ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 23:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
މަޖުލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަސްލަމް
އަސްލަމާ ވާދަ ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އައްޔަން ކުރެއްވީ ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އައްޔަން ކުރައްވައިފިއެވެ.

އަސްލަމް މި މަގާމަށް އައްޔަންކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާއަށް ހާޒިވެވަޑައިގެން ވޯޓުދެއްވި 76 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.

މި ވޯޓުގައި އަސްލަމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަަމަށް އަސްލަމް އައްޔަންކުރައްވާފައި މިވަނީ އެމަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހޯމަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައި އެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާދެއްވިކަން އިއުލާން ކުރައްވަމުން ނަޝީދު މަޖިލީހުގެ އިދާރާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށާއި، އެ މައްސަލައާ އެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުން ކަމަށެވެ. އެގޮތުން ޤަވައިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާ ކަމަށާއި، މަޖިލީހުގެ ކޮމިޓީއަކުން، މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެފަދައިން ވިދާޅުވިއިރު، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން، ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެންދެވީ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް ފުރުސަތު ނުދިނުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު އަސްލަމް ވަނީ 2005 ވަނަ އަހަރުން ފެށިގެން 4 މަޖިލީހެއްގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައެވެ. އެއީ 16، 17، 18 އަދި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެއެވެ.

- ކޮމެންޓް