އެންމެ ބޮޑު ގޮންޖެހުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ މަސައްކަތް ތަކަށް މީހުން ހޭލުންތެރިނުވުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ އަބްދުލް ހަންނާން ވަހީދު ވިދާޅުވީ އެމްކިއުއޭ އިން ކުރާ މަސައްކަތްތަކަކީ ކޮބާކަން ނޭނގޭ މީހުން އަދިވެސް އެބަތިބި ކަމަށެވެ. އެމްކިއުއޭ އަކީ ހަމައެކަނި ކޯސްތައް އަދި ސަނަދުތަކުގެ ފެންވަރު ބަލާ ތަނެއް ނޫން ކަމަށާއި އެއަށް ވުރެ އެމްކިއުއޭގެ މެންޑޭޓް ފުޅާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްކިއުއޭގެ މަސައްކަތަކީ ދަރިވަރުންގެ ކިޔެވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި ރާއްޖޭގެ ކޮންމެ ގެއަކަށް ވެސް އެމްކިއުއޭގެ މަސައްކަތްތަކުގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީ-ލަރނިން އާއި ބްލޮކް މޯޑް ފަދަ ގޮތްގޮތަށް ކިޔަވާދިނުން ކުރިއަށް ގެންދާ އިރު އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހުރިތޯ ކޯސްތަކުގެ ފެންވަރު ކަށަވަރު ކުރާ އިރު ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް އީ-ލަރނިން އަށް ބޭނުންވާ ސޮފްޓް ކޮޕީ ފަދަ އެއްޗެހި ނެތް ނަމަ އެއީ މައްސަލަ އެއް ކަމަށް ޑރ.ހަންނާން ވަނީ ވިދާޅުވެފައެވެ. އެ ރިސޯސްތައް ނެތް ކަަމަށް ވާނަމަ އީލަރނިން އަށް ހުއްދަ ދިިނުމުގެ ކުރިން އެކަންކަން ފުރިހަމަކޮށް އެކަން އެމްކިއުއޭ އަށް އަންގަން ޖެހޭނެ ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ފަދަ ތަންތަން ރަނގަޅަށް ހިންގޭނީ މިނިވަން ތަނެއްގެ ގޮތުގައި އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ވަކި މީހަކު އެތަނުގެ މަސައްކަތުގެ ތެރެއަށް ނުފޫޒު ނުފޯރުވާ ގޮތަށް އޮންނަ ތަނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޤާނޫނީ ގޮތުން މިހާރު އެމްކިއުއޭ ބާރުވެރިވީ ނަމަވެސް އަދިވެސް އިތުރަށް ފުރިހަމަ ކުރެވިދާނެކަންކަން ހުރި ކަމަށް ހަންނާން ވިދާޅުވިއެވެ.