ނިޒާމީ ވޯޓާ ގުޅޭގޮތުން "ދަ ޑިމޮކްރެޓްސް" އިން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މެމްބަރުންނަށް ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީން މިގޮތަށް ގޮވާލައި ބަޔާނެއް ނެރުނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅިގެންނެވެ. ޤާނޫނޫ އަސާސީގެ 262 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭ ނަމަ، ނުވަތަ އެ ކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައިވާ ނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެ. ރާއްޖޭގެ ޤާނޫނު އަސާސީގައި މިހާރު އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާގޮތް ފަދަ "އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ތެރޭގައި ހިމެނޭ އެއްވެސް މާއްދާއަަކަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލުތައް ރައީސަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްފަހުއެވެ.
ޓްރާންސްޕޭރެންސީން ވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުން ކިބައިން ކަމަށާއި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަން ހަދުމަކޮށްދީފައެވެ. އަދި ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ނެތިގެން ދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިޚާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި، ބަދަލު ގެނައުމުގެ ބާރު ނުދިނުންކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިއްމު މާއްދާތަކަށް، ރައްޔިތުންގެ ރުހުމާނުލައި އިންތިޚާބުކޮށްފައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭގޮތަށް މި ބިލު ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.