ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް ނިޔާވެފައިވާ އާދަމް އަތުހަރުގެ ހައްޔަރާއި މަރުވި ގޮތާއި ބެހޭގޮތުން އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ހިދުމަތުގެ ތަހުގީގަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ ހާލުދެރަވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި އަދި މި މައްސަލަގައި ސީންއަށް އެޓެންޑްކުރި ގޮތާއި މި ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި ގުޅޭގޮތުން މި ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާވުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުން ހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
އަދި ވަކިން ހާއްސަކޮށް، އަތުހަރު ހައްޔަރުކުރެވުނުއިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި، އަދި މަރްހޫމްގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑްގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމުކަންކަން ކަމުގައި ގަބޫލުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާށާއި، އާއިލާއަށް އިހުތިރާމް ކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތައް ގެންދިޔުމަށް ވެސް އެންމެހާ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވާއިރު، މީގެ އިތުރުންވެސް އިސްލާހީ ބަދަލުތައް އަވަހަށް ގެނައުމަށް ގޮވާލާފައިވެއެވެ.
އިސްލާހީ ބަދަލުތައް
- ތަހުގީގު ހާމަކަން ބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަން ހާމަކުރުން.
- ކަސްޓޯޑިއަލް ޖަލުތަކުގައާއި ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތާއި, ޖަލުތައް ހިންގޭގޮތް ގަވާއިދުން މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމްތައް ހަރުދަނާކޮށް، ޖަލުތަކުގެ ހާލަތާއި ހައްޔަރުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރެވޭގޮތްތައް ހަރުދަނާކުރުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ އިސްލާހުތައް ގެނެއުމަށް މައުނަވީ ގޮތެއްގައި މަސައްކަތްކުރުން.
- ކަސްޓޯޑިއަލް ޖަލުތަކާއި ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަންގެ ހިދުމަތްތައް ބަންދުގައި ތިބޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުން.
- ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރެއިން ކޮންމެ މީހެއްގެވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތް އެންމެނަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމާއި އަދި ޚާއްސަކޮށް ނަފްސާނީ ބަލިތަކާއި މަސްތުވާ ތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލްކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުން މަދުކުރުމަށާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނޭ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އިންވެސްޓްކުރުން އަދި ބަންދުގައިވާ ފަރާތްތަކަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމާއި ސިއްހީ ނިޒާމް އަދި އިޖްތިމާއީ ހިދުމަތުގެ ނިޒާމްގައި ހަރަކާތްތެރިވާ މުއައްސަސާތައް މިހާރަށްވެރެ ހަރުދަނާ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުން.
- ރަހީނުކުރެވޭ ހާލަތްތައް ފަދަ ހައްސާސް ހަލާތްތަކުގައި ގެންގުޅޭ އުސޫލުތަކާއި އިޖްރާއަތްތައް މުރާޖާކުރުމާއި އެކު، މިފަދަ ހާލަތްތަކުގައި މައިގަނޑު އަމާޒަކަށްވާންވާނީ ކްރައިސިސް އިންޓަރވެންޝަން އަދި ޑީ-އެސްކެލޭޝަން ޓެކްނީކްސް ބޭނުންކުރުން ކަމުގައި ޔަގީންކުރުން. އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފުލުހުންނަށް މިފަދަ ޕްރެޝާ ބޮޑު ހާލަތްތައް މެނޭޖްކުރާނޭ ގޮތާއި އަދި މިފަދަ މުހިމުން މި ދާއިރާތަކުން ފުރިހަމަ ތަމްރީންދީ ރައްކާތެރިކަމާއި ބޭނުންވާ ހުނަރާއިތައް ދަސްކޮށްދިނުން.
- ޤާނޫނުލް އުގޫބާތާއި ޖިނާޢީ އިޖުރާއަތްތައް ބޭނުންކުރުމުގައި ރުޖޫއީ އިންސާފު ނޫނީ ރެސްޓޮރޭޓިވް ޖަސްޓިސްގެ ފަލްސަފާ ގެ އަލީގައި މަސައްކަތްކުރުމަށް، މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކާއި، ޤާނޫނުތަކާއި ގަވައިދުތައް މުރާއަޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ގައިދީންނަށްދެވޭ ފުރުސަތުތަކުގެ ތެރޭގައި މައާފުދިނުމާއި، ޕެރޯލް އަދި ޕްރޮބޭޝަން ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ބާރުއެޅުން.
- ދިވެހި ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީތަކުގެ ހާލަތާއި ގުޅޭގޮތުންނާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން ފަރާތްތައް މަރުކަޒުކޮށްފައިވާ ތަންތަނާގުޅޭގޮތުން މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާވެސް އަވަހަށް ތަންފީޒުކުރުން.
އަތުހަރު މަރުވެފައިވަނީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދިމާވި ހާދިސާއަކާއި ގުޅިގެން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.