ރިފަރެންޑަމް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ފުރިހަމަ ތައްޔާރީތަކާއެކު އެކަށީގެންވާ މައުލޫމާތާއެކު ނިންމަންޖެހޭ ނިންމުމެއް ކަމަށާއި ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް އެ ފަދަ ވޯޓެއް ބޭއްވިގެން ނުވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ޓްރާންސްޕޭރެންސީން ބުނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ނިޒާމަށް ބަދަލު ގެނައުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓަށް އަމާޒުކޮށްގެން ވޯޓުލާ މީހުންގެ މައުލޫމާތާއި ހޭލުންްތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި، ހިންގުމަށް ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. މިފަދަ ވޯޓެއް އެހާ އަވަސް މުއްދަތެއްގެ ތެރޭގައި ނެގުމަށް ނިންމާފައިވާއިރު ވޯޓުލާ ފަރާތްތަކަށް ނިޒަމާށް ގެންނަ ބަދަލުތަކާ ގުޅިގެން ހުށަހެޅޭ މައުލޫމާތަށް ރިއާޔަތްކޮށް ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ޓްރާންސްޕޭރެންސީން ވުނީ ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ ބެހޭ ވޯޓު ނެގުމުގެ ކުރިން ހުށަހަޅާ ނިޒާމުތަކަކީ ކޮބައިކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތަކާއި ނިޒާމީ ބަދަލެއް އައުމުން ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެގޮތް ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެން އެ ޖަމިއްޔާއިން ވަނީ ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި އެހެނިހެން ކަމާ ގުޅުންހުރި އިދާރާތަކަށް ތިން ކަމަކަށް ގޮވާލާފައެވެ. އެއީ:
- ސަރުކާރު ހިންގުމަށް ހުށަހަޅާފައިވާ ނިޒާމުތައް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ އަދި ޤައުމީ ފެންވަރުގެ ވޯޓަރ އެޑިއުކޭޝަން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުން،
- ހުށަހަޅާފައިވާ ނިޒާމުތަކާ ބޭހޭގޮތުން އާންމުންގެ ޚިޔާލު ފާޅުކުރުމަށާއި ބަހުސްތަކަށް އެކަށީގެންވާ ވަގުތު ދީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ހިންގުމުގެ ނިޒާމަށް ބަދަލެއް އައުމުން ކުރާނެ އަސަރުތައް ދެނެގަނެވޭނެ ކަން ކަށަވަރުކުރުން،
- ވޯޓު ނެގުމަށް ތައްޔާރުވުމާއި ވޯޓު ނެގުމަށްފަހު ނިންމޭ ނިންމުންތަކުގެ މަރުހަލާތަކުގައި ރައްޔިތުން، ވަކިން ހާއްސަކޮށް ޒުވާނުންނާއި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުން
މީގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަކީ ޚަރަދުބޮޑު މަސައްކަތަކަށްވުމާއެކު ނެގޭ ވޯޓަކީ ސިޔާސީ މަންފާއަށްވުރެ، ވޯޓުލާފަރާތްތަކުގެ ފުރިހަމަ މައުލޫމާތުގެ މައްޗަށް ނެގޭ ވޯޓެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
ރާއްޖޭގައި މިހާރު އޮތް ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމަށް އަންނަ އޮކްޓޯބަރު މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 20 ވަނަ ދުވަހު ފާސްކޮށްފައެވެ. މި ގަރާރާ އެއްގޮތަށް އީސީއަށް އެކަން އަންގާފައިވާއިރު 29 އޮކްޓޯބަރުގައި ވޯޓު ނެގުމަށް މަޝްވަރާކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.