ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 15:41
'ހޮލޮބޮކްސް': އެތައް މޭލެއްގެ ދުރުން ސީދާ ކޮޓަރިއަށް
'ހޮލޮބޮކްސް': އެތައް މޭލެއްގެ ދުރުން ސީދާ ކޮޓަރިއަށް
ރޮއިޓާރސް
ހޮލޮބޮކްސް
ޢާއިލާ މެންބަރެއްގެ ކުއްލި މަރުން ކުރިވި އިޙްސާސްތައް ގެނެސްދިން 'ހޮލޮބޮކްސް': އެތައް މޭލެއްގެ ދުރުން ސީދާ ކޮޓަރިއަށް!
 
ހޮލޮބޮކްސްގެ ތެރެއިން ފެންނަން ބޭނުންވާ މީހާ އަތުގައި، އޭނާގެ މަންޒަރުތައް ވީޑިއޯ ކުރުމަށް 4-ކޭ ކޮލިޓީގެ ކެމެރާއެއް އޮންނަން ޖެހޭ

އިންތިހާ ހަލުވި ދުވެލީގައި، އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭ ޓެކްނޮލޮޖީއަކީ ދުނިޔެވީ ދިރިއުޅުމުގައި އޮންނަ ރާސްތާތަކުގެ ދުރުކަން ފޮހެލަދޭ އެއްޗެކޭ ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފައިމަގުގައި ފަސޭހައިން ހިނގާފައި ނުދެވޭ ހިސާބުގައި ހުރި މީހަކަށް ގޮވާލައިދިން ފޯނާ ހިސާބުން ފެށިގެން ގޮސް، އެއަށް ވުރެ ދުރުން، ދޭސީ އިމުން ބޭރުގައި ތިބި އެތައް ބަޔަކަށް މަންޒަރާއެކު ވާހަކަދައްކާލެވޭ ހިސާބަށް ޓެކްނޮލޮޖީ ވަނީ ދުނިޔެ 'ކުޑަކޮށްދީފަ'އެވެ. ޓެކްނޮލޮޖީއަކީ ތާ އަބަދު ބަދަލުވެ، އަދާހަމަ ނުވަތަ އެއަށްވުރެވެސް ދުރަށް ފިޔަވަޅު އަޅަމުން ދާ ބަހާއެއް ކަމުން، މި ދެންނެވި ބީދައިން ދުރު ރާސްތާ ގާތް ކޮށްދިނުމުގައި އަނެއްކާވެސް މި ވަނީ އިންޤިލާބީ އުފެދުމެއް އީޖާދު ކޮށްފައެވެ.

އަދުގެ ހަލަބޮލި ދުނިޔޭގައި އެމީހަކާ އެމީހަކު، ޒާތީ ކަންކަމުގައި އަވަދި ނެތި އުޅެން މަޖުބޫރުވެފައި އޮތް އިރު، އެކަނިވެރި ކަމުގެ އިޙްސާސް ކުރަން ޖެހޭ ފަހަރުތައް އާދެއެވެ. އެފަދަ ވަގުތެއްގައި އެންމެ ބޭނުންވާ އެއް ކަމަކަށް ގިނަ ފަހަރު  ވެފައި އޮންނަނީ، ތިބާ ލޯބިވާ މީހަކާ އެ ވާހަކަތައް ހިއްސާކޮށް، ތިބާ ދެކެ ލޯބިވާ މީހުންގެ އޯގާތެރިކަމާއި އަޅާލުމެވެ. ނަމަވެސް އެމީހަކީ ތިބާ ހުރި މަންޒިލާ އެތައް މޭލެއް ދުރުގައި ހުރި މީހަކަށް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ވީޑިއޯ ކޯލަކުންވެސް އެ ޖަޒުބާތުތައް ބަންޑުން ކުރެވެން ނެތް އިރު، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

'ހޮލޮބޮކްސް'ގެ ނަމުގައި ޓެކްނޮލޮޖީގެ މޭސްތިރިން ގެނެސްދިނީ އެ ކަމުގެ ޙައްލެވެ. ދުނިޔޭގެ އަނެއް ބިތުގައި ހުރި މީހަކުވެސް ތިބާގެ ގާތަށް ގެނެސްދީގެންނެވެ.

މި އީޖާދުގެ މޭސްތިރިންނަކީ ނެދަލަންޑްސްގެ ހޮލޮކަނެކްސްޓް ނަމަކަށް ކިއާ ކުންފުންޏެވެ. މި އީޖާދު ބިނާވެގެން ވަނީ ދެފުށް ފެންނަ، 86 އިންޗީގެ ސްކްރީނެއް ވަށައިގެންނެވެ. އެންމެ ފަހުގެ، ޒަމާނީ ސޮފްޓްވެއަރތަކާއި ހަރޑްވެއަރތައް ބޭނުންކޯށްގެން، ޙަޤީޤީ މީހާއާއި އިންތިހާއަށް ހުރިހާ ގޮތަކުންވެސް ވައްތަރު، އެޗްޑީ، 3-ޑީ ހޮލޮގްރާމެއް، 4-ކޭ ކޮލިޓީގައި ދުނިޔޭގެ ކޮންމެ ހިސާބަކުން، ތިބާ ހުރި ހިސާބަށް ގެނެސްދެއެވެ. ބޭނުންވާ ހަމަ އެކަނި އެއްޗަކީ އިންޓަރނެޓް ކަނެކްޝަނަކާއި ހޮލޮބޮކްސްއެކެވެ.

ހޮލޮބޮކްސްގެ ތެރެއިން ފެންނަން ބޭނުންވާ މީހާ އަތުގައި، އޭނާގެ މަންޒަރުތައް ވީޑިއޯ ކުރުމަށް 4-ކޭ ކޮލިޓީގެ ކެމެރާއެއް އޮންނަން ޖެހެއެވެ. އަދި އެމީހަކީ ފުދޭ ވަރަކަށް އަލި ވަންނަ ތަނެއްގައި ހުންނަ މީހަކަށްވެސް ވުން މުހިންމުވާ އިރު، އެންމެ އެދެވިގެން ވަނީ އެމީހެއްގެ ފަހަތުގައި ހުދުކުލައިގައި ހުރުމެވެ. އެއީ ހުދު ފޮތިގަނޑެއް ނުވަތަ ހުދު ފާރެއް ނުވަތަ ހުދު ފިލާ ޖެހި ކަބަޑެއްގެ އެހީގައި ކަމުގައި ވީ ނަމަވެސް ހެވެވެ.

މިހާރު ތި ފެންނަނީ އަހަރެންގެ 3-ޑީ ހޮލޮގްރާމް. އަހަރެމެން މި އަންނަނީ ހޮލޮބޮކްސް 3-ޑީ ހޮލޮގްރާމް ޑިސްޕްލޭގެ ތެރެއިން. މީ އަދުގެ 21 ވަނަ ޤަރުނުގަ، އިންސާނުން އެކަކު އަނެކެކާ މުޢާމަލާތުކޮށް އުޅޭނެ ގޮތުގެ ތަޞައްވުރެއް. އަހަރެމެންގެ ޓެކްނޮލޮޖީއިން، މި މަންޒަރަށް 3-ޑީ އަސަރު ގެނެސްދެނީ މި. ގޭގަ މި ހުންނަ ސްކްރީންތަކުން ނޫނީ ކޮމްޕިއުޓަރުގެ ސްކްރީންތަކަކުން އެ އަސަރާއި އިޙްސާސްތަކެއް ނުގެނެސްދޭނެ. އެހެންވީމަ، މި ޑިވައިސްއިން މާ އިންސާނީވަންތަކަމުގެ އިޙްސާސް ކުރުވައިދޭނެ.
ސްޓީވް ސްޓަރލިންގް؛ ހޮލޮކަނެކްޓްސްގެ އުތުރު އެމެރިކާ ގޮފީގެ އެމްޑީ

ހޮލޮކަނެކްޓްސްގެ އުންމީދަކީ، ހޮލޮބޮކްސްގެ އެހީގައި، އިޖުތިމާޢީ އެކަހެރިކަމާއި އެކަނިވެރިކަން ތަޙައްމަލު ކުރަމުންދާ މީހުންނަށް ލުޔެއް ހޯދައިދިނުމެވެ.

ކޮވިޑް-19ގެ ފުރަބަންދުން އަރައިގަނެވުނުއިރު އެތައް ބަޔަކު މި ތިބީ އެކަހެރި، އެކަނިވެރިކަމެއްގެ ތެރޭގަ. ބައެއް މީހުން ތިބީ، އެ އެކަނިވެރިވެރިކަމާއި އެކަހެރި ކަމަށް އާދަވެސްވެފަ. އެއީ އެކަމަކު އެއްވެސް ޙާލެއްގަ އެންމެ ރަނގަޅު ގޮތެއް ނޫން. އަހަރެމެންނަށް މިއަދު އާދެވިފަ މި ތިބީ، އެކި ތަންތަނުގައި ތިބި މީހުންނަށްވެސް ވީހާވެސް ޙަޤީޤީ ވެއްޓާ އެއްގޮތް ގޮތަކަށް ގުޅުންތައް ބަދަހިކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދެވޭ ފަދަ ހިސާބަކަށް. ވަކިން ޚާއްޞަކޮށް، ދޮށީ ޢުމުރުގެ ބަލަހައްޓަން ޚާއްޞަކޮށްފަ ހުންނަ މަރުކަޒުތަކުގަ ތިބި މީހުންނަށް ބަލަމާ... އެމީހުންނަށްވެސް، ހަމަ އެކަނި ޓީވީ ސްކްރީނަކުން ފުއްދާލުމުގެ ބަދަލުގަ، ޢާއިލާ މެންބަރުންނާ މާ ފުރިހަމައަށް ބައްދަލުކޮށްލެވޭނެ މި ޑަވައިސްގެ އެހީގަ.
ސްޓީވް ސްޓަރލިންގް؛ ހޮލޮކަނެކްޓްސްގެ އުތުރު އެމެރިކާ ގޮފީގެ އެމްޑީ

ހޮލޮބޮކްސްއަކީ ހޮލޮކަނެކްޓްސްގެ ސީއީއޯ، އާންޑްރޭ ސްމިތުއާއި އޭނާގެ ބިޒްނަސް ޕަރޓްނަރު މަރނިކްސް ލޮކްގެ ޚިޔާލަށް ފަރުމާކޮށްފައި ވާ ޓެކްނޮލޮޖީއެކެވެ. ސްމިތުއާއި ލޮކް، ހޮލޮކަނެކްޓްސް އުފެއްދީ، 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޢާއިލީ މެންބަރެއް މި ދުނިޔެއާ ވަކިވި ހިސާބުންނެވެ. ސްމިތުއާއި ލޮކްއަކީ ޢާއިލީ ގޮތުން ގުޅުން އޮންނަ ދެ މީހުންނެވެ. އެ މީހުންގެ ޚިޔާލުގެ ފެށުން އައީ، މާޒީގެ ހަނދާންތައް އައުކޮށްދެނިވި ޑިވައިސް އީޖާދު ކުރުމާ ހިސާބުންނެވެ. ލޯބިވާ މީހަކު މި ދުނިޔެއާ ވަކިވެ ދިޔައެއް ކަމަކު، ޙަޤީޤީ ދުނިޔޭގައި އެމީހަކު ހުރި ކަމުގެ އިޙްސާސްތައް، ހަނދާންތަކެއްގެ ގޮތުގައި އައު ކުރުމަށް ފުރުޞަތު ފަހިވަނިވި އީޖާދެއް ކުރުމުގެ ޚިޔާލު ފުޅާ ވަމުން ގޮސް، ހޮލޮބޮކްސް އުފެއްދީއެވެ.

އަހަރެމެންގެ ޢާއިލާ މެންބަރެއް، ހަމަ ކުއްލި ގޮތަކަށް މަރުވީ. އެކަމާ ހެދި އަހަރެމެން އަމިއްލަ ނަފުސާ ސުވާލުކޮށްލީ... އަހަރެމެން މަރުވެ ދިޔައިމަ، އަހަރެމެންގެ ދަރިންނަށް އަހަރެމެން ފެންނާނެ ގޮތެއް އޮންނާނެ ބާއޭ؟ އެ ސުވާލުން ތަރައްޤީ ކުރަމުން ގޮސް، މިކަމަށް ބާރު ދޭނެ ޓެކްނޮލޮޖީއެއް ފެނޭތޯ ބެލީ. ބެލިއިރު އެއްވެސް ޖަވާބެއް ނުލިބުނު. އެހެންވެ، އަހަރެމެންގެ އަމިއްލަ ޓެކްނޮލިޖީއެއް އުފައްދަން މަސައްކަތް ފެށީ.
އާންޑްރޭ ސްމިތު؛ ހޮލޮކަނެކްޓްސްގެ ސީއީއޯ

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ވަރުގަދަ އިވެންޓްގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ މިއަހަރުގެ އިވެންޓަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުންވެސް ހޮލޮބޮކްސްއަށް ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.

"{ޑޭން ބަރންސް، 37} މިއަށް ބަލަހައްޓައިގެން ހުރެ ވާހަކަދައްކާލާއިރު، މާ އަސްލު ކަމުގެ އިޙްސާސް ކުރެވޭ. ޑިޖިޓަލައިޒް ވަމުން އަންނަ އަދުގެ ދުނިޔޭގަ، މީ އަހަރެން ބަލައިގަންނަ ޓެކްނޮލޮޖީއެއް. ވަރަށް ކޫލް، ސަޅި ތަޖުރިބާއެއް މީ. އާނ، އަހަރެން މި ޑިވައިސް ބޭނުން ކުރާނަން... {ޑޭވިޑް ވޭންގް، 31} އާނ، މީ ވަރަށް ހިންގައިމު އެއްޗެއް. ފުރަތަމަ ހިތަށް އެރީ، ފޮއްޓެއްގެ ތެރޭގަ ތާށިވެފަ ހުންނަ ކަހަލަ އިޙްސާސެކޭ ކުރެވޭނީ. ރަނގަޅަށް ވީޑިއޯ ބަލައިލީމަ، ދެން އެކުރެވެނީ ވަރަށް ހިތްގައިމު އިޙްސާސްތަކެއް. ވަރަށް ހިތްގައިމު ޓެކްނޮލޮޖީއެއް. އަހަރެން ވަރަށް ގަޔާވޭ... {ޖެކްލިން ޔަލްމީ، 30} އަހަރެމެން އެބަ ޖެހޭ މި ޓެކްނޮލޮޖީ ރަނގަޅަށް ދަސްކޮށް، ބަލައިގަންނަން. އަހަންނަށް ވަރަށް ކަމުދޭ މި ޓެކްނޮލޮޖީ. މީ އަހަރެންގެ ފުރަތަމަ ތަޖުރިބާ. ފުރަތަމަ ތަޖުރިބާ ވަރަށް ފުރިހަމަ."
ޓެކްނޮލޮޖީއަށް ލޯބިކުރާ އެކި މީހުން

86 އިންޗީގެ ހޮލޮބޮކްސްއަކީ ތިބާ ދިރިއުޅޭ ގެއަށް ނުވަތަ އޮފީހަށް މާ ބޮޑު ޑިވައިސްއަކަށް ވާ ނަމަ، ހޮލޮކަނެކްޓްސްއިން ވަނީ 22 އިންޗީގެ ހޮލޮބޮކްސް މިނީވެސް ތަޢާރަފު ކޮށްފައެވެ. 86 އިންޗީގެ ހޮލޮބޮކްސްގެ ހަރޑްވެއަރ އަގު އުޅޭނީ 40000 ޑޮލަރާއި 50000 ޑޮލަރާ ދެމެދުގައި ކަމަށާ، ހޮލޮބޮކްސް މިނީގެ އަގު އުޅެނީ 7000 ޑޮލަރާއި 10000 ޑޮލަރާ ދެމެދު އަގުތަކެއްގައި ކަމަށް ހޮލޮކަނެކްޓްސްއިން އަންދާޒާ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ގާއިމްކުރާ ސެންޓްރަލް ޖަލަކީ ރިހެބިލިޓޭޝަން ސެންޓަރެއް: މިނިސްޓަރު އިހުސާން
ވޯކް ޕާމިޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން: މިނިސްޓަރު
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" ފަށައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ދަނީ ކުރަމުން: މިނިސްޓަރ
ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަން ނިންމީ ކޯޓުތަކަށް ގޮންޖެހުމުގެ ނިޔަތުގައެއް ނޫން: މިނިސްޓަރު އިހުސާން
އިންޓަނެޓުގެ ޚިދުމަތް ދޭގޮތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