ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 10:09
މެޗަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
އެތުލެޓިކޯ އަތުން ބަލިވެ، ރެއާލުން ފުރުސަތު ނަގާލައިފި
މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗު

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑު ނެގުމުގެ ފުރުސަތު ރެއާލަށް އޮތެވެ. އެހެން ނަމަވެސް، އެތުލެޓިކޯ އިން ވަނީ ރެއާލްގެ މައްޗަށް 3-1 އިން ކުރި ހޯދައިފި އެވެ. މުޅި މެޗުގައި ވެސް އެތުލެޓިކޯ އިން ވަނީ ރަނގަޅަށް ކުޅެފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. އެއީ ލިނޯ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ފުޅާކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. އެއީ ސައުލް ނިގުއޭޒް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ގާތް ގާތުގައި އެތުލެޓިކޯ އިން ދެ ލަނޑު ޖެހިއިރު، ރެއާލްގެ ގޯލުގައި ހުރި ކެޕާ އަރިއްޒަބަލާގާ އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެތުލެޓިކޯގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އެ ލަނޑު ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސް އެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ނިގުއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިން ވަނަ ލަނޑު ޖެހީ މޮރާޓާ އެވެ.

މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ. ބައްޔާއެކު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. އެއީ ކުޅުނު ހަ މެޗުން 15 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޖިރޯނާ އާއި އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ވެސް ލިބެނީ 16 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުން ކުރި ހޯދަނީ ބާސެލޯނާ އެވެ. ރެއާލް އަތުން މޮޅުވި އެތުލެޓިކޯ އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

- ކޮމެންޓް