2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު 5.5 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު 5.5 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، މިއ 2020 ވަނަ އަހަރުގެ ފަހުން އިގްތިސާދީ ދުވެލި، ލޯންގް ރަން އެވަރެޖް ޓްރެންޑަށްވުރެ ދަށްވާ ފުރަތަމަ ފަހަރު އަހަރު ކަމަށެވެ. އަދި ނިމިގެންދިޔަ އަހަރުތަކެކޭ އެއްފަދައިން، ކުރިއަށް އޮތް އަހަރު ވެސް ގައުމުގެ އިގްތިސާދަށް އަންނަ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނެކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށް އަންނަ ކުރިއެރުން ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް، ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވޭތުވެދިޔަ ދެ އަހަރު އިތުރުވި މިންވަރަށް، 2024 ވަނަ އަހަރުގެ ތެރޭގައި އިތުރުވާނެކަމަށް އަންދާޒާކުރެވޭތީ، ފަތުރުވެރިކަމުން ޖީޑީޕީއަށް އަންނަ ކުރިއެރުން، ވޭތުވެދިޔަ އަހަރުތަކަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ.
އަދި 2023 ވަނަ އަހަރު، ދިވެހިރާއްޖޭގެ އިގްތިސާދު 8.7 އިންސައްތައިން ކުރިއަރާނެ ކަމަށް މިހާރު ލަފާކުރެވޭއިރު، މިއީ ދިގު މުއްދަތުގައި އެވްރެޖްކޮށް އިގްތިސާދު ކުރިއަރާ މިންވަރަށްވުރެ މަތީ މިންވަރެއް ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އަދި އައު އެއަރޕޯޓް ޓަރމިނަލް ހުޅުވައި، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއެކު، މެދުރާސްތާގައި ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި އެވްރެޖްކޮށް ހުންނާނެކަމަށް އަންދާޒާކޮށްފައިވަނީ 6.7 އިންސައްތައިގައެވެ.
މީގެ އިތުރުން ޔޫރަޕްގެ މާކެޓުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، އެހެން އަހަރުތަކާ އަޅާ ބަލާއިރު ދަށްވާނެކަމަށް އަންދާޒާކުރެވުނު ނަމަވެސް، ޗައިނާ މާކެޓް ހިމެނޭހެން، އެހެނިހެން މާކެޓުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވާނެކަމަށް ލަފާކުރެވޭތީ، 2024 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއި ބެޑްނައިޓްސްގެ އަދަދު އިތުރުވާނެކަމަށް ލަފާކޮށްފައިވެއެވެ.
2024 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް 2 މިލިއަނަށްވުރެ އިތުރުވާނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރަށް ލަފާކުރެވޭ އަދަދުތަކާ އަޅާބަލާއިރު، 2024 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 7.9 އިންސައްތައިން އިތުރުވެ، ބެޑްނައިޓްސްގެ އަދަދު 7 އިންސައްތައިން އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް 2025 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަންފަށައި، އެއަރޕޯޓް ކެޕޭސިޓީ އިތުރުވުމުން، މެދު ރާސްތާގައި މި އަދަދުތައް، އަހަރުން އަހަރަށް އިތުރުވަމުންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި 2024 ވަނަ އަހަރު ސަބްސިޑީ ސިޔާސަތަށް ގެންނަން ހުށަހަޅާ ބަދަލުތަކާއެކު، އަންނަ އަހަރު ދިވެހިރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 3.9 އިންސައްތައިގައި ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. ނަމަވެސް މި ސިޔާސަތުތައް ތަންފީޒުކުރާނަމަ، އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ބެލެވެނީ 1 އިންސައްތައިގައެވެ. އެހެންކަމުން 2024 ވަނަ އަހަރަކީ 2013 ވަނަ އަހަރުގެ ފަހުން އަގުތައް އެންމެ މަތިވާނެކަމަށް ލަފާކުރެވޭ އަހަރަށް ވެގެންދާނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ނިމޭއިރު، ރަސްމީ ރިޒަރވްގެ މިންވަރު ހުންނާނެކަމަށް ބެލެވެނީ 605.7 މިލިއަން އެމެރިކާ ޑޮލަރުގައެވެ.