ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 16:36
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ހުއްދަކުރުމަށް ހުށަހެޅި ގަރާރު ބަލައިގެންފި
އެ ގަރާރުގައި ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ހެދުން އަޅާނެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލާފަ
މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުން

ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިިފެވެ.

ހޯމަ ދުވަހު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުންނެވެ.

އެ ގަރާރާއި މެދު ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެ ފަދަ ގަރާރެއް ހުށަހެޅުއްވީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވާ ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން އާއްމުންނަށް ލިބޭ ބާރެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމަކީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މިނިވަން ހައްގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން އެހެން އޮތް ނަމަވެސް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބައެއް ތަންތަނުގެ ހެދުންއަޅަންޖެހޭ މިންގަޑަށް ބަލާ އިރު ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ހައްލު ހޯދަން ޖެހޭ މައްސަލަ އެއް ކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މައުރޫފްގެ ގަރާރަށް ވާހަަކަދެއްކެވި ގިނަ މެމްބަރުން ވާހަކަދައްކަވާފައި ވަނީ ޖުމްލަ ގޮތެއްގައި މި ގަރާރަށް ތާއީދުކޮށެވެ. އެހެންނަމަވެސް ބައެއް މެމްބަރުން ވަނީ މި ގަރާރުގެ މަސައްކަތް ކުރުމަކީ މަޖިލީހުގެ ވަގުތު ނަގާލުން ކަމަށް ސިފަކުރައްވާ އެއީ މަޖިލީހަށް ނުވައްދާ ނިންމޭނެ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ސިޔާސީ މަސައްކަތެއް ކަަމަށް ޕީއެންސީގެ ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން މައުރޫފް ވިދާޅުވީ ދީނީ ގޮތުން ބަލާއިރު ވެސް ރާއްޖޭގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުން މަޖުބޫރު ކުރެވިގެން ނުވާނެ ކަަމަށެވެ. އެ ގަރާރަށް ގިނަ ރިސޯޓް މުވައްޒަފުން ވެސް ތާއީދު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ގަރާރުގައި ވަނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ހެދުން އަޅާނެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެ އުސޫލުގެ ދަށުން އަންހެނުން ބުރުގާ އެޅުމަށް މަގުފަހި ކޮށްދިނުމަށާއި، ފިރިހެނުން ތުނބުޅި މަތިމަސް ބެހެއްޓުމަށް ހުރި ހުރަސްތައް ނައްތާލުމަށް ވަނީ ގޮވާލާފައެވެ.

- ކޮމެންޓް