ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 15:09
ޤަތުލުޢާންމު ހިންގުމުގެ އިތުރަށް، އިސްރާއީލުން ދަނީ އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ރަށްވެހިން މަޙްރޫމު ކުރަމުން
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޔަހޫދީންނަށް ނުހުއްޓުވުނު ފަލަސްޠީނު ޑޮކްޓަރަށް އައްސަރިބަހާއި ސާބަސް!
 
ޙާލުގައި ޖެހިފައި ތިބި މީހުން ތިބި ބައެއް ސަރަޙައްދުތަކަށް ޑރ ޒައިނުއްދީން ދަނީ ބައިސްކަލު ކޮނޑަށްލައިގެން، ނޫނީ ކިހިލިޖަހައިގެން

ކަމެއް ކުރަން ހިތުގައި ޢަޒުމެއް ކަނޑައަޅައިފިނަމަ އެ ކަމެއް ކާމިޔާބު ކުރުމަށް، ގިރާކުރަން ޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނެއެވެ. އެމީހަކަށް ވީ ގޮތަކަށެވެ. ހުރިހާ ކޮޅަކުން ރާސްތާ ބައްދާލި ކަމުގައި ވީ ނަމަވެސް، ހަތަރު އުދަރެސް ފެނުޖެހިއްޖެކަމަށް ބުނެ، ދަތްދޮޅިން އަތް ނައްޓުވާލަން ނޭނގިފައި އިނުން ނާދިރެވެ. މި ދެންނެވި ބަހުގެ އެންމެ ސާފު މިސާލުތައް މި ދުވަސްވަރު ފެންނަމުން ދަނީ، ޔަހޫދީންގެ މުށްދަށުލާފައި އޮތް ޣައްޒާގެ މަސްރަޙުންނެވެ.

ކެމެރާގެ ލެންސް މި ފަހަރު އަމާޒުވީ ބައިސްކަލެއްގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުން ދިޔަ ފަލަސްޠީނުގެ ޑޮކްޓަރަކަށެވެ. ޢުމުރުން 54 އަހަރުގެ، ޑރ ޙަސަން ޒައިނުއްދީންއަށެވެ. އިސްރާއީލުން ހަފުސް ކުރަމުން ދާ ޣައްޒާގެ ރަށްވެހިން ދިރިއުޅެމުންދާ ވަގުތީ ހިޔާތަކުގެ މެދުގައި އޭނާ ދުއްވަމުން އެދަނީ ފަހަރެއްގައިވެސް ކުޅި ބަލާކަށް ނޫނެވެ. ނަމަވެސް، ގެދޮރު ގެއްލި، ޙާލުގައި ޖެހިފައި ވާ ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ޞިއްޙީ ފަރުވާގެ ޚިދުމަތް ދިނުމުގެ މަތިވެރި މަޤްޞަދުގައެވެ.

ޤަތުލުޢާންމު ހިންގުމުގެ އިތުރަށް، އިސްރާއީލުން ދަނީ އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ރަށްވެހިން މަޙްރޫމު ކުރަމުންނެވެ. ޣައްޒާއިން ހަކަތައާއި ފެން އަދި ކަރަންޓުގެ ސަޕްލައި އޮތީ ކަނޑާލާފައެވެ. މުޅި ދުނިޔެއާއި ޣައްޒާ ގުޅާލަދޭ މުވާޞަލާތީ ގުޅުންވެސް އޮތީ ކަނޑާލާފައެވެ. މި ދެންނެވި ހުރަސްތަކަކީ، ފަހަރެއްގައިވެސް ޑރ ޒައިނުއްދީންގެ ޚިދުމަތަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެއެވެ.

ކަލޭމެންނަށްވެސް އެނގޭނެ، މި ހަނގުރާމައިގެ ތެރޭގަ، ގިނަ ބަޔަކު ދަނީ އދގެ ސްކޫލުތަކުގަ ވަގުތީ ހިޔާވަހިކަން ހޯދަމުން. އދއިން ދެމުންދާ އެހީއަށް ފައްފަށުން ޝުކުރު. އެކަމަކު، ގިނަ ބަޔަކަށް ބޭނުންވާ ބޭސްތައް ވީ، ވައްޓާލާފައި ހުރި ޢިމާރާތްތަކުގެ ބައިތަކުގެ ދަށުގަ. އެހެންވީމަ، އަހަރަމެންނަށް އެބަޖެހޭ ސްކޫލުތަކަށް ގޮސް، އެމީހުންގެ ޙާލު ބަލާ، ދާއިމީ ބަލިތަކަށް ބޭސް ކުރަމުން ދާ މީހުންނަށް ފަރުވާ ދޭން. ވަކިން ޚާއްޞަކޮށް، ލޭމައްޗަށް ދިއުމާއި ހަކުރު ބަލީގެ މީހުންނަށް ޞިއްޙީ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. އެއީ އެ ޕޭޝަންޓުންގެ ޙާލު ދެރަވެއްޖެ ހިނދެއްގަ، ފަސޭހައިން ހޮސްޕިޓަލަށް ދެވޭނެ ގޮތެއް، ދަތުރު ކުރާނެ ގޮތެއް، އުޅަނދަށް އަޅާނެ ތެޔޮފޮދެއްވެސް ނެތީމަ.
ޙަސަން ޒައިނުއްދީން؛ ގެދޮރު ގެއްލިފައި ވާ ޣައްޒާގެ ޑޮކްޓަރެއް

ޤަތުލުޢާންމުގެ މައިދާނުގައި، މާ ބޮޑު ޙިމާޔަތެއް އަދި ރައްކާތެރިކަމެއްވެސް ލިއްބައިނުދޭ ބައިސްކަލެއްގައި ވަގުތީ ހިޔާތަކަށް ދުއްވަނީ، އޭނާގެ ކާރަށް އަޅާނެ ތެޔޮ ފޮދެއް ނުލިބިގެންނެވެ. ޑރ ޒައިނުއްދީން ފާހަގަ ކުރި ގޮތުގައި، ސުންނާފަތިވެފައި އޮތް ޣައްޒާގައި، މިއަދު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް އެއީއެވެ. ބައިސްކަލުގައިވެސް ނުދެވޭ ސަރަޙައްދުތައް އެބަހުއްޓެވެ. އެއީ އިމާރާތްތައް ބިމާހަމަކޮށްލުމުގެ ސަބަބުން ކަމަށް ވާ އިރު، ޙާލުގައި ޖެހިފައި ތިބި މީހުން ތިބި ބައެއް ސަރަޙައްދުތަކަށް ޑރ ޒައިނުއްދީން ދަނީ ބައިސްކަލު ކޮނޑަށްލައިގެންނެވެ. ނޫނީ ކިހިލިޖަހައިގެންނެވެ.

އަހަރެންގެ ކާރުން ތެޔޮ ހުސްވެއްޖެ... އެހިސާބުން ކާރު ދޫކޮށްލަން މަޖުބޫރުވީ. އަހަރެން ހިޔާވަހިކަން ހޯދަމުން މި ދަނީ ބުރެއިޖީގަ. އެހާ ހިސާބުން މަޖުބޫރުވެއްޖެ ބައިސްކަލެއް ގަންނަން. ޣައްޒާގަ ހުންނަ، ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުންގެ ޚާއްޞަ މަރުކަޒާއި، އދއިން ހިންގާ ސްކޫލުތަކުގަ ތިބި ޕޭޝަންޓުންނާ ދޭތެރޭގަ ދުއްވަން އަހަރެން އެބަޖެހޭ 15 ކިލޯމީޓަރުގެ ދަތުރެއް ކުރަން. ބައެއް ފަހަރު އެބަ ދަން ބަލި މީހުންގެ ގޭގެގެއަށްވެސް. އެއީ އަހަރަމެން ބުނާ ތަނަކަށް ނާދެވޭ މީހުން.
ޙަސަން ޒައިނުއްދީން؛ ގެދޮރު ގެއްލިފައި ވާ ޣައްޒާގެ ޑޮކްޓަރެއް

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ހިންގަމުން ދާ ޤަތުލުޢާންމަށް މަހެއް ވާން ދާއިރު، ސުލްޙަ ޤާއިމުވެދާނެ ކަމުގެ އިޝާރާތެއް އަދި އެއްވެސް ކޮޅަކުން ނުލިބެއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާގެ ޝިކާރައަކަށްވެ، ފަލަސްޠީނުން ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު 9000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، އޭގެ ތެރޭގައި 3500 އަށް ވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ.

އިސްރާއީލާއި އިސްރާއީލަށް އެއްބާރުލުން ދޭ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސިފަ ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޣައްޒާއިން ފުރާނަ ގެއްލިދާ ޢާންމު ރައްޔިތުންގެ ޢަދަދު މަދެއް ނޫނެވެ. އިންސާނިއްޔަތަށް ބޭނުންވާ ޛަރޫރީ ހުރިހާ ޚިދުމަތެއްގައި އިސްރާއީލުން އޮތީ ފިސާރި ބާރަށް އަތް އަޅައިގެންނެވެ. މިއިން އެއްވެސް މަންޒަރެއް، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކަށް ނުފެންނަ ފަދައެވެ. ޚުދު އޭނާގެ އަމިއްލަ ގެދޮރުވެސް ގެއްލިފައި ވާ ޑރ ޒައިނުއްދީން ފަދަ ބަޠަލުންގެ ގަދަ ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
20%
0%
0%
20%
60%
ކޮމެންޓް