ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 18:22
ހަނގުރާމާގައި ބައިވެރިވުމަށް އިސްރާއިލް އަސްކަރިއްޔާގެ 300،000 ރިޒަރވިސްޓުން އެގައުމުން ހަނގުރާމައިގެ މައިދާނަށް ނެރެފި
ހަނގުރާމާގައި ބައިވެރިވުމަށް އިސްރާއިލް އަސްކަރިއްޔާގެ 300،000 ރިޒަރވިސްޓުން އެގައުމުން ހަނގުރާމައިގެ މައިދާނަށް ނެރެފި
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
ފަލަސްތީން-އިސްރާއިލް ހަނގުރާމަ - އިސްރާއިލްގެ 300،000 ރިޒަރވިސްޓުންވެސް ހަނގުރާމައަށް ނެރެފި
މިހާ ގިނަ އަދަދެއްގެ ރިޒަރވިސްޓުން ޑްރާފްޓްކޮށްފައި މިވަނީ ކުރިއަށް އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ތަރުޖަމާން ވަނީ ވިދާޅުވެފައި
ތަރުޖަމާން ވަނީ އިސްރާއިިލް އަސްކަރިއްޔާގެ ރައްދު ހަމަލާތައް މިފެށުނީކަމަށް ވިދާޅުވެފައި
300،000 ރިޒަރވިސްޓުން ޑްރާފްޓްކޮށްފައިވާކަމަށް އެގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް ތަރުޖަމާން، ރިއަރ-އެޑްމިރަލް ޑެނިއަލް ހަގަރީ އިއުލާންކުރައްވާފައި ވަނީ ހޯމަ ދުވަހު

މިހާރު ކުރިއަށްދާ ފަލަސްތީން-އިސްރާއިލް ހަނގުރާމާގައި ބައިވެރިވުމަށް އިސްރާއިލް އަސްކަރިއްޔާގެ 300،000 ރިޒަރވިސްޓުން އެގައުމުން ހަނގުރާމައިގެ މައިދާނަށް ނެރެފިއެވެ.

ހަމާސްއާ ދެކޮޅަށް އިސްރާއިލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމަށް އެގައުމުގެ އަސްކަރިއްޔާގެ 300،000 ރިޒަރވިސްޓުން ޑްރާފްޓްކޮށްފައިވާކަމަށް އެގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް ތަރުޖަމާން، ރިއަރ-އެޑްމިރަލް ޑެނިއަލް ހަގަރީ އިއުލާންކުރައްވާފައި ވަނީ ހޯމަ ދުވަހުއެވެ. މިއީ ރިކޯޑް އަދަދެކެވެ. މީގެ ކުރިން މިހާ ގިނަ އަދަދެއްގެ ރިޒަރވިސްޓުން އެގައުމުން ޑްރާފްޓްކޮށްފައެއް ނުވެއެވެ.

މިކަން އިއުލާންކުރައްވާ ތަރުޖަމާން ވަނީ އިސްރާއިިލުން ހަމާސާގެ ހަމަލާތަކުން ދިފާއުވުމަށް ކުރާ މަސައްކަތުގެ އިތުރުން އެގައުމުގެ އަސްކަރިއްޔާގެ ރައްދު ހަމަލާތައް މިފެށުނީކަމަށް ވިދާޅުވެފައެވެ. އަދި މިހާ ގިނަ އަދަދެއްގެ ރިޒަރވިސްޓުން ޑްރާފްޓްކޮށްފައި މިވަނީ ކުރިއަށް އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު، އިސްރާއިލް ގަނޑިން ހެނދުނު 06:30 އެހާއިރު، ހަމާސްއިން އިސްރާއިލަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކަކާއެކު، އިސްރާއިލުން ރައްދު ހަމަލާދޭން ފަށައި، ހަމާސްއާ ދެކޮޅަށް ވަނީ ހަނގުރާމަ އިއުލާނުކޮށްފައެވެ. ހޯމަ ދުވަހު، އިސްރާއިލުން ހަމާސް ޖަމާއަތާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފައިވާއިރު، އެގައުމުން ވަނީ އަމާޒަކީ ހަމާސް ޖަމާއަތް އެއްކޮށް ފުހެލައި އިސްރާއިލްގެ ކޮންޓްރޯލްގެ ދަށަށް ގައްޒާ ގެންދިއުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން އިސްރާއިލް އަސްކަރިއްޔާއިން ދަނީ ގައްޒާގެ އެކި ސަރަހައްދުތަކަށް، ހުއްޓުމެއްނެތި، ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އިސްރާއިލް އަސްކަރިއްޔާގެ އޮފިސަރުން ދަނީ ގައްޒާއާއި އިސްރާލު ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި، ހަމާސްއިން ކޮންޓްރޯލް ނަގާފައިވާ އަވަށްތަކަށް އަރައި އެތަން ތަނަށް ހަމަލާދީ، އެއަވަށްތަކުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އިސްރާއިލް އަސްކަރިއްޔާގެ އަމާޒަކީ ރައްދު ހަމަލާތައް ދިނުމުގެ ކުރިން ބޯޑަރު ސަރަހައްދުގައި ހުރި، އިސްރާއިލްގެ އަވަށްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މީގެ ކުރިން އިސްރާއިލުން ބުނި ނަމަވެސް، މިހާރު އެގައުމުގެ އަސްކަރިއްޔާއި ދަނީ އެއަވައްތަކުގެ ކޮށްޓްރޯލް ނަގަމުންކަމަށް ހަގަރީ ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.

އޭނާ ވަނީ މިހަނގުރާމާގައި، އިސްރާއިލުން 700 މީހުން މަރުވެފައިވާކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި އެގައުމުގެ އަސްކަރިއްޔާގެ 73 މީހެއް ހިމެނޭކަމަށްވެސް އޭނާ ވަނީ ވިދާލުވެފައެވެ. އަދި އިސްރާއިލް އަސްކަރިއްޔާއިން ފަލަސްތީންގެ އެތައް ސަތޭކަ ހަނގުރާމަވެރިންނެއް މަރާލާފައިވާ ކަމަށްވެސް އިސްރާއިލް އަސްކަރިއްޔާގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

މިހަނގުރާމައަށް ހަމާސް ޖަމާއަތުން ނަން ދީފައި ވަނީ "އޮޕަރޭޝަން އަލް-އަޤްސާ ފްލަޑް"ގެ ނަމުންނެވެ. އަދި އިސްރާއިލުން ވަނީ ރައްދު ހަމަލާތައް ދޭން ފަށައި، "އޮޕަރޭޝަން އަޔަން ސްވޯޑްސް" އިއުލާންކޮށްފައެވެ.

ހަގުރާމައިގައި އިސްރާއިލް އަސްކަރިއްޔާއިން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ އިތުރުން މިހާރު އިސްރާއިލުން ވަނީ ޤައްޒާއަށް ދޫކޮށްފައިވާ ކަރަންޓުވެސް ކަނޑާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް