ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 09:17
ފިނޭންސް މިނިސްޓަރު އިބްރާހިީމް އަމީރް މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އިބްރާހިީމް އަމީރް މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ
ރައްޔިތުންގެ މަޖިލިސް
ސަޕްލިމެންޓްރީ ބަޖެޓް
މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި
ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 6.5 މިލިއަން ރުފިޔާ
ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅީ މިމަހުގެ 18ގައި
ބަޖެޓް އަނބުރާ ފޮނުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވާތީ

ސަރުކާރުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ހަރަދުކުރުމަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގައި ހުންނަންޖެހޭނެކަމަށް މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 18ވަނަ ދުވަހުއެވެ. ބަޖެޓް އަނބުރާ ފޮނުވާލާފައިވަނީ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތަށް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަށެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވަނީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް، އެ ހުށަހެޅުމެއް ތައްޔާރުކޮށް، އެ ފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގާނޫނު އިސްލާހު ކުރި އިރު، ޕްރޮގްރާމް ބަޖެޓް ހުށަހަޅަންޖެހޭ ގޮތަށް އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓް ތައްޔާރުކޮށްފައިވަނީ އެގޮތަށް ކަމަށާއި، މަޖިލީހުން އިތުރަށް ބޭނުންވާ މައުލޫމާތު ހިމަނާ އަލުން ސަޕްލިމެންޓްރީ ބަޖެޓް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސުން ބުނެފައިވާގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑުގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ، ޕީއެސްއައިޕީއާއި އާސަންދަ އަދި ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. އެގޮތުން، ސަބްސިޑީއަށް 1.85 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އާސަންދައަށް 1.26 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.78 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާކަމަށެވެ. އެހެންވެ، އެކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގް މިހާރު ދަށްވެފައި ވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް