ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 15:44
ޣައްޒާ، ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެއްޖެ
ޣައްޒާ، ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެއްޖެ
ރޮއިޓާސް
ޣައްޒާ ޤަބުރުސްތާނަކަށް
ޣައްޒާ ޤަބުރުސްތާނަކަށް ބަދަލުވެއްޖެ: ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު އެބަ މަރާލާ!!!
 
އިޒްރޭލުގެ ޢުދުވާންތަކުގައި 4200ށްވުރެ ގިނަ ކުދިން މަރާލާފައިވޭ
 
އިޒްރޭލުގެ ޢުދުވާންތަކުގެ ޝިކާރައަކަށްވި މީހުންނަށް ބަލާއިރު، 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިން
 
ޒަޚަމް ކޮށްފައިވާ ކުދިންގެ ޢަދަދު އުޅެނީ 10،000ން މަތީގައި

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 1 މަސް ވެފައި ވާ އިރު، މި ދުނިޔެއާއި ވަކިވެ ދިޔަ ކުޑަކުދިންގެ ޢަދަދު 5000 އާ ގާތް ކުރެއެވެ. އެއީ ކަށަވަރު ވެފައި ވާ ޢަދަދުތަކެވެ. ވެއްޓިފައި ވާ ޢިމާރާތްތަކުގެ ދަށުގައި ނުވަތަ އެނޫންވެސް ގޮތް ގޮތުން އަދިވެސް އެތައް ކުދިންނެއް މި ދުނިޔެއާ ވަކިވެ ގޮސްފައި ވުން އެކަށީގެންވާ ކަމީ، ޤަބޫލު ކުރަން ޖެހިފައި އޮތް ހިތި ޙަޤީޤަތެކެވެ.

ޔަހޫދީން ބުނާ ގޮތުގައި ޣައްޒާއަށް ޙަމަލާ ދެނީ، އެ ސިޓީ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށެވެ. އިޒްރޭލާއި، އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުން ސިފަކުރާ ގޮތުގައި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެކެވެ. ޙަމާސްގެ މަރުކަޒުތަކާއި ނިވާފަތްގަނޑުތަކަށް ކަމަށް ބުނެ އިޒްރޭލުން ދޭ ޙަމަލާތައް މުޅިންހެން ޢަމާޒު ވަނީ ހޮސްޕިޓަލުތަކާއި، ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށެވެ. ޢާންމުން ދިރިއުޅޭ ގެތަކަށެވެ. އެތަނެއްގައި ގިނަ ޢަދަދަކަށް އަންހެނުންނާއި ކުޑަ ކުދިންވެސް 'ގަނަތެޅެމުންދާ' ތަންތަނަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ވަރުގަދަ ޙަމަލާތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ ބަޔަކީ، ނުވަތަ އެ ޤަތުލުޢާންމުގައި އެންމެ ބޮޑު އަގެއް އަދާ ކުރަން ޖެހިފައި ވާ ބަޔަކީ، ކުށެއް ނެތް މައުސޫމު ކުޑަކުދިންނެވެ. މިއީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފް އަލް-ޤުދްރާ ރޮއިޓަރޒްއަށް ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ޢުދުވާންތަކުގައި 4200ށްވުރެ ގިނަ ކުދިން މަރާލާފައި ވާ އިރު، ޒަޚަމް ކޮށްފައިވާ ކުދިންގެ ޢަދަދު އުޅެނީ 10،000ން މަތީގައެވެ.

މި ދައްކަނީ، ޓެރަރިސްޓުންގެ ކިބައިން ނަފްސު ދިފާޢު ކުރުމަށް ކަމަށް ބުނެ، ހުޅަނގުގެ ޤައުމުތަކާއި އެމެރިކާގެ ޙިމާޔަތުގެ ދަށުގައި އޮވެގެން، ޔަހޫދީ އިޒްރޭލުން ހިންގާ ޤަތުލުޢާންމުގެ އަގު އަދާ ކުރާ ކުޑަކުދިންގެ ވާހަކައެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން އުޅޭ އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު މަރާލައެވެ. ހަމަ އެ ވަގުތުގެ ތެރޭގައި 2 ކުދިން ޒަޚަމްވެސް ކުރާކަމަށް އަޝްރަފު ވިދާޅުވިއެވެ.

