ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 12:28
ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން
ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލަ: ދިފާއީ ހެއްކެއްގެ ހެކިބަސް ނަގައިފި
 
ހެކިވެރިޔާ ބުނީ، މޫސާ އިނާސް އެފަދަ ކަމެއް ނުުކުރާނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތްކަމަށް
 
ހޯމަ ދުވަހުގެ އަޑުއެހުމުގައި ހާޒިރުވީ މޫސާ އިނާސްގެ އާއިލާ މެމްބަރެއް

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވާ މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ހާޒިރުވީ މޫސާ އިނާސްގެ އާއިލާ މެންބަރެކެވެ. އެއީ މި ޙާދިސާ ހިނގިއިރު މޫސާ އިނާސްއާ އެއް ގެއެއްގައި އުޅެމުންދިޔަ މީހެކެވެ.

ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ، ލޯންޗު ރޯކޮށްލި މައްސަލައިގައި އިނާސް ބައިވެރިވިކަން ނުވަތަ ރޭވިކަމުގެ އެއްވެސް މައުލޫމާތެއް އަދި އިނާސްއާ ގުޅުވައި ވާހަކައެއް ދެއްކި އަޑެއް އިވިފައިނުވާ ކަމަށާއި، މި މައްސަލައިގެ ކަންކަން އެނގިގެން ދިޔައީ ޚަބަރުތަކުންކަމަށެވެ.

އެކަން ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންނަށް ޖެއްސުން ކުރުމުގެ ގޮތުންކަމަށް ރަށުތެރޭގައި ވާހަކަ ދެކެވުނުކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، މޫސާ އިނާސް އެފަދަ ކަމެއް ނުުކުރާނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތްކަމަށެވެ.

އެހެންނަމަވެސް އިނާސް އެކަމުގައި ބައިވެރިނުވާކަން ޔަޤީންކޮށްދިނުމަށް އިނާސްގެ މައްޗަށް އޮތް އިތުބާރު ފިޔަވައި އެހެން ސަަަބަބެއް އޮތްތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން، ހެކިވެރިޔާ އިތުރު ސަބަބެއް ބުނެފައެއް ނުވެއެވެ.

އަދި އިނާސްއާ ގުޅުވައި މި މައްސަލައިގައި ފާހަގަކޮށްފައިވާ ޓެލެގްރާމްގައި ބޭނުންކުރާ އައިޑީއަކީ ދަންނަ އައިޑީއެއް ނޫންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އެ ނަންބަރު މިހާރު ބޭނުންކުރަނީވެސް އެހެން މީހެއްކަމަށް އެނގިފައިވާކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ އެހެން ބުނެފައިވާއިރު، "ހުޒައިފާ_1" ކިޔާ ޓެލެގްރާމް އައިޑީއެއްގެ މައުލޫމާތު ހޯދާފައިވާ ކަމަށާއި، އެ ޓެލެގްރާމް އައިޑީ ހަދާފައިވަނީ މޫސާ އިނާސްގެ ނަންމަތީގައި ނަގާފައިވާ ނަންބަރަކުން ކަމަށް ދައުލަތުގެ ހެއްކަކު މީގެ ކުރިން ބުނެފައިވެއެވެ.

އެ ހެކިވެރިޔާ ބުނީ ޓެލެގްރާމް އައިޑީއިން ވާހަކަ ދައްކަނީ އިނާސް ކަމަށް މައުލޫމާތު ލިބުނީ އިންޓެލިޖެންސް އިދާރާއަކުން ކަމަށެވެ. އެ މައުލޫމާތަށް ބިނާކޮށް އެހެން އިދާރާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށާއި، ރިޕޯޓުގައިވާ ނަންބަރަކީ މޫސާ އިނާޒުގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއް ކަމަށެވެ.

ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ މި މައްސަލައިގެ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް