ކ. މާލެ
|
7 ނޮވެންބަރ 2023 | އަންގާރަ 11:12
އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤުން، ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ މަހުރޫމްވެފައި
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
އިޒްރޭލުގެ ޤަތުލުޢާންމަށް 1 މަސް... އިންސާނިއްޔަތަށް އިންޒާރެއް!
 
ވަޔާއި އެއްގަމު މަގުން އިޒްރޭލުން ދޭ ޢުދުވާންތަކުގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކުރާ މީހުންގެ ޢަދަދާއި ޒަޚަމްވާ މީހުންގެ ޢަދަދުތައް ހާހުން ގުނޭ
 
ރެފިއުޖީ ކޭމްޕުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުން ކުރަމުން ދާ އިރު، ކުލާހެއްގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ދިރިއުޅެން މަޖުބޫރު

އެއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހެވެ. ފަހުގެ ތާރީޚުގައި މިއިން ދުވަހަކުވެސް ބޭނުން ކޮށްފައި ނުވާ ފަދަ ގަދަ ބާރާއެކު ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން، ފަލަސްޠީނުގެ ޣައްޒާއަށް ވައިގެ މަގުން ޙަމަލާތައް ދޭން ފެށިއެވެ. އުޒުރަކަށް ދެއްކީ، ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުން، އިންޒާރަކާ ނުލާ އިޒްރޭލަށް ޙަމަލާތަކެއް ދިން ދިނުމެވެ. އަސްކަރީ ޖާސޫސީ ރޭހުގެ ބޮންތީގައި ހިފައިގެން އޮތް އިޒްރޭލަށް ނޭނގި، ބިންގަރާސް ހޮހަޅަތަކެއްގައި ހަރަކާތްތެރިވާ ކަމަށް ބުނާ ޓެރަރިސްޓް ޖަމާޢަތަކަށް، އެ ވަރުގެ ކަމެއް ކުރެވިދާނެ ބާއެވެ؟ ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، އެޔެއް މިޔެއް ބެލުމެއް ނެތި، ޣައްޒާ ހަފުސް ކުރަމުން ދާތާ މަސް ދުވަސް ވީއެވެ. 11000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ އިރު، އޭގެ ތެރޭގައު އެތައް ހާސް ކުޑަ ކުދިންނެއްވެސް ހިމެނެއެވެ. އިޒްރޭލުގެ ޖަރީމާއަށް، ޤަތުލުޢާންމު ފިޔަވާ ދެން ކިޔާނެ އިތުރު ނަމެއް ނޭނގެއެވެ.

ސިލްސިލާ ގޮތެއްގައި ޣައްޒާއަށް ޖެއްސުމާއި ފުރައްސާރަ ކުރަމުން އަންނަ ޔަހޫދީ އިޒްރޭލުން އެންމެ ފަހުން ފެށި ޤަތުލުޢާންމަށް، ނޮވެމްބަރު 7 ވަނަ ދުވަހު މަސް ދުވަސް ހަމަ ވާ އިރު، މިއިން ދުވަހަކު ސުލްޙަ ޤާއިމު ވެދާނެ ކަމަކަށް، މަސްރަޙު ދިރާސާ ކުރާ މުޙައްލިލުން ނުވަތަ އެނަލިސްޓުން ޤަބޫލެއް ނުކުރެއެވެ. މި ބިންމަތިން ޙަމާސްގެ ވަސް ފޮހެލުމަށް ކަމަށް ބުނެ ޣައްޒާގައި ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުގެ ތެރެއިން، ފަލަސްޠީނުގެ އަވަށްޓެރި ޤައުމުތަކަށްވެސް މިހާރު ވަނީ ޙަމަލާ ދޭން ފަށާފައެވެ. ކަން މިހެން އޮތް އިރު، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންގަނޑެއް އުފެދި، ގިނަ ސަރަޙައްދުތަކެއްގައި އިންސާނީ ކަރިޘާއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް މުޙައްލިލުން މިހާރު ގެންދަނީ ދެމުންނެވެ.

މީގެ ކުރިން އިޒްރޭލުން ހިންގި ޖަރީމާތަކާ ނުބައްދަލު މިންވަރަކަށް މި ފަހުގެ ޤަތުލުޢާންމުންގައި މީހުން މަރަމުން ދާ ދިއުމަކީ، އުސޫލަށް ނުވަތަ އޭގެ އަސްލުގައިވާ ހީތަކަށް އަސާސީ ބަދަލެއް އައުން ނުވަތަ 'ޕެރަޑައިމް ޝިފްޓް'އެއް ރަމްޒު ކޮށްދޭ ކަމެއް ކަމަށް، ޔުނިވަރސިޓީ އޮފް މެރިލަންޑްގެ ޕްރޮފެސަރ ޝިބްލީ ތިހްޙާމީ ވަނީ ފާހަގަކޮށްފައެވެ. މި ދެންނެވި ބަދަލުގެ ސަބަބުން، ފަލަސްޠީނާއި އިޒްރޭލުގެ ޢަދާވާތްތެރިކަމުގެ ހުޅުގަނޑު އިތުރަށް ގަދަވެ، ޢަރަބި ދުނިޔޭގައި، އެމެރިކާއާ މެދު ދެކެމުން އަންނަ ރުޅިވެރިކަންވެސް އިތުރަށް ކެކިގަންނާނެ ކަމަށް ޕްރޮފެސަރ ތިލްޙާމީ ބުނެއެވެ. ޢަރަބި ދުނިޔެއިން އެމެރިކާއަށް ކުރަމުންދާ ނަފުރަތުގެ ގިނި ގަދަވެގެން ދާނީ، މިހާރު އޮތް ކޯޅުންގަނޑުގެ ތެރޭގައި އެމެރިކާގެ ސަރުކާރުން އިޒްރޭލަށް ދެމުންދާ އެއްބާރުލުމުގެ ސަބަބުން ކަންވެސް ޕްރޮފެސަރ ތިލްޙާމީ ވަނީ ފާހަގަ ކޮށްފައެވެ.

އޮޅުވާ ނުލާތި، މީ، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ސިލްސިލާ ޖަރީމާގެ އާ އެޕިސޯޑެއް ނޫން. މީ އުސޫލަށް ނުވަތަ އޭގެ އަސްލުގައިވާ ހީތަކަށް އަސާސީ ބަދަލެއް ގެނުވާ ވަގުތު. ކުރިއަށް އޮތް ޖީލުތަކަށް ޕެރެޑައިމް ފޯމިންގް ހިނދުކޮޅެއް. ހަމަ ޔަޤީނުންވެސް ޢަރަބި ދުނިޔޭގައި، ފަލަސްތީނުގެ މީހުންގެ ތެރޭގައި، އިސްރާއީލުގެ މީހުންގެ ތެރޭގައި، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމުތަކުގެ ތެރެއިން އެ ބަދަލު ފެންނާނެ. އެކަމަކު، މީ މާދަމާ ހަނގުރާމަ ހުއްޓާލައި، ރައްޔިތުންގެ ވިސްނުން ބަދަލު ކުރެވޭނެ ކަހަލަ ކަމެއް ނޫން. ފެނިގެންދާ ބިރުވެރިކަމުގެ މިންވަރާއި، ހައްދު ފަހަނައަޅާ ގޮސްފަ އޮތް މިންވަރާ ހެދި، ކުރިމަތިލުންތަކާ މެދު މީހުންގެ ނަޒަރަށް އަސަރު ނުކުރާނެ ކަމީ މުސްތަޙީލު ކަމެއް. ވަކިން ޚާއްޞަކޮށް، އެމެރިކާގެ ނަޒަރިއްޔާތު.
ޕްރޮފެސަރ ޝިބްލީ ތިލްޙާމީ؛ ޔުނިވަރސިޓީ އޮފް މެރިލަންޑް

ޖޯޖް މޭސަން ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް ގަވަރމެންޓް އެންޑް ޕޮލިޓިކްސް، މަރކް ކެޓްޒް ފާހަގަ ކުރި ގޮތުގައި، މިހާރު އުފެދިފައި އޮތް ކާރިޘާއަކީ، އިޒްރޭލާއި-ފަލަސްޠީނުގެ މައްސަލައަށް ބީރު ކަންފަތެއް ދީގެން އޮވެވެން ނެތް ކަން ޢަރަބި ސަރުކާރުތަކަށް ސާފުކޮށް އަންގައިދޭނެ ކަމެކެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބާރު އަޅަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ޢުމަރު ޝާކިރު ބުނެއެވެ. ޣައްޒާގައި އުފެދިފައި އޮތް އިންސާނީ ކާރިޘާއަށް ރިޢާޔަތް ކުރާނެ ހަލުވި ފިޔަވަޅުތަކެއްވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅަން އެބަ ޖެހޭ ކަމަށާ، އާންމު ރައްޔިތުން މަރާ މައްސަލާގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެކަންވެސް ކަށަވަރު ކުރަން ޖެހޭ ކަމަށް ޝާކިރު ބުނެއެވެ.

އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤުން، ޣައްޒާގެ އެތައް ހާސް ބަޔަކު ނިގުޅައިގެންފައި ވާ އިރު، އިންސާނަކަށް ވީތީ ލިބިދޭ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ރަށްވެހިން ވަނީ މަޚްރޫމުކޮށްފައެވެ. ބޯފެނާއި ކަރަންޓެއް ނެތެވެ. ހުރިހާ ކަމަކަށް ބޭނުން ކުރަން އޮތީ މޫދު ލޮނެވެ.

މިތަނަށް އަހަރެމެން މި އަންނަނީ ދަރިން ފެންވަރުން. މޫދު ލޮނުން ފެންވަރުވަނީ. މޫދު ލޮނާއި، އާދައިގެ ފެން ފޮދަކާއި، ދެންވެސް އެހެން ކަހަލަ ފެނަކާ އެއްކޮށްލައިގެން ބޯން މި ބޭނުން ކުރަނީ.... ބޯނެ ފެންފޮދެއް ކީއް ކުރަން، އެހެން އެއްޗެއްވެސް ނުލިބޭ. ކުޑަ ކާއެތިކޮޅެއްގެ މިންވަރުވެސް ނުލިބޭ. ޕާން ފިހާރައިގަ އަބަދުވެސް އޮންނާނެ ބޮޑު ކިޔުއެއް. ބައެއް ފަހަރަށް ޕާން ކޮޅެއް ލިބޭނެ. އަނެއް ބައި ފަހަރު ނުލިބޭ. އެކަހަލަ ދުވަސް ދުވަހު، އަވަށްޓެރިއެއްގެ އަތުން އެކޮޅެއް ހޯދާލައިގެން ކާލަނީ، ނޫނީ ބޯލަނެ އެއްޗެއް ހޯދާލަނީ.
މުޙައްމަދު އަލީވާ؛ ޣައްޒާގެ ރަށްވެއްސެއް

ވަޔާއި އެއްގަމު މަގުން އިޒްރޭލުން ދޭ ޢުދުވާންތަކުގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކުރާ މީހުންގެ ޢަދަދާއި ޒަޚަމްވާ މީހުންގެ ޢަދަދުތައް ހާހުން ގުނަން ޖެހޭއިރު، ބަލިމަޑުކަމުގެ ނުރައްކާވެސް އެހާމެ ބޮޑެވެ. ރެފިއުޖީ ކޭމްޕުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުން ކުރަމުން ދާ އިރު، ކުލާހެއްގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ދިރިއުޅެން މަޖުބޫރެވެ. ނާމާން ކަމާއި ބިރުވެރިކަމުގެ ތޫފާނެއްގައި ބެދިފައި އޮތް ޣައްޒާއަށް އަމާންކަން ވެރިވެ، ހިންދެމިލެވޭނެ ދުވަހެއްގެ ނިޝާންވެސް އަދި ފެންނަން ނެތް ކަމީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިއެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ލަދުގަންނަންޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް