އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރޝިޕް ފޯމުތައް ހުށަހެޅުމުގައި ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް މަކަރުވެރި އަމަލު ތައް ހިންގަމުންދާތީ ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޭރަންސީ އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނު މި ދަނޑިވަޅަކީ، ސަރުކާރު ހިންގާ، ރައީސް މުއިއްޒުގެ ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ވަގަށް ބޭނުންކޮށް ސޮއި ފޯޖުކޮށް ދޮގު ހެކިދީ މީހުންނަށް ނޭނގި އެތައް ބަޔަކު އެ ޕާޓީ އަށް ވެއްދި ކަމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.
ދައުލަތުގެ ރެކޯޑު ތަކުންނާއި އަމިއްލަ ފަރާތްތަކުގެ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަކަށް އަރައިގަނެވޭ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ބުނެފައިވެއެވެ.
މި ޢަމަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށްވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤާއި ޚިލާފް ކަމެއް ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީ އަކަށް ވަނުމާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އިޚްތިޔާރު ކުރާ ހައްގު ކޮންމެ ރައްޔިތަކަށްވެސް މިނިވަން ކަމާއެކު ބޭނުން ކުރެވެން ވާނެ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.
"ސިޔާސީ ޕާޓީއަކަށް ގުޅުމަކީ ކޮންމެ ރައްޔިތެއްގެވެސް އަމިއްލަ ނިންމުމެކެވެ. އަދި މިއީ ހޭލުންތެރިކަމާއެކު އަމިއްލަ އިޚްތިޔާރުގައި ނިންމަންޖެހޭ ކަމެކެވެ." އެތައް ސަތޭކަ ބަޔަކު އެމީހުންނަށް ނޭނގި ސަރުކާރު ހިންގާ ޕާޓީ އަށް ވައްދާފައިވާތީ އެކަމުގެ ކަން ބޮޑުވުން ގިނަ ބަޔަކު ފާޅު ކުރަމުން ދަނިކޮށް ނެރުނު ބަޔާނުގައި ވެއެވެ.
ދައުލަތުގެ ރެކޯޑްތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިގަނެވޭ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރުމުގެ އިތުރުން، ވެރިފަރާތުގެ އެއްވެސް ހުއްދައެއް ނުވަތަ ރުހުމަކާ ނުލައި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތައް ނިޒާމު ބައްޓަން ކުރެވިފައި މިވަނީ ކީއްވެގެން ތޯ ދެނެގަތުމަށާއި މިފަދަ އަމަލު ތަކުގައި ބައިވެރިވެ ތަރުހީބުދޭ އަމިއްލަ ފަރުދުންނާއި މުއައްސަސާ ތައް އަދި ޕާޓީ ތަކާ މެދު އަޅަންޖެހޭ ސުލޫކީ އަދި ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސް އަދި މިނިވަން ތަހުގީގެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމާއި، މެމްބަރުންނަށް ނޭނގި އެމީހުންގެ ޕާޓީ ބަދަލު ކުރުމަކީ މީޑިއާތަކުންނާއި ވަކިވަކި ފަރުދުން ތަކުރާރުކޮށް ރިޕޯޓު ކޮށްފައިވާ މައްސަލަ އެއް ކަމަށް ވީ ނަމަވެސް ޒާތީ މައުލޫމާތު ބޭނުން ކޮށްގެން އަސާސީ ހައްގުތަކާ ޚިލާފުވުމާ ގުޅިގެން އެއްވެސް ޕާޓީ އަކަށް ވެސް އަދި މުއައްސަސާ އަކާމެދު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ތަމްސީލީ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކަކީ ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ މުހިންމު ބައެކެވެ. އެހެންކަމުން، ސިޔާސީ ޕާޓީ ތަކަކީ އަޚްލާޤީ މިންގަނޑުތައް ދަމަހައްޓާ، ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތަކާއި ސިޔާސަތުތައް ގެންގުޅެން ޖެހޭ ފަރާތްތަކެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި، ޚާއްޞަކޮށް އަމިއްލަ މަޢުލޫމާތާއި ސެންސިޓިވް ޑޭޓާ ބެލެހެއްޓުމުގައި، ވަރުގަދަ އިންޓަރނަލް މެކޭނިޒަމްތަކެއް ޕާޓީގެ އެތެރޭގައި ގާޢިމުވެފައި އޮތުމީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ޓްރާންސްޕޭރަންސީން ބުނެފައިވެއެވެ.
މިނިވަން މުއައްސަސާތަކަކީ، އެތަންތަނުގެ މުސްތަޤިއްލު މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ޙަރަކާތްތައް ބެލެހެއްޓުމާއި، އަސާސީ ޙައްޤުތައް ރައްކާތެރިކުރުމާއި، ހާމަކަން ކަށަވަރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތްތަކެއް ކަން ފާހަގަ ކުރަމުން ޓްރާންސްޕޭރަންސީ އިން ބުނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ކަށަވަރުކުރުމުގެ މެންޑޭޓް އޮންނަ އިލެކްޝަންސް ކޮމިޝަނުން، ސިޔާސީ ޕާޓީތަކަށް މެމްބަރުން ރަޖިސްޓަރީ ކުރުމުގައި މަޖުބޫރު ކުރުވުމެއް ނުވަތ އޮޅުވާލުމެއް ނެތްކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.
ޓްރާންސްޕޭރަންސީ އިތުރަށް ބުނެފައިވާ ގޮތުގައި އާންމުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، މި ޚިލާފުވުންތަކަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. ރައްޔިތުންގެ ހައްގުތަކާ ގުޅޭ މިފަފަ ކަންކަމުގައި އަވަސް އަދި މައުނަވީ ހައްލު ހޯދައި ދިނުމަކީ ސިޔާސީ މުއައްސަސާތަކުގެ އިތުބާރު އިތުރުކުރުމަށް ކުރެވޭނެ ކަމެއްގެ އިތުރުން، ރައްޔިތުން އިޚްތިޔާރުކުރާ ސިޔާސީ ޕާޓީއަކަށް މިނިވަންކަމާއެކު ގުޅުމުގެ ޙައްޤު ރައްކާތެރިކުރުމަށް ކުރެވޭނެ ކަމެކެވެ.
މަކަރު ހީލާތް ހަދައިގެން ގިނަ ބަޔަކު ވެރިކަން ކުރާ ޕީއެންސީ އަށް ވެއްދި މައްސަލަ ސީރިއަސްވެފައިވާ ދަނޑިވަޅެއްގައި ޓްރާންސްޕޭރަންސީ ނެރުނުގެ ބަޔާނުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމަށް އޮޅުވާލައިގެން މެމްބަރުން ރަޖިސްޓަރީ ކުރަމުންދާ މައްސަލަ، ޚާޢްސަ މައްސަލަ އެއްގެ ގޮތުގައި ބަލައި އިލެކްޝަންސް ކޮމިޝަނުން ހާމަ ކަންބޮޑު ފުރިހަމަ ތަހުގީގެއް ކޮށް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލުމުގެ އިތުރުން ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި:
- މީހުންގެ ރުހުމާ ނުލައި މަކަރު ހީލަތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ހުށަހަޅާ ބަލައިގަންފައިވާ ރައްޔިތޔންގެ ރެކޯޑުތައް ފުހެލުމާއި؛
- ޖަވާބުދާރީވުމާއި ހާމަކަން ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ޗެކްސް އެންޑް ބެލެންސާއެކު ސިޔާސީ ޕާޓީތަކުގެ އިންޓަރނަލް މެކޭނިޒަމް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އެޅުމަށާއި މިފަދަ ކަންކަން ގަވާއިދުން މޮނިޓަރ ކޮށް މުރާޖަޢާ ކުރެވޭނެ ނިޒާމެއް ތައާރުފް ކުރުމާއި؛
- ސިޔާސީ ޕާޓީތަކަށް ގުޅުމަށް ހުށަހަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ވަރުގަދަ ވެރިފިކޭޝަން މެކޭނިޒަމްތަކެއް އިލެކްޝަންސް ކޮމިޝަނުން ތަންފީޒުކުރަން ފެށުމާއި؛
- ރައްޔިތުންގެ މުހިންމު އަދި ޒާތީ މަޢުލޫމާތު ހިމެނޭ މައި ޑޭޓާބޭސްތަކުގެ މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ފުރިހަމަ މުރާޖަޢާއެއް ހެދުމަށް. އަދި ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުތެރި ކޮށް ހިމާޔަތް ކުރެވޭނެ ފަދަ ގޮތަކަށް ގާނޫނީ އޮނިގަނޑޫ ހަރުދަނާ ކުރުމާއި؛
- ސިޔާސީ މުއައްސަސާތަކުގެ މެދުގައި ޑިމޮކްރެޓިކް އަސާސްތައް ކުރިއެރުވުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރެވިގެންދާ ގޮތް ތަކާ ބެހޭ ގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށާއި، އަދި ޝަކުވާ ހުށަހެޅުމާއި ޙައްލު ހޯދުމަށް ހުރި ނިޒާމުތައް ހަރުދަނާ ކުރުމާއި؛ އަދި
- ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބަލަހައްޓާ ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ހިމެނޭ ހަރުދަނާ ޑޭޓާ ޕްރޮޓެކްޝަން ޤާނޫނެއް އެކުލަވާލާ ތަންފީޒުކުރުމެވެ.
ސަރުކާރާއި ސިޔާސީ ޕާޓީތަކަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ރައްޔިތުންގެ މުހިންމު އަސާސީ ހައްގެއް ކަމަށްވާ، ޒާތީ ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށް، މައުލޫމާތު ލިބިގެން އަމިއްލަ އިޚްތިޔާރުގައި ނިންމުންތައް ނިންމުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.
ޓްރާންސްޕޭރަންސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ "ހައްގުތައް ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކޮށް މައުލޫމާތުގެ ޕްރައިވަސީ ހަރުދަނާކޮށް އަދި ވަރުގަދަ ޖަވާބުދާރިވުމުގެ ނިޒާމުތައް ގާއިމު ކުރުމުގެ ތެރެއިން ޑިމޮކްރަސީގެ އަސާސް ދެމެހެއްޓިދާނެ؛" ކަމަށެވެ.