ކުޅުންތެރިންގެ ގޮތުގައި ތިބެނީ އިންސާނުން ކަމަށާއި، އެއީ ރޮބަޓުން ނޫން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ޔުނައިޓެޑުން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު، ޔުނައިޓެޑު އޮތީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އެއީ ޕްރިމިއާ ލީގުގައި އާސެނަލް އަދި ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗެވެ. އެހެންކަމުން ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ނިކުންނައިރު، ޓެން ހާގަށް ޕްރެޝަރު ބޮޑުވާނެ އެވެ.
ޓެން ހާގް ބުނީ، ޓީމުގެ ކުޅުންތެރިންނަށް ގިނަ ކަންކަމަށް ބާރު އަޅައި، އެމީހުންގެ ކިބައިން އެކި ކަންކަމަށް އެދެމުން އަންނަ ކަމަަށެވެ. އެހެން ނަމަވެސް، އެމީހުންނަކީ ވެސް އިންސާނުން ކަމަށާއި، އެއީ ރޮބަޓުން ނޫން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންވުމުން ކުޅުންތެރިން އެމީހުންނަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް ޓެން ހާގް ޤަބޫލު ކުރެ އެވެ. ނަމަވެސް، ބައެއް ފަހަރު އޭނާގެ އެދޭ މިންވަރަށް ކުޅުންތެެރިންނަށް މަސައްކަތް ނުކުރެވޭކަން އޭނާ ފާހަގަ ކުރި އެވެ. އަދި އެކަން އެހެންވާން ޖެހޭ ސަބަބު ވެސް ދެނެގަންނަން މަސައްކަތް ކުރާ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އެކަންކަމަށް އެންމެ އެކަށީގެންވާ ރަނގަޅު ޙައްލު ހޯދައި، ކުޅުންތެރިން ގަދައަޅާ މަސައްކަތް ކުރުމަށް ހިތްވަރު ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. ލީގުގައި ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.