އިޒްރޭލުން މިހާތަނަށް ޣައްޒާއިން މަރާލައިފި 4200 އަށްވުރެ ގިނަ ކުޑަކުދިން. އޭގެ އިތުރަށް، 10000 ށް ވުރެ ގިނަ ކުދިން ޒަޚަމްކޮށްލައިފި. އަހަރެމެން ބެލި ބެލުމުގަ، ކޮންމެ 10 މިނެޓަކުން ކުއްޖަކު އެބަ މަރާލާ. ހަމަ އެ ވަގުތުގެ ތެރޭގަ، އިތުރު 2 ކުއްޖަކު އެބަ ޒަޚަމްކޮށްލާ. މީ ޣައްޒާގެ ކުޑަކުދިންގެ އާބާދީއަށް އޮތް ބޮޑު ނުރައްކަލެއް. މިއަދު ހަމަ ޙަޤީޤަތުގަވެސް ޣައްޒާވެފަ މިއޮތީ އަންހެނުންނާއި ކުޑަކުދިންގެ ޤަބުރުސްތާނަކަށް. އިޒްރޭލުގެ ޢުދުވާންތަކުގެ ޝިކާރައަކަށްވި މީހުންނަށް ބަލާއިރު، 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިން
އަޝްރަފް އަލް-ޤުދްރާ؛ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު

3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ބޮޑަށް ތޮއްޖެހިފައި އޮތް ސިޓީއެވެ. އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތް ވާނެ ކަމުގެ އުންމީދާއެކު، އެތައް ބަޔަކު މި ވަގުތު ހިމާޔަތް ހޯދަމުން ދަނީ އަލް-ޝިފާ ހޮސްޕިޓަލުގައެވެ. ޒަޚަމްވެފައި ވާ މީހުންނާއި، ބަލި މިހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން، ރެފިއުޖީންވެސް ހިމެނޭހެން، އަލް-ޝިފާ ހޮސްޕިޓަލުގައި މިވަގުތު ހިޔާވަހިކަން ހޯދަމުން ދާ މީހުންގެ ޢަދަދު 1 ލައްކައަށް ވުރެ މައްޗަށް އަރައެވެ.

ޝިފާ ހޮސްޕިޓަލަކީ ފަލަސްޠީނުގަ ހުރި އެންމެ ބޮޑު ހޮސްޕިޓަލް. ލައްކައެއްހާ މީހުން އެބަ ތިބި މިހާރުވެސް ޝިފާ ހޮސްޕިޓަލުގަ. ރެފިއުޖީންނާއި، ޒަޚަމްވެފަ ތިބި މީހުންނާއި، ބަލި މީހުންނާއި، ޞިއްޙީ ޚިދުމަތްތެރިން ތިބީ. ރެފިއުޖީން އެބަތިބި ޞިއްޙަތާ ބެހޭ ވުޒާރާގެ ފެސިލިޓީތަކުގަވެސް. ޝިފާ ހޮސްޕިޓަލުގެ ކޮންމެ އިންޗިއަކަށް ބަލާލިއަސް ރެފިއުޖީން... މީ ޝިފާ ހޮސްޕިޓަލަށް އޮތް ބޮޑު ނުރައްކަލެއް. އިޒްރޭލުން އެ ދަނީ ރެޔާއި ދުވާލު ޙަމަލާ ދެމުން. 1 ލައްކައަށް ވުރެ ގިނަ މީހުން ނުރައްކަލަށް ހުށަހަޅަމުން. އިއްޔެވެސް، ޝިފާ ހޮސްޕިޓަލުގެ މައި ޢިމާރާތަށް ޢަމާޒުކޮށްފަ ޙަމަލާ ދިނީ. ކުޑަ ކުއްޖަކު ޝަހީދުވި. 4 މީހަކު ޒަޚަމްވި. ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ޢަމާޒު ކޮށްގެން ޙަމަލާ ދޭން ފެށިކަމީ، ވަރަށް ނުރައްކާތެރި ބަދަލެއް. ވަކިން ޚާއްޞަކޮށް، ޝިފާ ހޮސްޕިޓަލަށް
އަޝްރަފް އަލް-ޤުދްރާ؛ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު

އިޒްރޭލުގެ ޤަތުލުޢާންމު މިއިން ދުވަހަކު ހުއްޓާލާނެ ކަމަކަށް ނުބެލެވެއެވެ. ޢުދުވާންތަކަށް މަސްދުވަސް ވީ އިރު، 15000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިއްޖެއެވެ. އެތައް ސަތޭކަ ހާސް ބަޔަކު ޒަޚަމްވެފައި ވާ އިރު، 1.4 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި، އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން ވަނީ މަހްރޫމުކޮށްފައެވެ. ދިރިއުޅުމަށް ބޭނުންވާ ޛަރޫރީ ޚިދުމަތްތަކުން މަހްރޫމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި