ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 16:15
ވާގަނޑެއް ނެތި ބޭނުންކުރެވޭ ޓީވީ
ވާގަނޑެއް ނެތި ބޭނުންކުރެވޭ ޓީވީ
ރޮއިޓާރސް
ވަޔަރލެސް ޓީވީ
ދެން ފާރުގަ ޓީވީ ހަރު ނުކުރެވިގެން އުޅޭކަށް ނުޖެހޭނެ! ވާގަނޑުތަކާ ހެދި ބޮލަށްވެސް އުނދަގުލެއް ނުވާނެ!
 
ޓީވީ އުފައްދާފައި ވަނީ ވެކިއުމް ސީލް ޓެކްނޮލޮޖީ ބޭނުން ކޮށްގެން
 
ކިއޭޝް ތަޢާރަފު ކޮށްދިނީ 'ޑިސްޕްލޭސް ވަޔަލަސް ޓީވީ' އެއް

ޓެކްނޮލޮޖީގެ ރޭހުގައި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި އަދިވެސް އެ ވަޞީލަތެއްގެ ބޭނުން އެންމެ ގިނަ ބަޔަކު ހިފާ އެކައްޗަކީ ޓީވީއެވެ. ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް، ޓީވީއެއް ނެތް ގެއެއް ވަރަށް މަދު ވާނެއެވެ. ތަފާތު ވަނީ ގެންގުޅޭ ޓީވީގެ ފެންވަރާއި، ޤާބިލިއްޔަތުކަމާއި ސައިޒު ފަދަ ކަންކަމެވެ. މުޅި ދުނިޔެއަށް ބެލި ކަމުގައި ވީ ނަމަވެސް ޓެކްނޮލޮޖީގެ މައިދާނުގައި އެންމެ ފޯރިގަދަ އިވެންޓްގެ ގޮތުގައި ސިފަކުރާ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ މި އަހަރުގެ ހަރަކާތުގައި، ޓެކްނޮލޮޖީގެ ރޮނގުން އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދިން ޓީވީތަކެއް ވަނީ ފެނިފައެވެ.

ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ މި އަހަރުގެ އިވެންޓަށް އެފަދަ ޓީވީއެއް ގެނެސްދިން އެކަކީ އެރޮން ކިއޭޝްއެވެ. ކިއޭޝް ތަޢާރަފު ކޮށްދިނީ 'ޑިސްޕްލޭސް ވަޔަލަސް ޓީވީ' އެވެ. މި ޓީވީއަކީ ވާތަކެއް ގުޅަން ނުޖެހޭ، އަދި ފަސޭހަކަމާއެކީ ފާރުގައި ހަރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ޓީވީއެކެވެ.

5 ވަރަކަށް ސިކުންތު ތެރޭގަ އިވޭނެ ކުޑަކުޑަ އަޑެއް... އެ އިވުނީ އެ އަޑު. އެ ހަރުކޮށްލެވުނީ ޓީވީ. ހާޑްވެއަރ ބޭނުމެއް ނުވާނެ. ތެރަހެއް ކަހަލަ އެއްޗެއް ބޭނުމެއް ނުވާނެ. ހަރުކުރާކަށް މަސައްކަތެއް ކުރާކަށް ނުޖެހޭ. ރަހަ ހަމަ ތަނެއް ހުރީވިއްޔާ، ޑިސްޕްލޭސް ޓީވީއަށް އެ ވަރުން ފުދޭނެ.
އެރޮން ކިއޭޝް؛ ޑިސްޕްލޭސް ޓީވީގެ މަންދޫބެއް

ޓީވީ އުފައްދާފައި ވަނީ ވެކިއުމް ސީލް ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. މިއީ ޓީވީއަށް ގުޅަންޖެހޭ ކޭބަލްތަކާ ހެދި ތަނުގެ ރީތިކަން ގެއްލިދާނެތީ ކަންބޮޑުވާ މީހުންގެ ހާސްކަން ފިލުވާލަދޭނެ ޓެކްނޮލޮޖީއެކެވެ. ނުވިތާކަށް، ޓީވީ ފަރުގައި ހަރުކުރުމަށްޓަކައި އެއްވެސް ވަރަކަށް ފާރު ތޮރުފާކަށް ނުވަތަ ފްރޭމެއް ހަރުކުރާކަށްވެސް ނުޖެހެއެވެ. އެހެން ތަނަކަށް ޓީވީ ބަދަލު ކުރަން ޖެހޭ ދުވަހަކުން ފާރުގައި ލޯވަޅުތަކެއް އަޅާފައި ހުރީތީ އެކަމާ ދެރަވެގެން އުޅޭކަށްވެސް ދެން ނުޖެހޭނެއެވެ.

މީ ވަރަށް ޝަޢުޤުވެރި ޓެކްނޮލޮޖީއެއްހެން ހީވަނީ. އެކަމަކު، ފާރުގަ ހަރުކުރާތަނުން މި ޓީވީ ވެއްޓިދާނެތީވެސް އަހަރެން އެބަ ވަރަށް ކަންބޮޑުވޭ. ގޭގަ ހުންނަ ފާރުތައް އެހާ އޮމާނެއް ނުވާނެ. މިއީ ސަކްޝަން ޓެކްނޮލޮޖީގެ ތެރެއިން ވަކި ހިއްޕާލާ ކަހަލަ ގޮތަކަށް އުފައްދާފަ ހުރި އެއްޗެއް. އެކަމަކުވެސް ހަމަ ހިތް ބިރުގަނޭ. އެ ވަރުގެ ބޮޑު ޚަރަދެއް ކޮށްގެން ޓީވީ ގަންނެ، ހަރުކުރާ ތަނުން ބިމަށް ޖެހި ފުނޑުފުނޑުވިއްޔާޔޯ؟
ޗަކް ފްރެޝް؛ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވއަށް ޒިޔާރަތް ކުރި މީހެއް

ކިއޭޝް ބުނާ ގޮތުގައި، ރަހަ ހަމަ ތަނެއް ވިއްޔާ އެތަނެއްގައި ޑިސްޕްލޭސް ޓީވީއަށް ޖާގަ އޮންނާނެއެވެ.

ޑިސްޕްލޭސް ޓީވީ ފަރުމާ ކޮށްފައި ވަނީ އެކްޓިވް ލޫޕް ވެކިއުމް ޓެކްނޮލޮޖީ ހިމެނޭ ގޮތަށެވެ. ޓީވީގެ ދެފަރާތުގައި ވާ އަތްގަނޑަށް ފިތާލުމާއެކު، އޮމާން ކޮންމެ ތަނެއްގައި ޓީވީ ހުންނާނީ ހަރުވެފައެވެ. މިއީ ޓީވީ ވެއްޓިދާނެތީ ބިރުގަންނަ މީހުންގެ ހިތް ނުތަނަވަސް ކުރުވާނެ ކަމަކަށް ވުން ގާތެވެ.

މީ މި ޓީވީގެ ބެޓެރި އޮންނާނެ ގޮތް. މި ކަހަލަ ހޮޓް ސުވަޕަބަލް ލިތިއަމް އަޔޯން ބެޓެރީގެ 4 ބެޓެރީ ހުންނާނެ ކޮންމެ ޓީވީއެއްގަ. ކޮންމެ ކަނެއްގަ ބެޓެރީއެއް. ފުލް ޗާޖު ކޮށްލީމަ، އިންޓަރނަލް 2 ބެޓެރީއާއި، 4 ހޮޓް ސުވަޕަބަލް ބެޓެރީއާއެކު 180 ގަޑިއިރު ވަންދެން ޓީވީ ބަލާލެވޭނެ.
އެރޮން ކިއޭޝް؛ ޑިސްޕްލޭސް ޓީވީގެ މަންދޫބެއް

ޑިސްޕްލޭސް އަކީ، މޫނުމަތިން އެއީ ކާކުކަން ދެނެގަންނަ ޓެކްނޮލޮޖީވެސް ހިމެނޭ ޓީވީއެކެވެ. އެހެން ކަމުން، ގޭގެ އެކި ތަންތަނުގައި އެ ޓީވީ ބޭނުން ކުރާ އިރު، އެކި މީހުންނަށް ޚާއްޞަވާ ގޮތަށް ޓީވީގެ ސެޓަޕް ހެދުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއެވެ.

ކޮންމެ ޑިސްޕްލޭސް ޓީވީއެއްގަވެސް ހުންނާނެ ކެމެރާ ހަރުކޮށްފަ. އެންމެ ކެމެރާއެއް ނޫން. 2 ކެމެރާ! ވާތް ފަރާތުގަ މި ހުންނަނީ ޢާންމުކޮށް މި ހުންނަ ފޭޝަލް ރެކޮގްނިޝަން ކެމެރާ. ހިނގާ ބަލަމާ... މިސާލަކަށް ސިޓިންގްރޫމާއި، ބަދިގެއާއި ކޮޓަރީގަ ޑިސްޕްލޭސް ޓީވީ ހުރީއްޔޯ... ސިޓިންގްރޫމްގަ ޓީވީ ބަލަން އިނދެފަ ބަދިގެއަށް ދާ ހިސާބުން، ޓީވީގެ ކެމެރާއިން އެމީހެއްގެ މޫނު ދެނެގަންނާނެ. ސިޓިންގްރޫމްގަ ބަލަން އިން މަންޒަރު ދެން ފެންނާނީ ބަދިގޭގަ ހުރި ޓީވީއިން. ހަމަ އެގޮތަށް އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ދިއަސް އެކަން އޮންނާނީ. އެހެންވީމަ، އެއް ތަނުން ނިކުމެ، އަނެއް ތަނަކަށް ދަމުން، ކޮންމެހެން ޓީވީ ނިވާ، އަނެއް ތަނަކަށް ގޮސް ޓީވީ ހުޅުވާ، އެ ބަލަން އިން އެއްޗެއް ހޯދަން އުޅޭކަށްވެސް ނުޖެހޭނެ. އަމިއްލައަށް، އޮޓަމެޓިކުން އެކަން ވާނެ.
އެރޮން ކިއޭޝް؛ ޑިސްޕްލޭސް ޓީވީގެ މަންދޫބެއް

ޑިސްޕްލޭސްއަކީ މިހާތަނަށް މުޅި ދުނިޔޭގައިވެސް އުފެއްދި ޙަޤީޤީ، ހަމަ އެކަނި ވަޔަލަސް ޓީވީ ކަމަށް އެ ކުންފުނިން ބުނެއެވެ. ޑިސްޕްލޭސް ޓީވީ އުފެއްދި ކުންފުންޏަށް ކިއަނީވެސް ޑިސްޕްލޭސްއެވެ. ޑިސްޕްލޭސް ޓީވީއެއް ބޭނުން ނަމަ މިހާރުވެސް ރިޒަރވް ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ބޭނުން ނުވާ ނަމަ، ފައިސާ އަނބުރާ ލިބޭ ގޮތަށް ރީފަންޑް ޕޮލިސީއެއްވެސް އޮތްކަމަށް ވެއެވެ. ޚަބަރު ލިބޭ ގޮތުގައި ޑިސްޕްލޭސް ޓީވީ ބާޒާރަށް ނެރެވޭ ވަރު ވާނީ މި އަހަރުގެ މެދު ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް