރައްކާތެރިކަން ދީފައި އޮންނަ ތަނަކަށް ވީ ނަމަވެސް، ނަސްލު ދޮވެލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި، ޣައްޒާގެ ހޮސްޕިޓަލުތަކަށްވެސް ބެލުމެއް ނެތެވެ. ޣައްޒާގައި ހިންގާ އިންޑޮނީސިއަން ހޮސްޕިޓަލު ސުންނާފަތިކޮށްފައި ވާ އިރު، ނާޞިރު ރަންތިއްސީ ޕީޑިއަޓްރިކް ކެންސަރ ހޮސްޕިޓަލުގައި ވަނީ ހުޅުޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި