ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 14:03
ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރުން މާ ބޮޑު ޒަޚަމްތަކެއް ފެންނަން ނެތެއް ކަމަކު، ހަނާ ދާވޫދު އުފުލަމުން ދާ ވޭނަކީ ކުޑަ ވޭނެއް ނޫން
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"މި މެޝިނާ ނުލާ އަހަރެން މަރުވެދާނެ... ބޭނުންވަނީ އެހެން ޢަރަބީން ގޮތަށް، ނާމާން ކަމާ ނުލާ ދިރިއުޅެލަން"
 
ޢާންމު މީހަކާ އަޅާ ބަލާއިރު، ހަނާ ފަދަ މީހަކަށް، ރެފިއުޖީ ކޭމްޕެއްގައި ދުވަސްތައް ގުނުމަކީ މާ ފަސޭހަ ކަމެއް ނޫން

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމުގެ ނަމުގައި، ޔަހޫދީ އިސްރާއީލުން އެޔެއް މިޔެއް ބެލުމެއް ނެތި، ފަލަސްޠީނުގެ ޣައްޒާއަށް ދެމުން ދާ ޢުދުވާނީ ޙަމަލާތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވާ އެއް ބަޔަކީ ދާއިމީ ބަލިތަކަށް ބޭސް ކުރަމުން ދާ މީހުންނެވެ. ހޮސްޕިޓަލުތަކާއި އެމްބިއުލާންސް ގާފިލާތަކަށްވެސް ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދާ އިރު، ޣައްޒާގެ ޞިއްޙީ ބޭސްފަރުވާގެ ނިޒާމު އޮތީ މުޅިން އިނދަޖެހިފައެވެ. ޣައްޒާގައި އޮޕަރޭޓް ކުރަމުން ދާ ހޮސްޕިޓަލުތަކަށް ބަލާއިރު، 40 ޕަސެންޓަށް ވުރެ ގިނަ ތަންތަނުގެ ޚިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.

ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރުން މާ ބޮޑު ޒަޚަމްތަކެއް ފެންނަން ނެތެއް ކަމަކު، ހަނާ ދާވޫދު އުފުލަމުން ދާ ވޭނަކީ ކުޑަ ވޭނެއް ނޫނެވެ. ހަނާއަކީވެސް މިއަދު އިސްރާއީލުގެ ޢުދުވާންތަކުގައި ގެދޮރު ގެއްލިފައި އިން މީހެކެވެ. ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހެކެވެ. ނޭވާ ހިއްލުމުގެ ބަލީގެ އިތުރުން ޕަލްމޮނަރީ ފައިބްރޯސިސްގެ ވޭން ތަޙައްމަލު ކުރަމުން ދާ ހަނާއަށް ކޮންމެ ތާކަށްވެސް ދެވެން އަންނަނީ، އޭނާގެ ފުރާނައާ ގުޅިފައިވާ، ނޭވާލާން އެހީވެދޭ މެޝިން ހިފައިގެންނެވެ.

އިސްރާއީލުން އަހަރެމެންނަށް މަޖުބޫރު ކުރީ ވަގުތުން ގެދޮރު ދޫކޮށް ދާން. އަހަރެމެން އެހިން، ކޮންތާކަށްހޭ ދާނީ ވަކި؟ އެމީހުން ބުނީ، ޣައްޒާގެ މެދުތެރޭން ތަނަކަށް ބަދަލުވާށޯ. މުޅި އަވަށް ހުސްކުރަން އެންގީ. އަހަންނަށް ވިސްނެމުންދިޔަ ހަމަ އެކަނި ކަމަކީ، ނޭވާލާން ބޭނުން ކުރާ މެޝިންގަނޑު ގެންދާނެ ގޮތަކާ މެދު. ލައިގެން ހުރި ހެދުމާއި މެޝިން އެކަނި އަހަރެން ގެނައި އެއްޗަކަށް ހުންނާނީ. މި މެޝިނާ ނުލާ އަހަރެން މަރުވެދާނެ. މީ އަހަރެންގެ ފުއްޕާމޭގެ މަސައްކަތަށް ކޮންމެހެން ބޭނުންވާ އެއްޗެއް. މަށަކީ ނޭވާ ހިއްލާ މީހެއް. ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ މީހެއް. މިހާރުވެސް ތައިރޮއިޑް އޮޕަރޭޝަން ކޮށްފިން. ނުވިތާކަށް، މަށަކީ ލޭމައްޗަށް ދާ ބަލިވެސް ހުންނަ މީހެއް.
ހަނާ ދާވޫދު؛ ޣައްޒާގެ ރަށްވެއްސެއް

އިސްރާއީލުން ޙަމަލާތައް ވަރުގަދަ ކުރަމުން ދާ ދިއުމުގެ ސަބަބުން، ޣައްޒާގެ އުތުރުން ހަނާއަށްވެސް ފައިބަން ޖެހުނީއެވެ. ކިތަންމެ ދަތި ޙާލެއްގައިވެސް، އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް ހަނާއަށް މަޖުބޫރުވީއެވެ. ޣައްޒާގެ ހޮސްޕިޓަލުތަކުން މިހާރު ފަރުވާއަށް އެޑްމިޓް ކުރަމުން ދަނީ، ފުރާނައަށް ނުރައްކާ ވަރުގެ ބޮޑެތި ޒަޚަމްތަކާއި އަނިޔާތަކާއެކު ހޮސްޕިޓަލުތަކަށް އަންނަ ޕޭޝަންޓުން އެކަންޏެވެ. ނޭވާއަށް އުނދަގޫ ކުރުމާއި، ޕަލްމޮނަރީ ފައިބްރޯސިސް ފަދަ ވޭނެއްގައި އުޅެމުން، އަމިއްލަ ގެ ދޫކޮށް ދިއުމަކީ ހީކުރާ ވަރަށް ވުރެ އުނދަގޫ ކަމެކެވެ. ނަމަވެސް، އެ ނޫން ގޮތެއް ހަނާއަކަށް ނެތެވެ.

ގެތަކުގެ ހިމާޔަތުގަ ތިއްބާވެސް މީހުންނަށް އެބަ ޙަމަލާ ދޭ. އަހަރެމެންގެ ގެއަށްވެސް ބޮން އެޅި. އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުން މި ދިޔައީ. މާސްކާރުން، ޖަބާލިޔާއިން، ޖަލާއިން، ރިމާލްއިން އަސްކޫލާއަށް ބަދަލުވަމުން ދިޔައިރުވެސް އަހަރެމެންގެ ބޯމަތިން ރޮކެޓް ޙަމަލާތައް ދޭ. މަރަށް ތައްޔާރުވެގެން އަހަރެމެން ތިބެނީ. އެއީ ވަރަށް ބިރުވެރި ރާސްތާއެއް. ރައްކާތެރި ހަމަ އެންމެ ތަންފުކެއްވެސް ޣައްޒާގަ ނެތް.
ހަނާ ދާވޫދު؛ ޣައްޒާގެ ރަށްވެއްސެއް

އަމިއްލަ ގެ ދޫކޮށް ނުކުތް ފަހުން އެތަންމިތަނުގައި ހިޔާވަހިކަން ހޯދަމުން ގޮސް، ހަނާއާއި އޭނާގެ އަންހެން ދަރިފުޅު މިހާރު ތިބީ އދ އިން ހިންގަމުންދާ ރެފިއުޖީ ކޭމްޕެއްގައެވެ. ނަމަވެސް، އެ ތަނުގައިވެސް ހަނާއަކަށް ރައްކާތެރިކަމުގެ އިޙްސާސެއް ނުކުރެވެއެވެ. ހަނާ އިނީ ހަމަ ދެންމެދެންމެ މަރުވެދާނެ ކަމަށް ޤަބޫލުކޮށް، އެކަމަށް އޭނާގެ ސިކުނޑި ހާނުވައިގެންނެވެ.

ޢާންމު މީހަކާ އަޅާ ބަލާއިރު، ހަނާ ފަދަ މީހަކަށް، ރެފިއުޖީ ކޭމްޕެއްގައި ދުވަސްތައް ގުނުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ހަނާ ދިރިއުޅެމުން ދަނީ އެންމެ 4 އަކަ މީޓަރުގެ ޓެންޓެއްގައެވެ. އެ ޓެންޓުގެ ތެރޭގައި ވައިގެ ތެތްކަން އެހާމެ ގަދައެވެ. ރޭގަނޑުގެ ވަގުތުތައް މުޅިންހެން ދަނީ ކެއްސުމުގެ ވޭނުގައެވެ.

އަހަރެމެންނަށްވެސް ސަލާމަތާއި ރައްކާތެރިކަން ބޭނުންވޭ. ހަމަޖެހިލައިގެން އާދައިގެ ދިރިއުޅުމެއްގަ އުޅެލެވެން ޖެހޭނެ. ޢަރަބި އެހެން ޤައުމުތަކުގަ މީހުން ދިރިއުޅޭ ގޮތަށް އުޅެލަން އަހަރެމެންވެސް ބޭނުން. އަހަރެމެން ބޭނުން ވަނީ ސަލާމަތާއި ރައްކާތެރިކަން. އާދައިގެ ދިރިއުޅުމެއް. ބިރުވެރިކަމާއި ނަމާންކަމާ ނުލާ، ކޮންމެ ދެތިން އަހަރަކުން ހަނގުރާމަގަނޑެއްގެ ތެރޭގަ އުޅެން ނުޖެހޭ ދިރިއުޅުމެއް.
ހަނާ ދާވޫދު؛ ޣައްޒާގެ ރަށްވެއްސެއް

ފަލަސްޠީނުގެ ބިމުގައި، އެ ބިންތައް ފޭރިގަނެގެން އުޅޭ ލާއިންސާނީ ޔަހޫދީން ހިންގަމުން ދާ ޤަތުލުޢާންމަށް މަހެއް ވުމާ ގާތް ވެފައި އޮތް އިރު، ފަލަސްޠީނުން މި ދުނިޔެއާ ވަކިވި މީހުންގެ ޢަދަދު 9000 އިން މައްޗަށް އަރައެވެ. އޭގެ ތެރޭފައި 3500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. 21 ވަނަ ޤަރުނުގެ އަދުގެ ދުނިޔޭގައި އިންސާނުން އުޅެން މަޖުބޫރުވެދާނެ ކަމަށް ހީވެސް ނުކުރާ ފަދަ އިންތިހާ ނިކަމެތި ޙާލެއްގައި ޣައްޒާގައި ދިރިއުޅެމުންދިޔަ 2.3 މިލިއަން މީހުންގެ ތެރެއިން 1.4 މިލިއަނަށް ވުރެ ގިނަ މީހުންނަކީ މިއަދު އިސްރާއީލުގެ ޢުދުވާންތަކާއެކު ގެދޮރު ގެއްލިފައި ވާ ރެފިއުޖީންނެވެ. ރެފިއުޖީންގެ ގޮތުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ކޭމްޕުތަކާއި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލުތަކަށް އަމާޒުކޮށްގެން އިސްރާއީލުން ޙަމާލަތައް ދެނީ ޙަމާސް ޖަމާޢަތުގެ ކިއްލާތައް ނައްތާލުމަށް ކަމަށް ބުނެއެވެ.

2007 ވަނަ އަހަރު ފަލަސްޠީނުގައި ހިނގާދިޔަ ދާޚިލީ ހަމަނުޖެހުންތަކަށް ފަހު ޣައްޒާގެ ކޮންޓްރޯލް ނަގާފައި ވަނީ ޙަމާސް ޖަމާޢަތުންނެވެ. އޭގެ ފަހުން، ފަލަސްޠީނުގެ މައި ސަރުކާރާއި، މިޞްރު އަދި އިސްރާއީލުން ވަނީ ހުރިހާ ގޮތަކުން ޣައްޒާ ފިއްތާލާފައެވެ. ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ހާ މީހުންނަކީ އިންތިހާ ފަޤީރު ޙާލުގައި ދިރިއުޅެމުން ދިޔަ ބަޔަކަށް ވާ އިރު، މިއަދު އެމީހުން އެ ތިބީ އެއަށް ވުރެވެސް ދެރަ، ނިކަމެތި ޙާލެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް