ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 05:22
ޕީއެސްޖީން ކުޅުނު މެޗެއްގައި ވިޓީނިއާ
ޕީއެސްޖީން ކުޅުނު މެޗެއްގައި ވިޓީނިއާ
ރޮއިޓާސް
ޕީއެސްޖީ
ވިޓީނިއާ ހުރީ ޕީއެސްޖީ އާއެކު ކުރިއަށް ދާން
 
ވިޓީނިއާ ބުނީ، ޕީއެސްޖީ އަށް ބަދަލުވި ފަހުން ކުލަބުގައި ކަންކަން ކުރިއަށް ދަނީ ރަނގަޅަށް ކަމަށް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ، ވިޓީނިއާ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ ޕީއެސްޖީގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގަ އެވެ. ވިޓީނިއާ ބުނީ، ޕީއެސްޖީ އަށް ބަދަލުވި ފަހުން ކުލަބުގައި ކަންކަން ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި، އެކަމާ އޭނާ އުފާވާ ކަމަށެވެ. ޚާއްސަކޮށް ފްރާންސްގެ ވެރި ރަށް ޕެރިހުގައި އުޅެނީ ހިތްހަމަ ޖެހިގެން ކަމަށާއި، ޕީއެސްޖީ ގައި ދިގު މުއްދަތަކަށް ހުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވިޓިނިއާ ވަނީ ބުނެފަ އެވެ. އިތުރަށް ވިޓީނިއާ ބުނީ ދަނޑު މަތީގައި ދެއްކޭ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އެހެން މީހުންނަށް ވެސް އެކަން ފާހަގަވާނެ ކަމަށެވެ. ޚާއްސަކޮށް މި ސީޒަން ފެށިގެން މިހާތަނަށް އޭނާ އަށް ރަނގަޅު ކުޅުމެއް ދެއްކޭ ކަމަށާއި، އެގޮތުގައި ދެމި ހުންނަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޕޯޓޯ އިން ސީނިއާ ކެރިއަރު ފެށި ވިޓީނިއާ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި ހުންނާނެ އެވެ. ވިޓީނިއާ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 55 މެޗުން ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ ފްރާންސް ލީގު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ކާމިޔާބު ކޮށްފަ އެވެ.

ވިޓީނިއާ އަންނަނީ މިދިޔަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 10 މެޗު ކުޅެދީފަ އެވެ. ޕޯޗުގަލް އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުގައި ވެސް އޭނާ ވަނީ ހިމެނިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް