Advertisement
ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 13:18
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތް
ފުުލުހުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމާއި، ތައުދީބީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހުތަކެއް
ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް ހުށަހެޅޭ ތައުދީބީ މައްސަލަތައް، 75 ދުވަހުގެ ތެރޭގައި ތަހުގީގުކުރަންޖެހޭ
ތަހުގީގު ނުނިމޭ މައްސަލަތައް، ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެ
ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމިޓީން ތަބާވާންޖެހޭ އަސާސީ އުސޫލުތައް ގަވާއިދުގައި ހިމެނިފައިވޭ

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ފުލުހުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމާއި، ތައުދީބީ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް ހުށަހެޅޭ ތައުދީބީ މައްސަލަތައް، 75 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމައި، އެ މައްސަލަތައް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެ ކަމަށެވެ.

އަދި 75 ދުވަސް ހަމަވާއިރު ތަހުގީގު ނުނިމޭ މައްސަލަތައް، ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައި ކުރިން އޮންނަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްތިއުނާފުކުރެވޭ މައްސަލަތައް އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެކަމަށެވެ.

އެހެންނަމަވެސް މިހާރު އެ މާއްދާއަށް ވަނީ އިސްލާހެއް އިތުރުކޮށްފައެވެ. އެއީ އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮމިޓީން މައްސަލަ ބަލައި ނުނިމިއްޖެނަމަ، މައްސަލަ ނުނިމުނު ސަބަބާއި، މައްސަލަ ބަލައި ނިންމޭނެ ތާރީޚެއް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތަށާއި ރައްދުވާ ފަރާތަށް އަންގަންވާނެ ކަމަށެވެ.

Advertisement

އަދި އެ މުއްދަތުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތަށް މުއްދަތު އިތުރު ކުރެވޭނީވެސް 30 ދުވަހުގެ މުއްދަތަކަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އެ މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.

މި ގަވާއިދުގެ މަގުސަދަކީ ފުލުހުންނާމެދު ޝަކުވާ ހުށަހެޅުމާއި، ހުށަހަޅާ ޝަކުވާތައް ބަލައިގަނެ އެފަދަ ޝަކުވާތަކާމެދު އަމަލުކުރާނެ ގޮތްތައް ބަޔާންކުރުމެވެ.

އަދި ފުލުހުންނާމެދު ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ހިމެނޭ، މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ބާވަތުގެ މައްސަލަތަކާއި، ޑިސިޕްލިނަރީ ކުށްތަކާއި، އިދާރީ ކުށްތަކާއި، އެ ކުށްތަކަށް ކަނޑައެޅޭނެ އަދަބުތައް ބަޔާންކުރުންވެސް ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން، ޑިސިޕްލިނަރީ ބޯޑާއި އިސްތިއުނާފު ކޮމިޓީން މައްސަލަ ބަލައި، ފިޔަވަޅު އެޅުމުގައި ތަބާވާންޖެހޭ އަސާސީ އުސޫލުތައްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް