ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 08:21
ހައްޔަރުކޮށްފައިވާ އިސްރާއީލް މީހުންގެ އާއިލާ މީހުން
ހައްޔަރުކޮށްފައިވާ އިސްރާއީލް މީހުންގެ އާއިލާ މީހުން
ޕީއެސްއެމް
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
ހައްޔަރީން ދޫކޮށްލުން: ހައްޔަރީން ބަދަލުކުރުން އަވަސްކުރުމަށް ނަތަންޔާހޫ އަށް ޕްރެޝަރުކުރަނީ
ހަމާސް އިން ހައްޔަރުކޮށްފައިވާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަނީ އިސްރާއީލުން ކަމަށް ހައްޔަރުކޮށްފައިވާ މީހުންގެ ބައެއް އާއިލާ މީހުން ދަނީ ބުނަމުން
ހައްޔަރީން ބަދަލުކުރުމުގެ ބަދަލުގައި އިސްރާއީލުގެ ފޯކަަސް ބޮޑަށް ހުރީ ހަނގުރާމަ ވަރުގަދަކުރުމަށް ދަނީ ބުނަމުން

އިސްރާއީލުން ހައްޔަރުކޮށްފައިވާ މީހުން އަނބުރާ ގައުމަށް ގެންދިއުމާމެދު އިސްރާއީލުން އެކަށީގެންވާ އިޖާބައެއް ނުދޭތީ އެ މީހުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން ހައްޔަރުކޮށްފައިވާ މީހުން ބައިތިއްބާފައި ތިބި ސަރަހައްދުތަކަށް ވެސް އިސްރާއީލުން ހަމަލާދެމުންދާތީ އެކަމުގެ ކަންބޮޑުވުން އެ މީހުން ވަނީ ފާޅުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބަދަލުކުރުމާމެދު ފެހި ސިގްނަލެއް ދީފައެއް ނުވެއެވެ. މީގެ ކުރިން ހަމާސް އިން ހައްޔަރު ކުރި މީހުން ދޫކޮށްލަން ހުށަހެޅި ނަމަވެސް އެކަމަށް ވެސް އިސްރާއީލުން އިޖާބަ ދީފައެއް ނުވެއެވެ.

220 ހައްޔަރީން ނިސްބަތްވާ އާއިލާތަކުން ވަނީ ހަމާސް އާއެކު ވާހަކަދައްކައިގެން ހައްޔަރީން ދޫކޮށްލަން މަސައްކަތް ކުރަމުން ނުދާތީ އިސްރާއީލުގެ ކަމާއި ބެހޭ ފަރާތްތަކަށް ޕްރެޝަރ ކުރަން ފަށާފައެވެ. އިސްރާއީލުގެ ސަރުކާރުން އަމަލުކުރާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެ ފަރާތްތަކުން ދަނީ ކަމާ ގުޅުން ހުރި އިދާރާ ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރަމުންނެވެ. އަދި ހަމާސް އިން ހައްޔަރުކޮށްފައިވާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަނީ އިސްރާއީލުން ކަމަށް ވެސް ހައްޔަރުކޮށްފައިވާ މީހުންގެ ބައެއް އާއިލާ މީހުން ދަނީ ބުނަމުންނެވެ. އެގޮތުން ވާހަކަ ދައްކައިގެން ހައްޔަރީން ބަދަލުކުރުމުގެ ބަދަލުގައި އިސްރާއީލުގެ ފޯކަަސް ބޮޑަށް ހުރީ ހަނގުރާމަ ވަރުގަދަކުރުމަށް ކަމަށް ވެސް އެމީހުން ދަނީ އަޑު އުފުލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް