ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 11:21
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ޣައްޒާގެ އަންހެނުން: މުޅި ދުނިޔެއަށްވެސް ލާމަސީލު މިސާލެއް!
ގަދަ ހިތްވަރާއި، ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއި، ޔަހޫދީންނަށް ގޮންޖަހާލުމުގައި، ޣައްޒާގެ އަންހެންވެރިން ދައްކަމުން ދަނީ މުޅި ދުނިޔެވެސް ތަޢުރީފު ކުރަން ޙައްޤު މިސާލުތައް
ޣައްޒާގެ މަންމައިން އެމީހުންގެ މުޅި ޢާއިލާ ބަލަހައްޓަމުން ދަނީ ކޮންމެވެސް ދުވަހަކުން މިނިވަން ކަމުގެ ޖައްވަކަށް ނޭވާލެވޭނެ ކަމުގެ އުންމީދުގައި

އެމެރިކާއާއި ހުޅަނގު ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސިފަ ކުރާ ހަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ، އިޒްރޭލުގެ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަޠުލުއާންމަށް މަހެއް ވާން ގާތްވެފައި ވާއިރު، ބައެއް ލޯތަކަށް ނުފެންނަ، މި ލާއިންސާނީ ޖަރީމާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު ވަނީ 9500 އަށް ވުރެ މައްޗަށް އަރާފައެވެ. ގިނައި އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ ހަނގުރާމަތަކުގައި އެންމެ ފުރަތަމަވެސް، ޙިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެ ބައެއް ކަމަށް، ޚުދު ހުޅަނގުންވެސް ބުނާ، ނާޒުކު ޙާލުގައި ތިބި އިންސާނުންނެވެ.

ހުޅަނގުން ފަތުރާލި މިންތީގެ ހަމަތަކަށް ވަކާލާތު ކުރުމުގެ އަޑުފައްގަނޑު ގަދަވެފައި އޮތް އަދުގެ ދުނިޔޭގައި، ޙަޤީޤީ ސާބިތު ކަނބަލުން ތިބީ ޣައްޒާގައި ކަން، މި ޢުދުވާންތަކުގެ ތެރެއިން ކިތަންމެ ހާ ރަނގަޅަކަށް ސާފުވެގެން ހިނގައްޖެއެވެ. ގަދަ ހިތްވަރާއި، ނުގުޑާ ފަދަ ވަރުގަދަ ޢަޒުމާއި، ޔަހޫދީންނަށް ގޮންޖަހާލުމުގައި، ޣައްޒާގެ އަންހެންވެރިންގެ ދައްކަމުން ދަނީ މުޅި ދުނިޔެވެސް ތަޢުރީފު ކުރަން ޙައްޤު މިސާލުތަކެވެ.

ޔަހޫދީންގެ ޙަމަލާތައް ކެނޑިނޭޅި އަމާޒު ކުރަމުން ދާ ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސްގައި، އޭނާގެ ޢާއިލާގެ އިތުރު 20 މެންބަރުންނާއެކު ގެދޮރު ގެއްލިފައި އިން އެކަކީ ފަލަސްޠީނުގެ ފަސްގަނޑަށް އުފަން ޚުލޫދު ޤާދީޙްއެވެ. ޚާން ޔޫނިސްގެ ވަޤުތީ ހިޔާވައްސެއްގައި ދިރިއުޅެން ޖެހިފައި އޮތެއް ކަމަކު، ޚުލޫދުގެ ހިތުގައި ޖަހަމުން ދާ ސާބިތުކަމުގެ ވިންދަކީ، އޭނާގެ ފަހު ނޭވާއާ ޖެހެންދެކަށްވެސް އެގޮތުގައި އޮންނާނެ ކަމެއްކަން، އެ ދައްކަމުން ދިޔަ ވާހަކަތަކުން ކިތަންމެހާވެސް ސާފެވެ.

ވަޔާއި އެއްގަމު މަގުން އިޒްރޭލުން ޙަމަލާ ދިނަސް، އަހަރަމެން ތިބޭނީ ހަމަ މިތާ. ކޮންމެ ގޮތެއް ހަދާލިޔަސް، އަހަރަމެން ތިބޭނީ ސާބިތުކަންމަތީގަ. 1948 ވަނަ އަހަރު، އަމިއްލަ ގެތަކުން ނެރެލި ގޮތަށް، އެ ކަހަލަ ގޯހެއް އަހަރަމެން ލައްވާ ހިލާ ނުހެއްދުވޭނެ. އެންމެ ފަހު ވަޤުތާ ޖެހެންދެންވެސް އަހަރަމެން ތިބޭނީ އަހަރަމެންގެ އަމިއްލަ ބިމުގަ. އަބާސަންއާއި ޚޫޒާގަ މީގެ ކުރިން ޙަމަލާ ދިން... އަހަރަމެން މަޑުކުރިން އެންމެ ފަހު ވަޤުތާ ޖެހެންދެން. ގެތަށް، އަހަރަމެންގެ ބޯމައްޗަށް ވެއްޓެންދެން މަޑުކުރިން. އެތަނުން ނުކުތީ ދަރިންގެ ޙައްޤުގަ. މީ އަހަރަމެންގެ ބިން، މިތަން ދޫކޮށްފަ ނުދާނަން. ލަހެއް ނުވެ، އަހަރަމެންގެ އަމިއްލަ ގެއަށް އެނބުރި ދާނަން. ވެއްޓިފަ އޮތް ގެގަނޑު މަތީގަ އުޅެންވިޔަސް، އަނބުރާ، ގެޔަށް ދާނީ.
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް

މުޅި ޣައްޒާ ހަފުސް ކުރަމުން ދާ އިޒްރޭލުން ޣައްޒާއަށް ދެމުން ދާ ޙަމަލާތަކުން ދިފާއުވުމަށް ޚުލޫދުއާއި އޭނާގެ 4 ދަރިން މިހާރު ދިރިއުޅެމުން ދަނީ ޢިމާރާތެއްގައި ބިންގަރާހެއް ގޮތަށް ހަދާފައި ވާ ތަނެއްގައެވެ.

މިތާ އެބަ އުޅޭ 25 އަކަށް މީހުން، ބަލިވެ. ބަނޑުގެ ބަލިތަކާއި، ހުމާއި، ރޯގާ ޖެހިފަ ތިބި މީހުން. ކުޑަކުދިންނާއި ދޮށީ ޢުމުރުގެ މީހުން. ހުރިހާ އެންމެންވެސް ބަލިވެ އުޅެނީ. ރޭގަ، އަހަރެންވެސް ބަލިވި. މަށަކީ ހަކުރު ބަލީގެ މީހެއް، ލޭ މައްޗަށް ދާ މީހެއް. ރޭގަ ހަކުރު ދަށްވީ. މިތަން ދޫކޮށްލާފަ، ނާޞިރު ހޮސްޕިޓަލަށް ދެވޭކަށް ނެތް. އެހެންވެ، ދާރުއްސަލާމް ހޮސްޕިޓަލަށް ދިޔައީ. އެކަމަކު، އެތަނަށް ވަދެވޭ ގޮތެއް ނުވި. އެހެންވެ، އަނެއްކާވެސް ނާޞިރު ހޮސްޕިޓަލަށް ދެވޭތީ އުޅުނީ، ވަށައިގެން ބޮން އަޅަމުން ދިޔަޔަސް ހެޔޮކަމަށް. އެކަމަކު، އަނބުރާލާފަ އައީ ބިރަކުން ނޫން. ދަރިންނަށްޓަކައި އެނބުރި އައީ.
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް

ޚުލޫދުއާއި އޭނާގެ ޢާއިލާގެ އެހެން މެންބަރުން މީގެ ކުރިން ދިރިއުޅެމުން ދިޔައީ، އިޒްރޭލޭ ކިޔައިގެން އުޅޭ ދަޢުލަތާއި ފަލަސްޠީނު ހިއްސާކުރާ ސަރަޙައްދީ އިމާ ދާދި ކައިރީގައެވެ. އެހެން ކަމުން، އެ ޢާއިލާއިން، ވީހާވެސް ބޮޑަކަށް ޣައްޒާއާ ވީ ފަޅިއަށް ބަދަލުވީއެވެ.

ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގެ ތާރީޚު އެތައް އަހަރަކަށް ދެމިގެން ގޮސްފައި ވާ އިރު، މީގެ ކުރިން ކުރި ހަނގުރާމައެއްގެ ތެރޭގައި، ޚުލޫދުގެ ފިރިހެން ދަރިއަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

އަހަރެން އުޅެބޮޑުވީ ސަޢުދީގަ. މިކޮޅަށް އައި ޒަވާޖީ ޙަޔާތެއް ފަށައިގެން. ޣައްޒާއަށް އާދެވޭ ކޮންމެ ފަހަރަކު އަހަރެން ވަރަށް އުފާވޭ. އެއީ، ދުވަހަކުވެސް ޣައްޒާއަށް އާދެވޭނެ ކަމަކަށް އުންމީދުކޮށްގެންނެއް ނޫންވިއްޔާ އަހަރެން އިންނަނީކީ. މިކޮޅަށް އަންނަ ކޮންމެ ފަހަރަކު ހިތަށް އަރާ، ޣައްޒާގަ ވަޒަންވެރިވެގެން ދިރިއުޅެލެވޭނެނަމައޭ، ޣައްޒާގެ މީހުން އުފުލަމުން ދިޔަ ދަތި ދިރިއުޅުން ތަޖުރިބާކޮށްލަން ލިބޭނެނަމޭ. އަހަރެންގެ ތަޤުދީރުގަ އެކަން ލިޔެވިފަ އޮތީ. ކައިވެނިކޮށްގެން މިތާ އުޅެން. މިދިޔަ ހަނގުރާމަތަކުގެ ތެރޭގަވެސް އަހަރެން އުޅުނީ މިތާ، ޣައްޒާގަ. 2008 އާއި 2012ގެ ހަނގުރާމައިގެ ތެރޭގަވެސް، އަހަންނާއި އަހަރެންގެ ދަރިން އުޅުނީ މިތާ. އަހަރެންގެ ދިރިހެން ދަރިފުޅާ، އަވަށްޓެރިއެއްގެ އިތުރުން، ދެބެންގެދެދަރި ކުދިންވެސް ޝަހީދުވެދިޔައީ. އެކަމަކު، އަހަރަމެން އަދިވެސް މިތިބީ ހަމަ ސާބިތުކޮށް. ވަރަށް ގިނަ ކުދިން މަރުވެއްޖެ. ފެންނަ މަންޒަރުތަކުން އަހަރަމެންނަށް ލިބެނީ އިތުރު ހިތްވަރެއް. އަމިއްލަ ވަޒަން ދޫކޮށްލާފަ ނުދާން އިތުރު ހިތްވަރެއް.
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް

ޚުލޫދު މިއަދުވެސް އިނީ އޭނާގެ ސާބިތު ހިތުގައި ވަރުގަދަ ޢަޒުމުގެ މަތީގައެވެ. އިޒްރޭލުން ކިތަންމެ ގަދަބާރެއް ދެއްކި ކަމުގައި ވިޔަސް، ޚުލޫދުގެ ހިތުގެ ސާބިތުކަމަށް ކުޑަ ނަމަވެސް ލޮޅުމެއް ނާރާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ޝަހީދުކޮށްލާފަ ތިބި އަހަރަމެންގެ އަބުޠާލުންގެ ހަށިތައް ހޮވަމުން، އެ ބަޠަލުން ވަޅުލަމުން އަހަރަމެން ބުނަން... އިރާދަކުރެއްވި ކޮންމެ ކަމަކަށް الحمد لله. އަހަރަމެން ޤަބޫލު ކުރަނީ އެހީ ޝަހީދުކޮށްލާފަ ތިބި ބަޠަލުން ކަމަށް. ކޮންމެ މިނެޓެއްވެސް އަހަރަމެން ހޭދަ ކުރަނީ، އަހަރެން، އަހަރެންގެ ދަރިން، ނޫނީ އަޚު މި ދުނިޔެއާ ވަކިވެދާނެ ކަމަށް ވިސްނައިގެން. އެ ޙާލުގަވެސް އަހަރަމެން ﷲ އަށް ޙަމްދު ކުރަން. އަހަރަމެން އިންތިޒާރު ކުރަމުން މިދަނީ ޝަހީދު ވާނެ ވަޤުތަކަށް. އަހަރަމެންނީ ފަލަސްޠީނު ބިންތަކުގެ މުޖާހިދުން.
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް

އޮކްޓޯބަރު 7 ވަނަ ދުވަހު ފެށި ޢުދުވާންތަކަށް ފަހު ޣައްޒާ އޮތީ މުޅި ދުނިޔެއާ ގުޅުން ކަނޑާލާ، އެކަހެރިކޮށް، ވަކިކޮށްލާފައެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އަސާސީ ޙައްޤުތަކުން މަހްރޫމުކޮށްލާފައެވެ.

އަހަރަމެން ބުއީ ސޫފާސޫފިން ތަޣައްޔަރުވެފަ ހުރި ފެން. އެއީ ސުޕަރމާޓުތަކުންވެސް ފެން ހުސްވެގެން. ފައިސާ ފޮއްޗެއް އޮތް މީހަކުވިއްޔާ ފިހާރަފިހާރައަށް ގޮސް، ފެންފޮދު ގަނެ ހުސްކޮށްލައިފި. މިތާ އުޅެންޏާ ހުރިހާ އެއްޗެއްވެސް ގަންނަން ޖެހިފަ އޮންނާނީ. ނޭވާކޮޅެއްލާނެ ވައިވެސް... އެކަމުގެ އަގު، އަހަރަމެން އަދާކުރަމުން މިދަނީ.
ޚުލޫދު ޤާދީޙް؛ ޣައްޒާގައި ގެދޮރު ގެއްލިފައި އިން އަންހެނެއް

ޣައްޒާގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް މިއަދު ފެންނަނީ ޚުލޫދު ފަދަ ހިތްވަރުގަދަ ކަނބަލުންނެވެ. ކުޑައެއް، ބޮޑެއް ތަފާތެއް ނެތެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ބަޔަކު އުފުލަން ނުޖެހޭ ވަރުގެ ޒިންމާތައް ކޮނޑުއަޅައިގެން ތެދުވަން ޖެހިފައި ތިބި ބައެކެވެ. ދިމާވާ ކޮންމެ ޙާލަތަކަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލުމުގެ ޤާބިލުކަން ލިބިފައި ވާ ކުޅަދާނަ ބައެކެވެ. ކައިބޮއެ ހަދާނެ ފަދައެއް، ބޯފެން ފޮދެއް ނެތްތާ، ޙާލެއްގައި ޖެހޭ ދުވަހު ވަންނާނެ ހިޔާވައްސެއްވެސް ނެތް ޙާލު، ޣައްޒާގެ މަންމައިން އެމީހުންގެ މުޅި ޢާއިލާ ބަލަހައްޓަމުން ދަނީ ކޮންމެވެސް ދުވަހަކުން މިނިވަން ކަމުގެ ޖައްވަކަށް ނޭވާލެވޭނެ ކަމުގެ އުންމީދުގައެވެ.

ޣައްޒާގެ އަންހެނުންނާއި އަންހެން ކުދިންގެ ކިބައިން ފެންނަމުން ދާ ހިތްވަރުގަދަކަމާއި ހިތުގެ ސާބިތުކަމަކީ، ދުނިޔޭގެ އެހެން ކޮންމެ ހިސާބެއްގައި އިން އަންހެނަކަށް، ނުވަތަ ކިތަންމެ މަތީ ފަންތިއެއްގައި ހުރި ފިރިހެނަކަސް ހަމަ ލާމަސީލު ނަމޫނާއެކެވެ. ލިބޭ މިންވަރަށް ޝުކުރު ކުރުމުގެ ރީތި މިސާލު ދައްކަމުންދާ ފިސާރި ކަނބަލުންތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް