ޕީޕީއެމް އާއި ޖޭޕީ އަދިއެމްޑީޕީ އަށް ވެސް ބަދަލުވީ އެއްވެސް ފައިސާ ނަންގަވައިގެން ނޫން ކަމަށާއި އަނބިދަރިން ހެކިކޮށް އެވާހަކަ ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އެ ހުރި ތަނެއްގައި ޓަފްކޮށް، ގުރުބާން ވެގެން ކަމަށެވެ. އެހެންނަމަވެސް އޭނާ ޕާޓީ ބަދަލުކުރަނީ ފައިސާ ނަގައިގެން ކަމަށް ބުނާތީ އެކަމަށް އޭނާ ވަނީ ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ ފަށާއިރު ޕްރޮގްރާމަށް ވަޑައިގަތް އިރު ހުންނެވީ ފަތިސް ނަމާދަށް ކުރެއްވި ވުޟޫ މަތީގައި ކަމަށާއި އެއްވެސް ޕާޓީއަކަށް ފައިސާގެ ބަދަލުގައި ގޮސްފައި ނުވާ ކަމަށެވެ، އެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖޭޕީގެ ލީޑަރ ޤާއިމް އިބްރާހިމް އަރިހުން އެހިޔަސް ސާފުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ރައީސް ޞާލިހު އަކީ ކެތްތެރި މަޑުމައިތިރި ބޭފުޅެއް ކަަމަށާއި އެއީ ތަފާތު ކެރެކްޓަރ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސަށް ތާޢީދުކުރައްވާ ސަބަބަކީ އެއީ ކަަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ބޭފުޅުން ކޯލިޝަން ތެރެއިން ގެންގުޅުއްވުމުގައި ބެހެއްޓެވީ ވަރަށް ކެތްތެރި ގޮތްތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކުރިއާއި ޚިލާފަށް މިއަދު ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް މިނިވަންކަން ލިބިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ސަރުކާރުގައި ތިބި ބައެއް ޕާޓީތަކާއި މެދު ކޯލިޝަން ނެތަސް ޚިޔާރުކުރެއްވީ މަޑައުމައިތިރިކަން ކަަމަށް ވެސް އިލްހާމް ވިދާޅުވިއެވެ. މަޖިލީހުގެ މަޝްރަހު ހޫނުވެ އެހެން މެމްބަރުން ޒުވާބު ކުރިއަސް އެމަނިކުފާނު ދައްކަވަނީ މަޑުމައިތިރިކަން ކަމަށް އިލްހާމް ވިދާޅުވިއެވެ.