ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 07:04
ޖެނިންގައި ހުންނަ އަލް އަންޞާރު މިސްކިތަށް ހަމަލާދިނުން
ޖެނިންގައި ހުންނަ އަލް އަންޞާރު މިސްކިތަށް ހަމަލާދިނުން
އަލްއަރަބިއްޔާ
ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދިނުން
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްގެ އަލް އަންޞާރު މިސްކިތަށް ހަމަލާދީފި
އަލްޖަޒީރާގެ ނޫސްވެރިޔާ ބުނީ އަލްއަންޞާރު މިސްކިތަށް ހަނގުރާމަ މަތީ ޖެޓަކުން ބޮންއަޅަމުން ދިޔަތަން ފެނުނުކަމަށް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް އަންޞާރު މިސްކިތަށް ރޭ ދަންވަރު ހަމަލާދީފި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަންޞާރު މިސްކިތުގެ ކޮމްޕައުންޑަށް ހަމަލާދީފައިވާއިރު، އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޖެނިން ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް އަންޞާރު މިސްކިތަށް ހަމަލާދިނީ ހަމާސް ޖަމާޢަތުން އެ އިމާރާތް ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ލިބިފައިވާ ޖާސޫސީ މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި އިސްރާއީލުން ދިން ހަމަލާގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ބައެއް މެންބަރުން މަރުވެފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އިންޓެލިޖެންސް އިން އެނގުނު ގޮތުގައި އެ މިސްކިތަކީ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި އާންމުންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމަށް ބޭނުންކުރި މިސްކިތެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖްތަކުން ފެންނަ ގޮތުގައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ މިސްކިތުން ހިޔާވަހިކަން ހޯދަމުންދިޔަ ޢާއްމުންގެ ތެރެއިން ގިނަ ބަޔަކުވަނީ ޒަޚަމް ވެފައެވެ. އަދި އެތަނުގައި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ހަރަކާތްތެރިވާތަން ފެނެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ސާރާ ޚައިރަތު ސައުދު ކިޔައިދިން ގޮތުގައި ޖެނިން ރެފިއުޖީ ކޭމްޕަށް ހަނގުރާމަމަތީ ޖެޓަކުން ހަމަލާ ދެމުންދިޔަތަން ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ހުޅަނގު އައްސޭރީގައި ވައިގެ ހަމަލާތައް ދިނުމަކީ އާދައިގެ ކަމަކަށްވާތީ އެކަމަށް މާބޮޑު ސަމާލުކަމެއް ގިނަ ބަޔަކު އެވަގުތު ނުދީތިއްބާ ކުށްލިއަކަށް ބޮންއަޅަން ފެށީކަމަށް ނޫސްވެރިޔާ ބުނެފައިވެއެވެ.

މި ހަމަލާއަށް ފަހު އަލް އަންޞާރު މިސްކިތުން ހިޔާވަހިކަން ހޯދަމުންދިޔަ ގިނަބަޔަކު މިހާރުވަނީ ރައްކާތެރި އެހެން ތަނެއް ފެނޭތޯ އެތަން ދޫކޮށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް