ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ފުރަތަމަ ބުރުގައި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އުމަރު ނަސީރު ނިންމަވައިފިއެވެ.
އުމަރު މިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ފޭސްބުކް ލައިވެއްގައެވެ. އެގޮތުން، ދެވަނަ ބުރުގައި ވާދަ ކުރާ ދެ ޕާޓީގެ ވެރިކަންވެސް ތަޖުރިބާވެފައިވާ ކަމަށާއި މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމި ހުންނެވުމަށް އިދިކޮޅުގައި ހުންނަވާނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށެވެ. އެހެންވެ އެކަން ކޮޅެއްގައި ޖެހެންދެން ސަރުކާރަކަށްވަދެ އަނގަ ލައްޕަވައިގެން ހުންނަން ބޭނުންފުޅު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި އުމަރު ވަނީ ދެ ސިޔާސީ ޕާޓީ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށްވުރެ ގިނައިން ވޯޓު ހޯއްދަވާފައެވެ. އެގޮތުން، އޭނާއަށް 6،343 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވި ކެންޑިޑޭޓެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު މިހާތަނަށް ދެވަނަ ބުރަށް ނުދާ ހުރިހާ ކެންޑިޑޭޓުން ވަނީ ދެވަނަ ބުރުގައި ނިންމާ ގޮތް ހާމަކުރައްވާފައެވެ. ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އާއި ފާރިސް މައުމޫން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމަވާފައެވެ. އެމްއެންޕީން ނިންމީ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ތާއީދު ކުރުމަށެވެ.
މި މަހުގެ 30ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ.