"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން ގެނެސްދިން ދިވެހިންގެ އެއްޗެއް ކަމަށް ފަތުރުވެރިކަމުގެ އެއް ބާނީ އަދި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ރާއްޖޭގެ މިލްކެއް ކަަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ ދިވެހިން ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ނެރެދިން ޕްރޮޑަކްޓެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ ފެށުނީއްސުރެ ވަރަށް ކެޕޭސިޓީ ހުރި ދާއިރާ އެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ދާއިރާ އަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަބަދުވެސް މަސައްކަތް ކުރެވިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް ތައުރީފްކުރައްވާފައެވެ. ހަމައެހެންމެ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަކީ ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓު ދެމި އޮތުމުގައި މުހިއްމު ދައުރެއް އަދާކުރާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ މި ހިސާބަށް އައުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފާއިތުވެ ދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމާއި ކުރިމަތިވީ އެތައް ގޮންޖެހުމަކުން އަރައިގަތުމުގައި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައިވެސް ރާއްޖެއިން ދެއްކީ ނަމޫނާ އެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަދިވެސް ކުރިއަރުވަން ޖެހޭކަމަށާއި ހަމައެކަނި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން އެކަނި ބޭނުންކޮށްގެން ކުރިއަށް ދިއުމަށް ވުރެ އެ ދާއިރާ ފުޅާ ކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރިކަ ރައްކާކޮށް ޙިމާޔަތްކޮށް އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ޙަގީގަތަކަށް ހަދަން ޤާނޫނީގޮތުންވެސް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.