ކ. މާލެ
|
24 ޑިސެންބަރ 2024 | އަންގާރަ 20:29
ފަޅު ރަށެއްގެ ފޮޓޯ އެއް
ފަޅު ރަށެއްގެ ފޮޓޯ އެއް
ރާއްޖެއެމްވީ
ރިސޯޓް ތަރައްޤީކުރުން
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
އެ ހުރިހާ ތަނެއްވެސް ދޫކޮށްފައި ވަނީ 2024 ވަނަ އަހަރު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ
އެ މިނިސްޓްރީން ދިން ޖަވާބުގައި ވާގޮތުން 2023 ވަނަ އަހަރުގެ 18 އިން ފެށިގެން ސަރުކާރުން ވަނީ 16 ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ދީފަ

މި ސަރުކާރުން ރިސޯޓު ތަރައްގީކުރުމަށްޓަކާ ދޫކޮށްފައިވާ ރަށްތަކާއި ފަޅު ރަށްތަކުގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އަށް އެ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅީ އޮންލައިން ނޫސް "އަދަދު"އިނެވެ. އެ ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، އާރްޓީއައި ހުށަހެޅުމުން ވެސް އެ މައުލޫމާތު ފޯރުކޮށްދޭން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

އެ މިނިސްޓްރީން ދިން ޖަވާބުގައި ވާގޮތުން 2023 ވަނަ އަހަރުގެ 18 އިން ފެށިގެން ސަރުކާރުން ވަނީ 16 ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ދީފައެވެ. އެ ހުރިހާ ތަނެއްވެސް ދޫކޮށްފައި ވަނީ 2024 ވަނަ އަހަރު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އަދަދު ނޫހުގެ އާރްޓީއައި އަށް ސަރުކާރުން ދިން ޖަވާބު - އަދަދު

އާރްޓީއައި ފޯމުގެ ޖަވާބުގައި މިނިސްޓްރީން ބުނެފައި ވަނީ ރިސޯޓް ތަރައްޤީކުރުމަށް ދީފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ހާމަ ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެއީ އެއްބަސްވުންތަކުގެ ނަން ޑިސްކްލޯޝާ އެންޑް ސާކަމްވެންޝަންގެ ދަށުން ހާމަ ނުކުރެވޭ މައުލޫމާތަށް ވުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ވުނެފައެވެ.

އެ ވުޒާރާއިން މިފަދައިން ބުނި ނަމަވެސް ރިސޯޓު ތަރައްގީކުރަން ދޫކުރާ ތަންތަނުގެ އަގާއި ގުޅުން ހުރި މައުލޫމާތުތައް ހާމަކުރަމުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޭ ތަންތަން ދޫކުރަނީ ފަތުރުވެރިކަމުގެ ވުޒާރާއިން އެކަމަށްޓަކާ ކުރާ އިއުލާނުތަކުގައި ވެސް އެންމެ ކުޑަކޮށް ހުށަހެޅޭ އަގު ހިމަނަގައިގެންކަން ފާހަގަކޮށްލެވެއެވެ.

އަދަދު ނޫހުގެ އާރްޓީއައި އަށް ސަރުކާރުން ދިން ޖަވާބު - އަދަދު

މީގެ އިތުރުން ކުއްޔަށް ދޫކޮށްފައިވާ ގިނަ ގިނަ ތަންތަނަކީ ޓޫރިޒަމުން އިއުލާނުކުރި ލިސްޓުތަކާއި ކްރޮސް ސަބްސިޑީގެ ދަށުން، ޕްރޮޖެކްޓްތަކަށް ފައިސާ ހޯދަން ދޫކުރާ ތަންތަނުގެ ގޮތުގައި ނުހިމެނޭ ތަންތަނެވެ.

މީރާގެތަފާސް ހިސާބުތަކަށް ބަލާއިރު ލޭންޑް އެކުއިޒިޝަނާއި، ކޮންވާޝަން ފީގެ ގޮތުގައި 23.5 މިލިއަން ޑޮލަރުވަނީ ލިބިފައެވެ. ޓުއަރުޒަމް މިނިސްޓްރީން ފަތުރުވެރިކަމަށް ދޫކުރި ބިންތަކުގެ އަގާއި ގުޅޭ މައުލޫމާތު ނުދިނުމުން އެކަމުން ސަރުކާރަށް ލިބޭ ފައިސާގެ މިންވަރު ސާފެއް ނޫނެވެ

- ކޮމެންޓް